ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައި، އެކަން އިއުލާންކުރައްވައިފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ތާއީދުކުރައްވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ފައްޔާޒަށް ތާއީދު ކުރައްވަން ނިންމެވީ މިއަދު އޭނާ އިއުލާންކުރެއްވި އިސްލާހީ ބަދަލުތައް ހަގީގަތަކަށް ހެދުމުގެގޮތުން ކަމަށެވެ. އަދި އެ ބަދަލުތައް ގެނައުމަށް މަގުފަހިކުރުމުގެގޮތުން އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބައެއް އިސްލާހުތައް ވެސް ހިއްސާކުރައްވާފަ އެވެ. އޭގެތެރޭގައި ސަރުކާރުގެ ވެރިޔަކާއި ދައުލަތުގެ ވެރިއެއް ހުންނަގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އިސްލާހުގައި ހިމެނޭ ދައުލަތުގެ ވެރިޔާގެ މަގާމަށް ޝައުގުވެރިވާކަން ނަޝީދު ވަނީ ހާމަކުރައްވާފަ އެވެ.

ފައްޔާޒު މިއަދު އިއުލާންކުރެއްވި އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކަށް ސަރުކާރުގެ ނުފޫޒު ވަނުން ހުއްޓުވުމަށްޓަކައި ގެންނަން ހުށަހަޅާ އިސްލާހުތަކެއް ވެސް ހިމެނެ އެވެ.

ފައްޔާޒުގެ އިތުރުން ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވާދަކުރައްވަން ވަނީ ނިންމަވާފަ އެވެ.