ގަނާ ކުރުމަކީ އަހަރުމެންގެ މުޖުތަމައުގައި އާއްމުވަމުން އަންނަ ނުރައްކަލަކަށް ވާއިރު އެކަމުން ދަރިން ރައްކާތެރި ކުރުމަކީ މައިންބަފައިންގެ ގޮތުގައި ބޮޑެތި މީހުންގެ ޒިންމާ އެކެވެ.
އެގޮތުން ކުޑަ ކުއްޖަކަށް ގަނާ ކުރެވެމުން ދާނަމަ އެ ކުއްޖެއްގެ ފަރާތުން ބައެއް ކަންތައްތައް ފާހަގަވާނެ އެވެ. އެހެން ކަމުން އެކަމަށް ސަމާލުވެ ތިބުން ވަރަށް މުހިއްމެވެ.
1. ޖިސްމާނީ ބަދަލުތައް ކުއްޖާގެ ހަށިގަނޑުން ފެންނަ ބައެއް ނިޝާންތަކަކީ ބުލީކުރާކަމުގެ ސީދާ ހެކިތަކަކަށް ވެދާނެ އެވެ. އެގޮތުން ސަބަބެއް ބުނެދޭން ނޭނގޭ ގޮތަށް ހަށިގަނޑުގެ ތަންތަން ނޫފައިގަތުން، ކޫރުން ނުވަތަ ޒަހަމްވުމަކީ އެފަދަ ކަމެއް ހިނގާ ކަމުގެ ސާފު ނިޝާނެކެވެ. އެއާއެކު އަންނައުނު، ފޮތް ނުވަތަ އަމިއްލަ ސާމާނު ވީދިފައި ނުވަތަ ހަލާކުވެފައި ހުރުމާއި ސްކޫލަށް ދާންޖެހޭ ގަޑީގައި ގިނަގިނައިން ބޮލުގައި ރިއްސުން ނުވަތަ ބަނޑުގައި ރިއްސާކަމަށް ބުނެ ޝަކުވާކުރުމަކީ ވެސް އެކަމުގެ އަލާމާތެކެވެ.
2. އުޅުމާއި މިޒާޖަށް އަންނަ ބަދަލުތައްކުއްޖާގެ މިޒާޖަށް ކުއްލި ބަދަލުތަކެއް އައުމަކީ ނަފްސާނީ ގޮތުން ކަމެއް ތަހައްމަލު ކުރަމުންދާ ކަމުގެ ނިޝާނެކެވެ. ކުރިން ކުރަން ގަޔާވި ކަންތައްތަކަށް ޝައުގުވެރިކަން ކުޑަވުމާއި ރައްޓެހިންނާ ދުރުހެލިވެ އެކަނި ހުންނަން ބޭނުންވުން ފަދަ ކަންކަމަކީ ސަމާލުވާންޖެހޭ ކަންކަމެވެ. އެއާއެކު ނިދަން އުނދަރޫވެ ބިރުވެރި ހުވަފެން ފެނުމާއި ކުއްލިއަކަށް ރުޅިގަދަވުން ނުވަތަ މާބޮޑަށް ދެރަވެފައި ދަރިފުޅު ހުންނަ ނަމަ ވެސް އެކަމުގެ އަޑި ހޯދަން ޖެހޭނެ އެވެ.
3. ތައުލީމީ މައްސަލަތައްސްކޫލް މާހައުލުގައި ދިމާވާ ގަނާ ކުރުމުގެ ސަބަބުން ކުއްޖާގެ ކިޔެވުމަށް އަސަރުކުރެ އެވެ. ސްކޫލަށް ދާން ބިރުގަތުން ނުވަތަ ދާން ބޭނުންނުވުމާއި ކިޔެވުމުގެ ނަތީޖާ ކުއްލިއަކަށް ދަށްވުމުގެ އިތުރުން ސްކޫލަށް ދާ މަގު ބަދަލުކުރަން ބޭނުންވުމަކީ ވެސް އެ ދަރިވަރަކަށް ގަނާ ކުރެވެމުން ދާކަން އަންގައިދޭ ކަންތައް ކަމަށް މާހިރުން ވިދާޅުވެ އެވެ.
މައިންބަފައިންނަށް ކުރެވިދާނެ ކަންތައްތައްދަރިފުޅަށް ގަނާ ކުރާކަމުގެ ޝައްކެއް ކުރެވޭނަމަ، ހާސްނުވެ ކެތްތެރިކަމާއެކު މި ފިޔަވަޅުތައް އަޅާށެވެ
ލޯތްބާއެކު ސުވާލުކުރުން: ދަރިފުޅާ ގާތްކޮށް ވާހަކަދައްކާށެވެ. "މިއަދު ސްކޫލްގައި ކިހިނެއް؟" ފަދަ އާދައިގެ ސުވާލުތަކުން ފަށައިގެން، އެކުދިންގެ އިހުސާސްތައް އަޑުއަހާށެވެ.
އިތުބާރު ހޯދުން: ދަރިފުޅު ދައްކާ ވާހަކަ ގަބޫލުކުރާކަމުގެ ޔަގީންކަން ދޭށެވެ. އަދި އެއީ އެކުއްޖާގެ ކުށެއް ނޫންކަން ބުނެދޭށެވެ.
ސްކޫލާ ގުޅުން: މައްސަލަ ދެނެގަނެވިއްޖެނަމަ، ލަސްނުކޮށް ސްކޫލްގެ ޓީޗަރުންނާ ނުވަތަ މެނޭޖްމަންޓާ ބައްދަލުކޮށް އެކަން ހިއްސާކުރާށެވެ.
ގަނާ ކުރުމަކީ ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުވާލާ ކަމެކެވެ. ތިޔަބޭފުޅުންގެ އެހީތެރިކަމާއި އަޅާލުމަކީ އެކުދިންނަށް މިކަމުން އަރައިގަތުމަށް ލިބޭނެ އެންމެ ބޮޑު ބާރެވެ.
މައިންބަފައިންގެ ގޮތުގައި އެންމެ އިސްކަން ދޭންވީ ކަމަކީ ތިބާގެ ދަރިފުޅަކީ ގަނާ ކުރުން ފަދަ ގޯސް އަމަލުތަކުން ދުރުވެ ތިބޭ ދަރިއަކަށް ހެދުމެވެ. ގަނާ ކުރުމުގެ ނުރައްކާ ކަމާއި އެކަމުން ނުކުމެދާނެ ހިތި ނަތީޖާތައް ދަރިންނަށް ވިސްނައިދިނުމެވެ.
އެގޮތުގެ މަތިން ބޮޑުވަމުން އަންނަ ޖީލަކީ ގަނާ ކުރުމާ ދުރު އެކުވެރި އަދި އެކަކު އަނެކަކަށް އެހީތެރިވެދޭ ޖީލެއް ކަމުގައި ވެގެން ދާނެ އެވެ.
އިޒްރޭލާއި އެމެރިކާއަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު
"ކާށްޓެއް ބިނދެގެން ޗައިނާއަށް" ދެވޭ ނަސީބުވެރި ފަރާތް ހޮވައިފި