ރައީސް މުހައްމަދު މުއިއްޒު އޭނައާއެކު ހުއްދަނޫން ގުޅުންތަކެއް ބޭއްވި ކަމަށް ރައީސް އޮފީހުގެ ކުރީގެ އަންހެން މުވައްޒަފަކު ބުނެފައިވިޔަސް އެފަދަ ގުޅުންތަކެއް ބޭއްވި ކަމަށް ރައީސް މުއިއްޒު އެއްބަހެއް ނުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުގެ ނޫސްވެރިޔަކު ވަނީ އެކަމާ ގުޅޭގޮތުން ރައީސް މުއިއްޒާ ސުވާލެއް ކޮށްފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އަދި އެ އަންހެން މީހާގެ ވާހަކަތައް ހިމެނޭ ވީޑިއޯއެއް ގެނެސްދިން ކަމަށް ނޫސްވެރިޔާ ސުވާލުކުރުމުން، ދޮގު ވާހަކަތައް ހިމެނޭ ވީޑިއޯއެއް ނެރުނު ކަމަށް އަދަދު ނޫހުން އެ އިއުތިރާފުވީ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިފަދަ ދޮގު ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާކުރަން އަޅުގަނޑު އެދެން ކަމާބެހޭ އިދާރާތަކުގައި،" ރައީސް ވިދާޅުވި އެވެ.

އެ އަންހެން މީހާ ވަނީ ރައީސް މުއިއްޒާ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދެކެވިފައިވާ ކަމަށް ބުނެފަ އެވެ. އެކަން ސާބިތުކޮށްދިނުމުގެ ގޮތުން އެ މެސެޖުތައް އަދަދު ނޫހަށް އޭނާ ދެއްކި އެވެ. އަދި ރައީސް މުއިއްޒުގެ އެންގެވުމަށް އެމަނިކުފާނުގެ ޕާސަނަލް ސެކްރެޓަރީ ހައްސާން މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާ ދިން ކަމަށް ވެސް އެ އަންހެން މީހާ ވަނީ ބުނެފަ އެވެ.

ކައިވެނިން ބޭރުން ރައީސް މުއިއްޒު ގުޅުން ބޭއްވި ކަމުގެ ތުހުމަތާއި ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަކޮށްފައިވާ ކެބިންގައި އެކަހެރިކޮށް ބައްދަލުކުރެއްވިކަމަށް ވެސް އެ އަންހެން މީހާ ތުހުމަތުކޮށްފައިވެ އެވެ.