ބިރުދެއްކުންތަކާއި އިންޒާރުތަކުގެ ތެރޭގައި އެމެރިކާއާއެކު މަޝްވަރާގެ މޭޒަށް ދިއުމަށް އީރާނުން ބޭނުންނުވާ ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވެއްޖެ އެވެ.

މަޝްވަރާތަކުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ގާލީބާފް ވަނީ، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އީރާނުން ދެކޭގޮތުގައި މިއީ މިހާރުވެސް ނާޒުކު ފައްތަރެއްގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ކަމެކެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި ގާލީބާފް ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓްރަމްޕް މަސައްކަތް ކުރައްވަނީ އިންޒާރުތައް ބޭނުންކޮށްގެން މަޝްވަރާގެ މޭޒަކީ އީރާނުން އަމާންދޭން ޖެހޭ ތަނަކަށް ހެދުމަށް ނުވަތަ އަލުން ހަނގުރާމައެއް ފެށުމަށް ބަހަނާއެއް ހޯދުމަށް ކަމަށެވެ. އަދި ޕާކިސްތާނު މެދުވެރިއަކަށްވެ ވެފައިވާ ދެ ހަފުތާގެ ސުލްހައިގެ އެއްބަސްވުން މި ހަފުތާގައި ހަމަވާއިރު، އީރާނުން އާ އަސްކަރީ ފިޔަވަޅުތަކަކަށް ތައްޔާރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ މަންދޫބުން މަޝްވަރާއަށް އިސްލާމްއާބާދަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް އާދީއްތަ ދުވަހު އިއުލާނު ކުރެއްވި ނަމަވެސް، އީރާނުން އަދި އެކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި މަޝްވަރާ ފެށުމުގެ ކުރިން ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް އީރާނުން ބުނެއެވެ.

މި ކުރިމަތިލުންތައް އިތުރަށް ގޯސްވެފައިވަނީ، މިދިޔަ ހަފުތާއިން ފެށިގެން އީރާނުގެ ބަނދަރުތަކަށް ވަދެ ނިކުމެވާ އުޅަނދުފަހަރު އެމެރިކާގެ ކަނޑުގެ ސިފައިން ހުރަސްއަޅައި ހިފަހައްޓަން ފެށުމާ ގުޅިގެންނެވެ. އީރާނުން ސިފަކުރާ ގޮތުގައި މި ބްލޮކޭޑް އަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު އަމަލެކެވެ.

ބުދަ ދުވަހު ސުލްހައިގެ އެއްބަސްވުން ހަމަވާއިރު، އެމެރިކާގެ ޝަރުތުތައް އީރާނުން ގަބޫލުނުކޮށްފިނަމަ އެ ޤައުމުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފަ އެވެ. މިއާއެކު ބައިނަލްއަގުވާމީ ބާޒާރުތަކުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.

ހޮރްމޫޒް ކަނޑުއޮޅި އާންމު ދަތުރުފަތުރަށް ހުޅުވާލާފައިވާ ކަމަށް އީރާނުން ހުކުރު ދުވަހު ބުނުމަށްފަހު، ހޮނިހިރު ދުވަހު އަލުން އެ ސަރަހައްދުގައި ދަތުރުކުރުން ހަނިކުރުމާ ގުޅިގެން ކަނޑުދަތުރުފަތުރުގެ ދާއިރާގައި ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި މި ފިޔަވަޅު އަލުން އެޅީ އެމެރިކާއިން އެގައުމުގެ އިގުރާރުތަކާ ހިލާފުވުމުންނެވެ.

1979 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ކެނޑުނު ފަހުން، އެމެރިކާއާއި އީރާނުގެ އިސް އޮފިޝަލުން ފުރަތަމަ ފަހަރަށް ސީދާކޮށް ބައްދަލުކުރީ މި މަހުގެ 11 އާއި 12 ގައި ޕާކިސްތާނުގެ އިސްލާމްއާބާދުގަ އެވެ. ނަމަވެސް އެ މަޝްވަރާތައް ނިމިގެންދިޔައީ އެއްވެސް ކުރިއެރުމެއް ނުލިބި އެވެ.