ޖިނާއީ ކޯޓު ނުވަތަ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލްގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ތަހުގީގު ކުރަން ފަށައިފި އެވެ.

މިއަދު ޖޭއެސްސީއިންބޭއްވި ބައްދަލުވުމުގައި ބަލަން ނިންމާފައިވަނީ މީހެއްގެ ބަންދާ މެދު ގޮތް ނިންމުމުގައި ކަނޑައެޅިގެން ގާނޫނާ ހިލާފަށް ޝަކީލް އަމަލު ކުރެއްވި ކަމަށް ބުނާ މައްސަލައެކެވެ.

"ހުރިހާ" ނޫހަށް އެނގިފައިވާ ގޮތުގައި ޝަކީލާ ގުޅޭ ގޮތުން ބަލަމުން ދަނީ އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ގޭބަންދަށް ބަދަލުކުރަން ނެރުނު އަމުރުގެ މައްސަލަ އެވެ. އަމީންއަކީ އެމެރިކާއިން ވެސް ބްލެކް ލިސްޓުކޮށްފައިވާ ޓެރަރިސްޓެކެވެ.

އެމެރިކާއިން ހާމަކޮށްފައިވާ ގޮތުގައި އަމީންއަކީ ރާއްޖޭގެ އިސްލާމިކް ސްޓޭޓުގެ ގޮފީގެ ހެޑް ނުވަތަ ހިންގުމާއި ހަވާލުވެ ހުންނެވި ފަރާތެވެ. ސަލްޓަން ޕާކުގެ ބޮން ގޮއްވާލި މައްސަލައިގައި ވެސް އަމީން ވަނީ ބައިވެރިވެފަ އެވެ. ރާއްޖޭގައި ހުރެގެން ސީރިއާ، އިރާގު، އަދި އަފްގާނިސްތާނަށް ދިވެހިން ހަނގުރާމަކުރަން ފޮނުވައި، އިސްލާމިކް ސްޓޭޓަށް ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދޭ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަމީންއަކީ އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓުގެ ލިޑަރުންނާ ގަތްގުޅުމެއް އޮންނަ މީހެއް ކަމަށް ވެސް އެމެރިކާއިން ވަނީ ތުހުމަތުކޮށްފަ އެވެ.

އެމެރިކާއިން ޓެރަރިސްޓެއް ކަނޑައަޅާފައިވާ މުހައްމަދު އަމީން

އަމީން ގޭބަންދަށް ބަދަލުކުރަން ޝަކީލު އަމުރުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފަ އެވެ.

ޝަކީލްގެ ސުލޫކީ އެ މައްސަލަ ބެލުމަށް ޖޭއެސްސީއިމް ވަނީ ތަހުގީގު ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

މީގެކުރިން ވެސް، ޝަކީލްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލައި، އޭނާ ކުއްލި ގޮތަކަށް ކްރިމިނަލް ކޯޓުން ފެމެލީ ކޯޓަށް ބަދަލުކުރި އެވެ. އެއީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަ ކުރިމިނަލް ކޯޓުން ބޭރުކުރުމުންނެވެ. އޭގެފަހުން ފެމެލީ ކޯޓުގައި ހުންނެވުމަށް ފަހު އޭނާއަށް އަނެއްކާވެސް ކުރިމިނަލް ކޯޓުގެ ގާޒީކަން ދިނީ އެވެ. ފަހުން ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމު ހުސްވުމާ އެކު، އެ މަގާމަށް އޭނާ އެކަނި ކުރިމަތިލެއްވުމުން މަގާމަށް އައްޔަންކުރި އެވެ.

ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވީ އަހުމަދު ހައިލަމް އެވެ. ހައިލަމްއާ ގުޅޭ ސްލޫކީ މައްސަލައެއް ޖޭއެސްސީއިން ބަލަމުން ދަނިކޮށް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ހައިލަމް އިސްތިއުފާ ދިނުމުން ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވީ ގާޒީ އަލީ ރަޝީދު އެވެ.

ގާޒީ އަލީ ރަޝީދު މިހާރު ހުންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގަ އެވެ.