ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހުށަހެޅުއްވި އިސްލާހީ "ބޮޑު ބަދަލު"ގެ ތެރޭގައި ސަރުކާރުގެ ވެރިޔަކާއި ދައުލަތުގެ ވެރިޔަކު އިންތިހާބުކުރާގޮތަށް ހިމަނައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވިގޮތުގައި އެފަދަ ބަދަލެއް ގެންނަން ބޭނުންވަނީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގައި ހުރި ބައެއް އުނިކަންކަން ކަމުގެ ސަބަބުން، ރާއްޖޭގައި ވެރިކަން ހިންގަމުންދަނީ ރައީސްގެ ބާރު ގިނަވެ، ރައްޔިތުންގެ އާންމު ހާލަތު ނިކަމެތިވާ މިސްރާބަށް ކަމަށްވާތީ އެވެ.
އެ އިސްލާހުގައިވާގޮތުން ސަރުކާރު ހިންގާ ވެރިޔަކީ ރައްޔިތުންގެ ވޯޓުން ހޮވާ މީހެކެވެ. ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީކުރެވޭނެ ނިޒާމެއް ގާއިމުކުރާނެ އެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާއަކީ، ރައްޔިތުންގެ މަޖިލީހާއި ކައުންސިލުތައް ފަދަ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ އަޣްލަބިއްޔަތުން އައްޔަންކުރާ މީހެއް ކަމަށް ކަނޑައެޅުމަކީ ވެސް އެ އިސްލާހުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، އެބަދަލުތައް ހޯދަން އެކި ގޮތްގޮތުން އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށާއި އޭގެ ތެރޭގައި މަގުމަތީގެ ހަރަކާތްތަކާއި ހިނގާލުންތައް ވެސް ހިމެނޭނެ ކަމަށެވެ.
"މި ބަދަލުތައް ހޯދުމަށްޓަކައި ކުރާންޖެހުނު ކޮންމެ ކަމެއް އަޅުގަަނޑުމެން ކުރާނަން. އޭގެ ތެރޭގައި ސީދާ ހަރަކާތަށް ދިޔުން. އޭގެ ތެރޭގައި ސުލްހަވެރި ހިނގާލުންތައް ބޭއްވުން. އޭގެ ތެރޭގައި އެއްވުންތައް ބޭއްވުން، ޖަލްސާތައް ބޭއްވުން،" ނަޝީދު ވިދާޅުވި އެވެ.
އެ އިސްލާހުތައް އެމްޑީޕީގެ ގައުމީ މަޖިލީހާއި ކޮންގްރެސްއަށް ހުށަހަޅުއްވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. އަދި އެ ބަދަލުތަކަށް އެމްޑީޕީގެ މެންބަރުންނާއި ރައްޔިތުންގެ ތާއީދު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނަޝީދާއި ފައްޔާޒު ވިދާޅުވި އެވެ.
ގަސްގަހާގެހިން ލިބޭ ކާނާއިން "ޑިމެންޝިއާ"ގެ ނުރައްކާ ކުޑަވޭ!
ޕީއެންސީގެ އެސްޖީ ކަމުން މުއާޒު އިސްތިއުފާ ދެއްވައިފި
ޓާކިޝް އެއާލައިންސްގެ ދަތުރުތައް އިތުރުކުރަނީ
