ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވި މީހުންގެ އަދަދު 10،000އިން މައްޗަށް މިއަދު އަރައިފި އެވެ.

ހެލްތު ޕްރޮޓްކެޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު އިރުއޮއްސުމާ ހަމަޔަށް 24 ގަޑިއިރުގެ ތެރޭގައި އިތުރު 75 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 66 މީހަކާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 9 މީހެކެވެ. އެއާ އެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ މިހާރު 10،014 އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް ކުއްލިއަކަށް އިތުރުވާން ފެށީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅުގަ އެވެ. ބަލި ފެތުރުން ކޮންޓްރޯލްކުރަން ސަރުކާރުން އެޅި ފިޔަވަޅުތަކަށް ލުއިދޭން ފެށީ ޖުލައި 1ން ފެށިގެންނެވެ. ރާއްޖޭން މިހާތަނަށް އެބަލީގެ ކޭސްތައް އެންމެ ގިނައިން ފެނުނީ މިދިޔަ އޮގަސްޓްމަހު އެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 76 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 8،672 އަށް އަރާފަ އެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 27 ދިވެހިންނާއި 7 ބިދޭސީއަކު ހިމެނޭ ގޮތަށް މިހާތަނަށް ރާއްޖެއިން 34 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ. ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 1،300 އަށް އަރާފަ އެވެ.

ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ރޭ ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ބަލިޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުކުރެވިފައިވީ ނަމަވެސް ރައްކާތެރި މިންގަނޑެއްގެ ގޮތުގައި ބަލާ ގުޅުން ނެތް ކޭސްތައް 20 ޕަސެންޓަށްވުރެ އަދި ދަށްނުވާ ކަމަށެވެ. އެހެންވެ ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން އަދި ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާޅުވީ ބަލިފެތުރުން ބޮޑުތަނުން މަދުކުރެވޭނީ ހުރިހާ އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯ ލަނބައިގެން ކަމަށެވެ. އަދި ބަލީގެ ހާލަތު ބަދަލުވަމުންދާ މިންގަނޑަށް ބަލާއިރު އަދިވެސް ގްރީން ޒޯނަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާޅުވީ ރައްކާތެރިކުރުމުގެ ފިޔަވަޅުތައްއެޅި ނަމަވެސް، ކޮވިޑު-19ގެ ކުރިން އުޅުން ގޮތަށް އާންމު ދިރިއުޅުމަށް ދެވޭނީ މިބައްޔަށް ވެކްސިންއެއް ލިބިގެން ކަމަށެވެ.