އިންޑިއާގެ އޮޑިޝާގެ ކިއޮންޖާރު ޑިސްޓްރިކްޓްގައި، މީގެ ދެމަސް ކުރިން މަރުވި އޭނާގެ ދައްތަގެ އެކައުންޓުގައި ހުރި 19،300 ރުޕީސް ހޯދުމަށްޓަކައި، ގަދަ އަވީގައި ތިން ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކޮށް، ދައްތަގެ ކަށިގަނޑު ކޮނޑަށް ލައިގެން ބޭންކަށް ގެންގޮސްފި އެވެ.
މިކަން ކޮށްފައިވަނީ ދިއަނާލީ އަވަށުގެ ޖީތޫ މުންޑާ ނަމަކަށް ކިޔާ މީހަކަށެވެ. އޭނާގެ ދައްތަ ކަކްރާ މުންޑާގެ އެކައުންޓެއް އޮޑިޝާ ގްރާމިން ބޭންކުގެ މައްލިޕާސީ ގޯފީގައި އޮތްއިރު، އޭނާ މަރުވީ މީގެ ދެމަސް ކުރިންނެވެ. ކަކްރާގެ ފިރިމީހާއާއި ހަމައެކަނި ހުރި ދަރިފުޅު މީގެ ކުރިން މަރުވެފައިވުމުން، އޭނާގެ ހުރި ހަމައެކަނި ވާރިސަކީ ޖީތޫ އެވެ.
ދައްތަގެ އެކައުންޓުގައި ހުރި ފައިސާކޮޅު ނެގުމަށް ޖީތޫ ބޭންކަށް ދިޔުމުން، ބޭންކުގެ މެނޭޖަރު ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. މެނޭޖަރު ބުނި ގޮތުގައި ފައިސާ ދޫކުރެވޭނީ އެކައުންޓުގެ ވެރިފަރާތް ހާޒިރުވެގެން ނުވަތަ ގާނޫނީ ގޮތުން ވާރިސުކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހެޅުމުންނެވެ.
އަދި އެކަށީގެންވާ ތައުލީމެއް ލިބިފައިނުވާ ޖީތޫއަކީ އެފަދަ ލިޔެކިޔުންތަކެއް ހުރި މީހެއް ނޫނެވެ. މަރު ސާބިތުކުރާ ސެޓްފިކެޓެއް ނުވަތަ ވާރިސުކަން ސާބިތުކުރާނެ ގާނޫނީ ލިޔުމެއް އަތުގައި ނެތުމުން، އިދާރީ ގޮތުން އޮތް އުނދަގޫ މަރުހަލާތައް ނޭނގި، އޭނާ އެނބުރި ދިޔައީ ވަރަށް ބޮޑަށް މާޔޫސްވެފައި ހުރެ އެވެ.
އެހެންކަމުން، މިދިޔަ ހޯމަ ދުވަހު ޖީތޫ ވަނީ އަވަށުގެ ސަހަރާއަށް ގޮސް، އޭނާގެ ދައްތަގެ ވަޅުލާފައިވާތަން ކޮނެގެން ކަށިގަނޑު ނަގައި، ފޮތިގަނޑަކަށް އޮޅާލައިގެން އަލުން ބޭންކަށް ގޮސްފަ އެވެ. ގަދަ އަވީގައި ތިން ކިލޯމީޓަރުގެ ދުރު ރާސްތާއެއް އޭނާ ކަޑައްތުކުރީ އެ ކަށިގަނޑު ކޮނޑަށް ލައިގެންނެވެ.
ބޭންކަށް ޖީތޫ ދިޔަ މަންޒަރު ފެނުމުން އެ ސަރަހައްދުގައި ތިބި އާންމުންނަށް ބޮޑު ސިހުމެއް ލިބުނެވެ. ބައެއް މީހުންނަށް މި މަންޒަރު ފެނި ރޮވުނުއިރު، އަނެއް ބަޔަކު ތިބީ ބޭންކުގެ އަމަލުތަކާ މެދު ނުހަނު ބޮޑަށް ނުރުހުންވެފަ އެވެ. އަވަށުގެ މީހުން ތުހުމަތުކުރި ގޮތުގައި ބޭންކުން ވަނީ އިންސާނިއްޔަތުކަމެއް ނެތް ގޮތަކަށް އަމަލުކޮށްފަ އެވެ.
އާންމުން ބުނި ގޮތުގައި، ބޭންކަށް ބޭނުންނަމަ އަވަށުގެ ވެރިޔާ މެދުވެރިކޮށް މައުލޫމާތު ސާފުކުރުން ނުވަތަ އަމަލީ ގޮތުން އެގެއަށް ގޮސް ކަންކަން ބަލައިގެންވެސް އެ މައްސަލަ ހައްލުކުރެވުނީހެވެ. ނަމަވެސް ބޭންކުން އިސްކަންދިނީ އިންސާނިއްޔަތުކަމަށްވުރެ ބޮޑަށް އިދާރީ ލިޔެކިޔުންތަކަށެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެ ތަނަށް ގޮސް، ޖީތޫއަށް ހިތްވަރުދީ މައްސަލަ ބަލަން ފަށާފަ އެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލަ ކުރިއަށް ގެންދާނީ އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލައިގެންނެވެ. އަދި މިކަމާ ގުޅިގެން ބޭންކުން އަމަލުކުރި ގޮތުގެ ޖަވާބަކަށް ފުލުހުން ވަނީ އެދިފަ އެވެ.
މުއިއްޒުގެ ދިފާއުގައި ބަސް ބުނަން އަންގައިފި
އަދަދު ނޫހުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފި