ކޮވިޑްގައި ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ޚާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރިއްޖެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ވެންޓިލޭޓަރުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ ވެންޓިލޭޓަރުގައި ހަ މީހަކު އެބަތިބި ކަމަށެވެ. އެތަނުގައި އެޑްމިޓްކޮށްފައި ވަނީ ޖުމްލަ ނުވަ މީހުން ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ އެތަނުގައި ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި މާބަނޑު އަންހެނަކު ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އޭނާ އޮތީ ވެންޓިލޭޓަރުގައި ނޫން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ ރާއްޖޭގެ ހާލަތު މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި، ރާއްޖެ މިއޮތީ ކޯވިޑް 19 ގެ ހަތަރު ވަނަ ރާޅުގެ ނުރައްކަލުގައި ކަަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ އައުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން ޖުމްލަ 181 މީހަކަށް މިވަގުތު ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްތަކުގަ އެވެ.