މައިކްރޮސޮފްޓް ކުންފުނީގެ ކޯ ފައުންޑަރު އަދި ކުރީގެ ސީއީއޯ ބިލް ގޭޓްސް އާއި އޭނާގެ އަންހެނުން މެލިންޑާ އެ ދެމީހުންގެ ގުޅުން ނިމުމަކަށް ގެންނަން ނިންމާފައިވާ ކަމަށް އިއުލާން ކޮށްފި އެވެ.

ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބިލް ގޭޓްސް ބުނެފައި ވަނީ އެ ނިންމުމަކީ ވަރަށް ވިސްނުމަށްފަހު ނިންމުމެއް ކަމަށާއި ވަކިވުމަށްފަހު ވެސް މަސައްކަތުގެ ދާއިރާގައި ދެމީހުން ވެސް އެކަކު އަނެކަކަށް އެއްބާރުލުން ދިނުން ކުރިއަށް ދާނެ ކަމަށެވެ.

ބިލް ގޭޓްސް އާއި މެލިންޑާ ބައްދަލުވާ މައިކްރޮސްފްޓްގެ މަސައްކަތުގެ މާހައުލުންނެވެ. މިއަދު އެދެ މީހުންނަކީ ވެސް އެކުންފުނީގެ ހިއްސާ ދާރުންނެވެ. މީގެ ކުރިން މެލިންޑާ ވަނީ މައިކްރޮސޮފްޓްގެ ޖެނެރަލް މެނޭޖަރެއްގެ ގޮތުގައި ބިލް ގޭޓްސްގެ ދަށުން މަސައްކަތް ކޮށްފަ އެވެ.

1994 ވަނަ އަހަރު ކައިވެނިކުރި ބިލް ގޭޓްސް އާއި މެލިންޑާ 27 އަހަރު ފަހުން ވަކިވުމަށް ނިންމިއިރު އެދެ މީހުންގެ ކައިވެންޏަށް ތިން ކުދިން ލިބިފައިވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ވަކިވުމަށް ފަހު އެދެ މީހުންގެ މެދުގައި ފައިސާގެ ގުޅުންތައް އޮންނާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ. މެލިންޑާ އަކީ ބިލް ގޭޓްސް އާއެކު ގިނަ ވިޔަފާރިތަކެއްގައި ހިއްސާދާރުކަންކުރާ ފަރާތެކެވެ.

ފޯބްސްގެ ރެކޯޑުތަކުން ދައްކާ ގޮތުގައި ބިލް ގޭޓްސް އަކީ މިވަގުތު ހަތަރު ވަނައަށް ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާ އެވެ.