ބައިނަލްއަޤްވާމީ ގޮތުން ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ޒޭން މާލިކް، ކުއްލި ސިއްހީ މައްސަލައަކާ ގުޅިގެން ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދެމުން ދާތީ، އޭނާގެ އެންމެ ފަހުގެ އަލްބަމް "ކޮންނަކޯލް" ރިލީޒް ކުރުމަށް ރޭވިފައިވާ ހަރަކާތްތަކުގައި އޭނާގެ ބައިވެރިވުން ނެތި އެކަން ނިންމާލައިފި އެވެ.

ވަން ޑައިރެކްޝަންގެ ކުރީގެ މެންބަރު ޒޭން މާލިކް ހޮސްޕިޓަލަށް ގެންދަން ޖެހުނީ ސީދާ ކޮން ސިއްހީ މައްސަލައަކާ ގުޅިގެން ކަމެއް އޭނާގެ ޓީމުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް، އޭނާގެ ހާލަތު ސީރިއަސްވެ، ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދޭން ޖެހުމުން، އެތައް ސަޕޯޓަރުންނެއް އިންތިޒާރު ކުރަމުންދިޔަ އަލްބަމް ލޯންޗްކުރުމުގެ ހަފްލާއަށް އޭނާއަށް ހާޒިރެއް ނުވެވުނެވެ.

އެހެން ނަމަވެސް އެ ހަރަކާތްތަކުގެ ތެރެއިން ޒޭންގެ ވީޑިއޯ މެސެޖެއް ބެލުންތެރިންނަށް ހިއްސާ ކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

މި އަލްބަމަކީ ޒޭންގެ މިއުޒިކީ ހަޔާތުގައި ވަރަށް ތަފާތު އަދި އުންމީދީ މަސައްކަތަކަށް ވާތީ، މިއީ އޭނާގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެކެވެ. ނަމަވެސް، އެންމެންގެވެސް މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާގެ ސިއްހީ ހާލަތެވެ.

ޒޭން ހޮސްޕިޓަލުގައި އެނދުމަތިކުރި ޚަބަރު ފެތުރުމާއެކު، ސޯޝަލް މީޑިއާގައި އޭނާގެ ސަޕޯޓަރުން ދަނީ "PrayForZayn" ފަދަ ހޭޝްޓެގްތައް ބޭނުންކޮށް، އޭނާއަށް އަވަސް ޝިފާއަކަށް އެދި މެސެޖުތައް ފޮނުވަމުންނެވެ. ގިނަ ބަޔަކު ބުނަމުންދަނީ އަލްބަމަށްވުރެ ޒޭންގެ ސިއްހަތު މާ މުހިންމު ކަމަށެވެ.

ޒޭންގެ މެނޭޖްމަންޓުން ބުނެފައިވަނީ އޭނާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ތަނުގައި ހިއްސާކުރާނެ ކަމަށެވެ. އަދި އޭނާ ބަލިން ފަސޭހަވުމުން، މެދުކެނޑިފައިވާ ހަރަކާތްތައް އަލުން ކުރިއަށް ގެންދާނެ ކަމުގެ އުންމީދު އެ ބައޮތެވެ.

ޒޭން މާލިކްއަކީ އަބަދުވެސް އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ސިއްރުކޮށްގެން އުޅޭ ތަރިއަކަށް ވުމާއެކު، މި ހާދިސާގެ ތަފްސީލު ލިބުން ލަސްވެދާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މުޅި ދުނިޔޭގެ މިއުޒިކް އިންޑަސްޓްރީ މިހާރު އޮތީ އޭނާގެ ސިއްހީ ހާލަތަށް ފާރަވެރިވެގެންނެވެ.