ދުނިޔޭގެ މަޝްހޫރު ކޭ-ޕޮޕް ގްރޫޕް ބްލެކްޕިންކްގެ މެންބަރު ލީސާ، މިއަހަރުގެ ކޯޗެއްލާ މިއުޒިކް ފެސްޓިވަލްގައި ދެއްކި ހުށަހެޅުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވަމުން އެބަދެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް މިއުޒިކް ފެސްޓިވަލް ކަމަށްވާ ކޯޗެއްލާގެ ސްޓޭޖުގައި ލީސާ ދެއްކި ހުށަހެޅުމުގައި އޭނާގެ ފަރާތުން ފެނުނު ބައެއް ކަންކަމުގެ ސަބަބުން ސަޕޯޓަރުން ތިބީ ހައިރާންވެ، މާޔޫސްވެފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކަށް ބަލައި ގިނަ ބަޔަކު ފާހަގަކުރި މައިގަނޑު މައްސަލައަކީ ލީސާ ސްޓޭޖުގައި ހުރެ 'ލިޕް-ސިންކް'ކުރި ކަމަށް ބުނާ މައްސަލަ އެވެ. ބައެއް ސަޕޯޓަރުން ބުނާގޮތުގައި އެފަދަ ބޮޑު ފެސްޓިވަލެއްގައި ލައިވްކޮށް ލަވަ ނުކިޔުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

"ފައިސާ އިސްރާފުކުރުން ހުއްޓާލާ،" މިއީ އެކްސް ގައި އެންމެ ގިނައިން ފެންނަން ހުރި އެއް މެސެޖެވެ. ގިނަ ބަޔަކު ބުނަމުންދަނީ އެހާ ބޮޑު އަގެއް ދީފައި ޓިކެޓް ގަނެގެން ދިޔުމުން، ފެނުނީ ހަމައެކަނި ނެށުމެއް ކަމަށާއި އަސްލު ލަވަކިޔުމެއް ނޫން ކަމަށެވެ.

އެއާއެކު ބައެއް މީހުން ފާހަގަކުރި ގޮތުގައި ލީސާގެ ފަރާތުން ކުރިން ފެންނަ ވަރުގަދަ ހަކަތަ ނުވަތަ 'ސްޓޭޖް ޕްރެޒެންސް' މިފަހަރު ނުފެނެ އެވެ.

މި ފާޑުކިޔުންތަކާއެކުވެސް ލީސާގެ އެންމެ ވަފާތެރި ސަޕޯޓަރުން ދަނީ އޭނާ ދިފާއުކުރަމުންނެވެ. އެމީހުން ބުނާގޮތުގައި ލީސާގެ ނެށުމަކީ ފުރިހަމަ ހުށަހެޅުމެކެވެ. އަދި ޕްރޮޑަކްޝަންގެ ކޮލިޓީއާއި އޭނާގެ ހެދުންތަކަށް ސަޕޯޓަރުން ވަނީ ތައުރީފުކޮށްފަ އެވެ.

ނަމަވެސް، ލީސާގެ ސޯލޯ ކެރިއަރުގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އެއް ފާޑުކިޔުމަށް މި ހާދިސާ ވަނީ ވެފަ އެވެ. ގިނަ ބަޔަކު ބުނަނީ ދުނިޔޭގެ ފެންވަރުގެ ތަރިއަކަށްވާއިރު، ސަޕޯޓަރުންގެ އުންމީދުތައްވެސް ހުންނާނީ ވަރަށް މަތީގައި ކަމަށެވެ.