މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ބީއެމްއެލްއަށް ލިބިއްޖެ އެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
ބީއެމްއެލް އިން 2026 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ނެރުނު ނަތީޖާއަކީ، ޖެހިޖެހިގެން ދެ އަހަރު ރެކޯޑް މިންވަރަކަށް ބޭންކަށް ލިބުނު ކުރިއެރުމަށްފަހު، ބޭންކުގެ މާލީ ހާލަތު ވަރުގަދަކަން ހާމަކޮށްދޭ ނަތީޖާއެކެވެ. ބޭންކުގެ 43 އަހަރުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި 2025 ވަނަ އަހަރު ނިންމާލުމަށްފަހު، މާލީ އާ އަހަރާ ބޭންކުން ކުރިމަތިލީ އެ ކާމިޔާބީ ދެމެހެއްޓުމުގެ އަޒުމުގަ އެވެ.
އާމްދަނީ އިތުރުވުމާއި ހިންގުމުގެ ހަރުދަނާކަން
ބޭންކުގެ ޖުމްލަ އާމްދަނީ 1.24 ބިލިއަން ރުފިޔާއަށް އިތުރުވެފައިވަނީ، ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު އާމްދަނީއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން ލޯނާއި ފައިނޭންސިންގެ ފައިދާއިން އާމްދަނީގެ ގޮތުގައި 796 މިލިއަން ރުފިޔާ ލިބުނުއިރު، ފީ އާއި ކޮމިޝަނުން 332 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ބޭންކު ހިންގުމުގެ ހަރަދުތައް ވަރަށް ބަލައިގެން މެނޭޖްކުރެވުމުގެ ސަބަބުން ހަރުދަނާ މިންގަޑެއްގައި ހިފެހެއްޓި، އާމްދަނީއާ އަޅާބަލާއިރު ހަރަދު ހުރި މިންވަރު (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ވަނީ ކުރީ އަހަރުގެ 25 އިންސައްތައިން 24 އިންސައްތައަށް އިތުރަށް ރަނގަޅު ކުރެވިފައެވެ. މީގެ އިތުރުން އައިއެފްއާރްއެސް9 ގެ މިންގަނޑުތަކާ އެއްގޮތަށް ލޯނުތަކަށް އުނިކުރެވޭ މިންވަރު (އީސީއެލް) ވެސް ދަނީ ހަރުދަނާގޮތެއްގައި ކަނޑައެޅި ބެލެހެއްޓެމުންނެވެ.
މާލީ ތާރީހީ ކުރިއެރުމެއް
ބޭންކުގެ ބެލެންސްޝީޓަށް ބަލާއިރު، މި ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 60.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއީ ބޭންކުގެ ތާރީހުގައި ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ އަދަދު 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މީގެ ތެރޭގައި ބޭރުފައިސާގެ ޑިޕޮސިޓްތައް ބޮޑުދައުރެއް އަދާކުރެ އެވެ. މީގެ އިތުރުން، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު އިތުރުވެ، ލޯނުގެ ޖުމްލަ އަދަދުވަނީ 27.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަންވެސް ވަނީ ވަރުގަދަ މިންވަރެއްގައި ހިފެހެއްޓިފަ އެވެ. މިއީ ބޭންކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށްދީ، ރެގިއުލޭޓަރީ މިންގަނޑުތަކަށް ފެތޭގޮތަށް ވިޔަފާރި އިތުރަށް ފުޅާކުރުމަށް ލިބޭ ބޮޑު ބާރެކެވެ.
ބޭރު ފައިސާގެ އެހީތެރިކަމާއި ބޭނުންތައް އިތުރުވުން
ކާބޯތަކެއްޗާއި އަސާސީ ބޭނުންތަކަށް މުދާގެނައުމަށާއި އެހެން ވިޔަފާރި ބޭނުންތަކަށް، ރާއްޖެއިންބޭރަށް ފައިސާފޮނުވުމަށް މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި 106.2 މިލިއަން ޑޮލަރު ބީއެމްއެލް އިން ވިއްކާފައިވެ އެވެ. މިއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެކެވެ. އަދި މިބޭނުމަށް މިދިޔައަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިއަން ޑޮލަރާއި އަޅާބަލާއިރު %142 އިތުރު އަދަދެކެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެތެރޭގައި، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަން 32 ހާސް މުޢާމަލާތަށް ބޭރުފައިސާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވެ އެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުން ހިދުމަތް ހޯދުމަށާއި ތަކެތި ގަތުމަށް، ކްރެޑިޓް ކާޑާއި ޑެބިޓްކާޑު މެދުވެރިކޮށް ކުރެވުނު މުޢާމަލާތްތަކަށް 119.9 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މިއީ އެވްރެޖްކޮށް މަހަކަށް 40 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރު އެވްރެޖްކޮށް މަހަކަށް ވިއްކުނު ޢަދަދަށްވުރެ %23 އިތުރު އަދަދެކެވެ. މިހެންކަމުން މިއަހަރު ފުރަތަމަ ކްއާޓާގައި ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ވިއްކާފައިވާ ޑޮލަރުގެ އަދަދު 226 މިލިއަން ޑޮލަރަށް ވުރެ ގިނަކަން ފާހަގަކުރެވެ އެވެ.
ބޭރު ފައިސާލިބޭ މިންވަރަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފެބްރުއަރީ 28 އިން ފެށިގެން ފަތުރުވެރިންގެ ބުކިންތައް ކެންސަލްވުމާއި، ރާއްޖެ އަންނަ ފަތުރުވެރިން ހޭދަކުރާ މިންވަރު ދަށްވުމުގެ ސަބަބުން، ކްރެޑިޓްކާޑާއި ޑެބިޓްކާޑުގެ މުޢާމަލާތްތަކަށް ބޭރުން އަންނަ ފައިސާ (ނެޓް ކާޑު އިންފްލޯ) މި މަހުގެ މިހާތަނަށް ގާތްގަޑަކަށް ތިންބައިކުޅައެއްބައި ދަށްވެފައިވާކަން ބޭންކަށްވަނީ ފާހަގަކުރެވިފަ އެވެ. ހަމައެއާއެކު، މުދާ އެތެރެކުރުމަށާއި ބޭރުގެ ހިދުމަތްތަކަށް ރާއްޖޭން ބޭރަށް ފޮނުވާ ފައިސާގެ މިންވަރު ވަނީ ދެގުނަ އިތުރުވެފަ އެވެ. މި ބަދަލުތަކަށް ބަލާއިރު، ރާއްޖެއިން ބޭރުން އެ ބޭންކު މެދުވެރިކޮށް އަންނަ ފައިސާއަށްވުރެ ބީއެމްއެލް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ (ނެޓް އައުޓްފްލޯ) ވަރަށް ބޮޑުތަނުން އިތުރު ވެގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތައް
މިފަދަ ގޮންޖެހުންތަކާއެކުވެސް، ބޭންކުން ދަނީ ބޭރު ފައިސާގެ މުއާމަލާތްތައް ހަރުދަނާކޮށް މެނޭޖްކުރަމުންނެވެ. އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު އެކަނިވެސް ކާބޯތަކެއްޗާއި މުހިންމު މުދާ އެތެރެކުރުމަށް، ރާއްޖެއިންބޭރަށް ފައިސާފޮނުވުމަށް 25 މިލިއަން ޑޮލަރަށްވުރެ ގިނައިން ބޭންކުން ވަނީ ބޭރުފައިސާ ވިއްކާފަ އެވެ. މިއީ ފުރަތަމަ ކުއާޓަރުގެ އެވްރެޖަށްވުރެ މާމަތީ އަދަދެއްގެ އިތުރުން، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. އަދި ހަމަ އެހެންމެ ކްރެޑިޓް ކާޑާއި، ޑެބިޓް ކާޑުތަކުގެ މުޢާމަލާތްތަކަށް ބޭރު ފައިސާ ވިއްކި އަދަދުވެސް ވަރަށް ބޮޑުތަން އިތުރުވެފައިވެ އެވެ. އެގޮތުން އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު 22 މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ. ރާއްޖެއިން ބޭރުން އަންނަ ފައިސާ މަދުވާމިންވަރު އިތުރުވެގެން ދާނަމަ، ނިސްބަތުން އެއާއި އެއްވަރަކަށް ބޭރުފައިސާ ވިއްކާ އަދަދަށް ވަގުތީ ގޮތުން އަޅަންޖެހިދާނެ ފިޔަވަޅެއް މެނުވީ، ބޭންކުން މަސައްކަތް ކުރާނީ މެދުނުކެނޑި ވިޔަފާރިތަކާއި އާންމު ފަރުދުންގެ މުހިންމު ބޭނުންތަކަށް ބޭރުފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ޕާޓީތަކާ މަޝްވަރާކުރުމަކީ މެންޑޭޓުން ބޭރުކަމެއް: ރައީސް
ދައުލަތުގެ ވެރިޔާއަށް ނަޝީދު، ސަރުކާރުގެ ވެރިޔާއަށް ފައްޔާޒު!
އެއްބަސްވުމަކަށް ނައިސްފިނަމަ އީރާން ގޮއްވާލާނެ ކަމުގެ އިންޒާރު
