އަހަރުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ދިރިއުޅުމުގައި ލަނޑުދަނޑިއެއް ހާސިލުކުރަން މަސައްކަތް ކުރާ މީހެކެވެ. އެގޮތުން އުމުރުގެ ވަކި ހިސާބަކަށް އަންނައިރު އެމީހެއްގެ ދިރިއުޅުން ހުންނާނެ ގޮތުގެ ބޮޑު މަންޒަރު ހިތުގައި ކުރަހައި އެ ޚިޔާލީ މަންޒަރު ހަގީގަތަކަށް ހެދުމަށް ކޮންމެ މީހަކު ވެސް މިންނަތާއެކު މަސައްކަތް ކުރެ އެވެ.
ނަވާރަ ސަތޭކައިގެ ފަހު އަހަރުތަކުގައި އުފަންވި ކުދިންގެ ތެރޭގައި މިފަދަ މަންޒަރުތައް ހިތުލައިގެން އުޅުނު ކުދިން މަދެއް ނުވާނެކަން ޔަގީނެވެ. މިއަދު އުމުރުން ވިހީގެ އަހަރުތައް ގުނަމުންދާ އެ ޒުވާނުންގެ ތެރެއިން އެ އަޒުމުތަކަށް ވާސިލުވި ފަރާތްތަކާއި ނުވާ ފަރާތްތައް ވެސް ހިމެނޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ތިބާއަކީ މި ދެންނެވި އުމުރުފުރާގެ ތެރޭގައި ހިމެނި ތިބާގެ އުއްމީދުތަކަށް ވާޞިލް ނުވި ފަރާތެއް ކަމުގައި ވަނީ ނަމަ މި ލިޔުމާއިމެދު ވިސްނާލުން ރަނގަޅު ވާނެ އެވެ. ތިބާ އާއި އެކު ކިޔަވާ ނިމުނު ރަހުމަތްތެރިން ވަޒީފާގެ މައިދާނުގައި ކުރިއަރައި ދާއިރު ތިބާއަށް ރަނގަޅު ވަޒީފާއެއް ލިބުމުގައި ދަތިތަކެއް ކުރިމަތި ވޭ ހެއްޔެވެ؟ އޭގެ ތެރެއިން ބައެއް ރަޙުމަތްތެރިން ކައިވެނިކޮށް އަމިއްލަ ދިރިއުޅުމެއް ފެށިއިރު ތިބާއަށް ކަމުދާ ރަނގަޅު ބައިވެރިއެއް ވެސް ނުލިބޭ ހެއްޔެވެ؟ ހަމައެގޮތަށް މަތީ ތައުލީމުގެ ފުރުޞަތު ލިބި ތިބާގެ ރަޙުމަތްތެރިންގެ ތެރެއިން ބަޔަކު އެ ފުރުސަތުގެ ބޭނުން ހިފިއިރު ތިބާއަށް އެފަދަ ފުރުޞަތެއް ނުލިބުނީ ކީއްވެގެން ހެއްޔެވެ؟ މިއީ ތިޔައިގެ ތެރެއިން ކޮންމެ ބޭފުޅެއްގެ ހިތުގައި ވެސް އުފެދޭނެ ސުވާލުތަކެއްކަން ކަށަވަރެވެ.
ކަންބޮޑު ނުވާށެވެ! މާޔޫސް ނުވާށެވެ! ތިބާގެ ވަގުތު ވެސް އަންނާނެ އެވެ. ކޮންމެ ލަސްވުމެއްގައި ވެސް ހެވެއް ވެއެވެ. ތިބާގެ ފަރާތުން ބީވި ކަމަކަށް ވުރެ ރަނގަޅު ކަމެއް މިންވަރު ކޮށް ދެއްވާނެކަމަށް އިލާހީ ވަޢުދުފުޅު އައިސްފައިވެ އެވެ. އެއަށްވުރެ ބޮޑު ތަޞައްލީއަކީ ކޮބާ ހެއްޔެވެ؟ ކެތްތެރިވާށެވެ. އިލާހީ މިންވަރުފުޅަށް ވަކީލު ކުރާށެވެ. ތިބާވެސް ބޭނުންވި ކަމެއް ތިބާއަށްވުރެ އަވަހަށް އެހެން މީހަކަށް ހާސިލު ވިނަމަވެސް ހިތުގައި ޙަސަދަ ނުލާށެވެ. އެ މީހަކަށްޓަކައި އުފާކޮށް ތިބާއަށް ވެސް އެ ރަހުމަތް ލެއްވުން އެދި ގަދައަޅާ މަސައްކަތް ކުރާށެވެ. އެހެނީ ޙަސަދައަކީ ނަފްސުގެ ހަލާކެވެ. އެކަމުން ބަރީއަ ވެގަންނާށެވެ!