ވާރޭވެހޭ ދުވަސްތަކަކީ ގިނަ މީހުންނަށް ވަރަށް "ލޭޒީ" ނުވަތަ ކަންނެތް ދުވަސްތަކެކެވެ. އެނދުން ތެދުވާން އުނދަގޫވެ، މީހާގެ މޫޑު ދަށްވެ، ނުވަތަ މާ ބޮޑަށް ނިދި އަންނަ ގޮތްވެ އެވެ. މިއީ ހަމައެކަނި ހީވާ ހީވުމެއް ނޫނެވެ. މީގެ ފަހަތުގައި ސައިންޓިފިކް ސަބަބުތަކެއް އެބަހުއްޓެވެ.
ވާރޭ ވެހުމުން މޫޑަށް އަސަރުކުރާ މައިގަނޑު ސަބަބުތައް
1. އިރުގެ އަލި މަދުވުން
ވާރޭ ވެހޭއިރު އުޑުމަތި ބަނަވެ، އިރުގެ އަލި ލިބޭ މިންވަރު މަދުވެ އެވެ. މީގެ ސަބަބުން އަހަރެމެންގެ ހަށިގަނޑުގެ ބައެއް ހޯމޯންތަކަށް ބަދަލު އާދެ އެވެ:
- ސެރަޓޯނިން: މިއީ އުފާވެރިކަން އިހުސާސްކޮށްދޭ ހޯމޯން އެވެ. އިރުގެ އަލި މަދުވުމުން މި ހޯރމޯން އުފައްދާ މިންވަރު ދަށްވެ، މީހާ މާޔޫސްވާ ގޮތްވެ އެވެ.
- މެލަޓޯނިން: މިއީ ނިދި އަންނަން އެހީތެރިވެދޭ ހޯމޯން އެވެ. އަލި މަދުވުމުން ހަށިގަނޑުން ގިނައިން މެލަޓޯނިން އުފައްދަން ފަށަ އެވެ. އޭގެ ނަތީޖާއަކީ މުޅި ދުވަހު ނިދި އައިސްފައި ހުރުމެވެ.
2. ވާރޭގެ އަޑު
ވާރޭގެ ތިކިތައް ޖަހާ އަޑަކީ "ލޯލިންގ" އަސަރެއް ހުންނަ އަޑެކެވެ. ސައިންސްވެރިން ބުނާ ގޮތުގައި ވާރޭގެ އަޑަކީ "ޕިންކް ނޮއިޒް" އެކެވެ. މިއީ ސިކުނޑިއަށް ހަމަޖެހުން ގެނެސްދީ، ނިދަން ފަސޭހަކޮށްދޭ އަޑެކެވެ. އެހެންކަމުން ވާރޭ ވެހޭއިރު މަސައްކަތަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އޮށޯވެލަން ބޭނުންވެ އެވެ.
3. ވައިގެ ޕްރެޝަރާއި ތެތްކަން
ވާރޭވެހޭއިރު ވައިގެ ޕްރެޝަރު ނުވަތަ "ބެރޯމެޓްރިކް ޕްރެޝަރު" ދަށްވެ އެވެ. މީގެ ސަބަބުން ހަށިގަނޑުގެ ޓިޝޫތަކަށް ބަދަލު އައިސް، ބައެއް މީހުންނަށް ބޮލުގައި ރިއްސުމާއި، ހުޅުހުޅުގައި ރިއްސުން ފަދަ ކަންކަން ދިމާވެ އެވެ. މިފަދަ ތަދުތަކުގެ ސަބަބުން މީހާގެ މޫޑު ގޯސްވުމަށް މެދުވެރިވެ އެވެ.
ވާރޭ ވެހޭ ދުވަސްތަކުގައި ކޮންމެވެސް ވަރަކަށް މޫޑު ބަދަލުވުމަކީ އާދައިގެ ކަމެކެވެ. ނަމަވެސް ކޮންމެ ފަހަރަކު މޫސުން ބަދަލުވާއިރު މާ ބޮޑަށް ދެރަވެ، އެކަނިވާން ބޭނުންވާނަމަ އެއީ ނަފްސާނީ ބައްޔެއް ކަމަށްވާ ސީޒަނަލް އެފެކްޓިވް ޑިސްއޯޑާ ކަމަށް ވެސް ވެދާނެ އެވެ.
ވާރޭ ވެހޭ ދުވަހެއްގައި ބޭނުންވަނީ ހަމައެކަނި "ރަޖާގަނޑު ދަށުގައި" އޮންނަން ކަމަށްވާނަމަ، އެއީ ތިބާގެ ކަންނެތް ކަމަށްވުރެ ބޮޑަށް ތިބާގެ ބަޔޮލޮޖީގެ ސަބަބުން ވާ ކަމެއްކަން ދަނެގަންނާށެވެ! އުފާވެރި ވިއްސާރަ ދުވަހަކަށް އެދެމެވެ.
"ހިމޭން އަޑު" ގެ ނަމުގައި ހާއްސަ ޓީވީ ޕްރޮގްރާމެއް ފައްޓައިފި
އީރާނުން އެއްބަސްވުމަކަށް ނައިސްފިނަމަ، ހަނގުރާމަ ފަށަން ތައްޔާރު
މާލެއިން ޓެކްސީއެއް ހޯދުން: ކުޑަ ވަރެއްގެ ހަނގުރާމައެއް!