އިއާފޯން ނުވަތަ އެއާޕޮޑް/އިއާބަޑް އެހެން މީހުންނާ ހިއްސާކުރުން ނުވަތަ ޝެއާ ކުރުމަކީ ވަރަށް އާދައިގެ، ކުޑަ ކަމެއްގެ ގޮތުގައި ފެނިދާނެ އެވެ. ރަހުމަތްތެރިއަކު އެއާޕޮޑް ހަނދާން ނެތުމުން އޭގެއިން އެކަތި ދިނުމަކީ ނުވަތަ ބައިވެރިޔާއާއެކު އެއް އެއާޕޮޑަކުން ލަވަ އަޑުއެހުމަކީ އެކަކު އަނެކަކަށް އަޅާލުން ކަމަށް ހީވެދާނެ އެވެ. ނަމަވެސް، ހަގީގަތުގައި މީގެ ސަބަބުން ނޭދެވޭ ސިއްހީ ނަތީޖާތަކެއް ކުރިމަތިވެދާނެކަން އެނގޭހެއްޔެވެ؟
އިންޑިއާގެ ފޯޓިސް ގްރޭޓާ ނޮއިޑާގެ ކަންފަތާއި ނޭފަތް އަދި ކަރުގެ ބަލިތަކަށް ހާއްސަ ކޮންސަލްޓަންޓް، ޑރ. އަނިލް ކުމާރު ރާއީ ވިދާޅުވީ، އާދައިގެ ކަމެއްގެ ގޮތުގައި ފެންނަ މި އަމަލުގެ ސަބަބުން އެއާޕޮޑް ޝެއާކުރާ ދެމީހުންގެ ސިއްހަތަށް ވެސް ނުރައްކާވެދާނެ ކަމަށެވެ.
އިއާބަޑް/އެއާޕޮޑް ޝެއާކުރުމުން ކަންފަތަށް ވަނީ ކިހިނެއް؟
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، މި އާދައަކީ ސިއްހީ ގޮތުން ބަލާއިރު ސީރިއަސް ކަމެކެވެ. ކަންފަތުގެ އެތެރެއަކީ އަމިއްލަ ނިޒާމެއްގެ ދަށުން މަސައްކަތްކުރާ ތަނެކެވެ. ނަމަވެސް ބޭރުން ވަންނަ ހިރަފުހާއި، ބެކްޓީރިއާ އަދި ފަންގަސްގެ ސަބަބުން އެތަނުގެ ހަމަޖެހުން ގެއްލެ އެވެ. ޑޮކްޓަރު މިސާލެއް ދައްކަވަމުން ވިދާޅުވީ، ހޮސްޓެލްއެއްގައި އުޅޭ ކިޔަވާ ކުއްޖަކު ކަންފަތް ކަހާތީ ދެއްކުމުން، އޭނާއަށް 'އޮޓައިޓިސް އެކްސްޓާނާ' ނުވަތަ 'ސްވިމާސް އިއާ' ޖެހިފައިވާކަން އެނގުނު ކަމަށެވެ. މިއީ އެހެން ކުދިންނާ އެއާޕޮޑް ހިއްސާކުރުމުގެ ސަބަބުން ދިމާވި ކަމެކެވެ.
އިއާބަޑް/އެއާޕޮޑް ޝެއާކުރުމުން ދިމާވެދާނެ ސިއްހީ މައްސަލަތައް:
ޑރ. ރާއީ ފާހަގަކުރެއްވި ގޮތުގައި މީގެ ސަބަބުން އަންނަނިވި ބަލިތައް ޖެހުމުގެ ފުރުސަތު އޮވެއެވެ:
- އޮޓޯމައިކޯސިސް: ކަންފަތް އިންތިހާއަށް ކެހުމާއެކު، ކަޅު ނުވަތަ ހުދު ކުލައިގެ ފަންގަސްގެ ބާވަތްތައް ކަންފަތުގައި އުފެދުން.
- ބެކްޓީރިއަލް އިންފެކްޝަން: ކަންފަތުގައި ރިއްސުން، ދުޅަވުން އަދި ދޮސްގަނެ ދިޔާ އެއްޗެހި އައުން.
- ކޮންޓެކްޓް ޑާމަޓައިޓިސް: އެހެން މީހެއްގެ ކަންފަތު މެކުނު ނުވަތަ އެހެން މާއްދާއެއްގެ ސަބަބުން ނޭދެވޭ އެލާޖިކެއް ކުރިމަތިވުން.
- ފިއުރަންކިއުލޯސިސް: ކަންފަތުގެ ވަކި ހިސާބެއްގައި ރިއްސާ ބޮޑު ބިއްސެއް ނުވަތަ އިންފެކްޝަނެއް އުފެދުން.
- ސެލިއުލައިޓިސް: މިއީ ވަރަށް މަދުން ނޫނީ ދިމާނުވާ، ނަމަވެސް ސީރިއަސް މައްސަލައެކެވެ. މީގެ ސަބަބުން ކަންފަތް ވަށައިގެންވާ ހަންގަނޑަށް އިންފެކްޝަން ފެތުރިގެންދެ އެވެ.
ޑޮކްޓަރު އިތުރަށް ވިދާޅުވީ، ކަސްރަތު ކުރަން އުޅުނު ދެމީހަކު އެއް އެއާޕޮޑް ބޭނުންކުރުމުގެ ސަބަބުން، އެކަކު އަނެކެއްގެ ގަޔަށް ފަންގަސް އިންފެކްޝަން ފެތުރި، ދެމީހުން އެކަކު އަނެކަކަށް ބަލި ޖެހުނު ކަމަށެވެ. ނަމަވެސް، އެއާޕޮޑްގެ ސަބަބުން އެޗްއައިވީ ފެތުރޭ ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
އިންފެކްޝަނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:
ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ އެއްވެސް ހާލެއްގައި އިއާފޯންގެ ގޮތުގައި ބޭނުންކުރާ ޑިވައިސް އެހެން މީހުނާ ޝެއާ ނުކުރުމަށެވެ. އެހެންނަމަވެސް، މަޖުބޫރު ހާލަތެއްގައި ހިއްސާކުރަން ޖެހިއްޖެނަމަ އަންނަނިވި ކަންކަމަށް ސަމާލުކަން ދޭށެވެ:
- ބޭނުންކުރުމުގެ ކުރިންނާއި ފަހުން 70 އިންސައްތަ އަލްކޮހޯލް ހުންނަ ވައިޕްސް އިން އެއާޕޮޑް ސާފުކުރުން.
- އެއާޕޮޑްގެ ކުރީގައި އިންނަ ސިލިކޯން ބައި ގަވާއިދުން ބަދަލުކުރުން.
- ކަންފަތް ކަހާނަމަ، ދިޔާ އެއްޗެއް އަންނަނަމަ ނުވަތަ ރިއްސާނަމަ އެއްވެސް ވަރަކަށް އެއާޕޮޑް ޝެއާނުކުރުން
- ކަންފަތުގެ އެތެރެ ހިއްކާފައި ބެހެއްޓުން (ތެތްކަން ހުރުމަކީ އިންފެކްޝަން އަވަހަށް ފެތުރޭ ކަމެކެވެ).
- ކަންފަތުގެ އެތެރެއަށް ލައްވާ އިއާފޯނުގެ ބަދަލުގައި، ކަންފަތުގެ ބޭރުގައި ހަރުކޮށްގެ ބޭނުންކުރާ ހެޑްފޯން ބޭނުންކުރުމަށް އިސްކަންދިނުން.
ކިޔުންތެރިންގެ ސަމާލުކަމަށް: މިއީ ހަމައެކަނި މައުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ލިޔެފައިވާ ލިޔުމެކެވެ. ސިއްހީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯއްދަވާށެވެ.
އަނީތު ޕައްޑާ ސުކޫލް ކުއްޖެއްގެ ގޮތުގައި ފެނި ސަމާލުކަން
ރަޝިޔާ އާއި ޗައިނާގެ ފްލައިޓްތައް އީރާނަށް ދަތުރުކުރަން ފަށައިފި
މީޑިއާ ކުށްވެރިނުކޮށް، އަމަލުތައް އިސްލާހު ކުރޭ: ޔާމީން