ހުޅަނގުގެ ގައުމުތަކުން އީރާނާ ދެކޮޅަށް ހަރުކަށި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް، އީރާނުން ބޭރުކުރާ ސާފުނުކުރާ ތެޔޮ ނުވަތަ ކްރޫޑް އޮއިލްގެ 90 އިންސައްތަ ޗައިނާއިން ގަންނަމުންދާކަން ހާމަވެއްޖެ އެވެ. މިއީ ބައިނަލްއަގުވާމީ މައިދާނުގައި އީރާނަށް ކުރިމަތިވެފައިވާ މާލީ ފިއްތުންތަކުން ސަލާމަތްވުމަށް ލިބޭ ބޮޑު އެހީތެރިކަމެއްގެ ގޮތުގައި ބެލެވެ އެވެ.
ޗައިނާ އާއި އީރާނާ ދެމެދު އޮތް މި އިސްތިރާތީޖީ ގުޅުމުގެ ސަބަބުން، ހުޅަނގުގެ ބާރުގަދަ ގައުމުތަކުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ދުނިޔޭގެ ބޮޑެތި ބާރުތަކަށް މާ ބޮޑު އަސަރެއް ކުރާ ކަންކަން ނޫންކަން މިވަނީ ސާބިތުވެފައެވެ. ޚާއްސަކޮށް ހަކަތައިގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން މިވަނީ އިތުރަށް ވަރުގަދަވެފަ އެވެ.
މި މުއާމަލާތްތަކުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ބޭނުންވާ ބޭރު ފައިސާ ލިބުމުގެ މަގު ފަހިވެފައިވާއިރު، ޗައިނާއަށް ބޭނުންވާ ހަކަތަ ހެޔޮ އަގުގައި ހޯދުމުގެ ފުރުސަތު ލިބިގެންދެ އެވެ. މިއީ އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އީރާނުގެ ނިއުކްލިއާ މަޝްރޫއާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ކުޑަވެގެންދާ ކަމެއްގެ ގޮތުގައި މުހައްލިލުން ފާހަގަކުރެ އެވެ.
"މި އިސްތިރާތީޖީ އިއްތިހާދުން ސާބިތުކޮށްދެނީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި އެއްވެސް ބުރަދަނެއް ހުރި ކަންކަން ނޫންކަން،" ކަމާބެހޭ މާހިރުން ވިދާޅުވެ އެވެ.
މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ސިޔާސީ އަދި އިގްތިސާދީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެ އެވެ.
އިޒްރޭލާއި ލުބުނާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް
ކާރިސާ ކޮމިޓީގެ މެންބަރުންގެ އަދަދު ފަހަކަށް މަދުކޮށްފި
އަބަދުވެސް ރަނގަޅު މައިބަފައިންނަށް ވެވޭތޯ ބަލަން: ވިކްޓޯރިއާ