އަދިތުޔާ ދަރު ޑައިރެކްޓްކޮށް މި އަހަރުގެ މާޗް މަހު ނެރުނު ފިލްމު "ދުރަންދަރު: ދަ ރިވެންޖް" އަކީ ގިނަ ބައެއްގެ ސަމާލުކަން ހޯދި ފިލްމެކެވެ. މި ފިލްމުގައި ހިމެނޭ ވަރުގަދަ އެކްޝަން މަންޒަރުތަކާއި ބޮންގޮއްވުންތަކަކީ ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔެވެ.
މި ފިލްމުގެ އެސްއެފްއެކްސް ސުޕަވައިޒަރު ވިޝާލް ތިޔާގީ ދާދި ފަހުން "ހިންދީ ރަޝް" ޕޮޑްކާސްޓެއްގައި ކިޔައިދިން ގޮތުގައި، ފިލްމުގައި ހިމެނޭ ހުރިހާ ބޮންގޮއްވުންތަކަކީ ސީޖީއައި ބޭނުންކޮށްގެން އުފައްދާފައިވާ މަންޒަރުތަކެއް ނޫން ކަމަށާއި، އޭގެ ހުރިހާ މަންޒަރަކީވެސް އަސްލު މަންޒަރުތަކެއް ކަމަށެވެ. އަދި ފިލްމުގެ ނިންމުމުގައި ރަންވީރު ސިންގް އާއި އަރުޖުން ރާމްޕާލް ފެންނަ ވަރުގަދަ ބޮންގޮއްވުމުގެ މަންޒަރަށް އެކަނިވެސް 500 ލީޓަރުގެ ޕެޓްރޯލް ބޭނުންކޮށްފައިވާނޭ ކަމަށް އޭނާ ބުންޏެވެ.
ނިންމުމުގެ މަންޒަރުގެ ތަފްސީލު
ވިޝާލް ބުނި ގޮތުގައި، އާންމުކޮށް އޭނާއާ ހަވާލުކުރަނީ ކުދިކުދި ގޮއްވުންތައް އުފެއްދުމަށްފަހު، ފަހުން ސީޖީއައި ބޭނުންކޮށްގެން އެ މަންޒަރުތައް އިތުރަށް ވަރުގަދަކުރުމަށެވެ. ނަމަވެސް "ދުރަންދަރު" ގައި އެ ގޮތެއް ބޭނުމެއް ނުކުރެ އެވެ.
"އަދިތުޔާ ދަރު ބުނީ އޭނާ ސީޖީއައި ބޭނުންކުރަން ބޭނުން ނުވާ ކަމަށް، ހާއްސަކޮށް ބޮންގޮއްވުންތަކުގައި. އެންމެ ފަހުން ފެންނަ ޓޭންކަރު ގޮއްވާލި މަންޒަރަކީ އެންމެ އުނދަގޫ އަދި އެންމެ ނުރައްކާތެރި މަންޒަރު. 500 ލީޓަރުގެ ޕެޓްރޯލް ބޭނުންކުރާނެ ގޮތް ތަސައްވަރުކޮށްލާ. އެ މަންޒަރުގައި ބުރައިގެންދިޔަ ހުރިހާ އެއްޗަކީވެސް އަސްލު އެއްޗެހި. ރަންވީރު ހިނގާފައި ދިޔައީ އެއާ ވަރަށް ގާތުން. އަހަރެން ޔަގީންކުރަން ޖެހުނު ރަންވީރުގެ ގަޔަށް އަލިފާންގަނޑު ނާންނާނެކަން. އަހަރެމެން ވަރަށް ބޮޑަށް ތައްޔާރުވެ، ރަންވީރު ހިނގަން ފަށަންވީ ތަންވެސް ސީދާ ކަނޑައެޅިން. އަހަރެމެން މި ފިލްމަށް ވަރަށް ބޮޑު ގުރުބާނީއެއް ވީން،" ވިޝާލް ކިޔައިދިނެވެ.
އޭނާ އިތުރަށް ހާމަކުރި ގޮތުގައި، އެ މަންޒަރުގައި ފުރަތަމަ އަރުޖުން ރާމްޕާލް ހުރި ނަމަވެސް، ސަލާމަތީ ސަބަބުތަކަށްޓަކައި ބޮންގޮއްވުމުގެ ކުރިން އޭނާ އެތަނުން ދުރުކުރި އެވެ. ރަންވީރު ހަމަޖެހިލައިގެން ހުރި ނަމަވެސް، އެ ވަގުތު އޭނާއަށް ލިބިދާނެ ގެއްލުމަކާ މެދު ވިޝާލް ވަރަށް ބޮޑަށް ކަންބޮޑުވި ކަމަށް ބުންޏެވެ. ރަންވީރު އެހާ އިތުބާރާއެކު ހުރީ ޓީމުން ކުރި މަސައްކަތާއި، އެ މަންޒަރު ކުރިއަށްގެންދާނެ ގޮތުގެ ތަފްސީލުތައް އޭނާއަށް ރަނގަޅަށް ކިޔައިދީފައި އޮތުމުން ކަމަށްވެސް ވިޝާލް ފާހަގަކުރި އެވެ.
މީގެއިތުރުން، މަސައްކަތް ނިމުމުންވެސް އަރުޖުން ރާމްޕާލް ހިމެނޭހެން މުޅި ޓީމު އެ މަންޒަރު ބަލަން މަޑުކުރި ކަމަށާއި، މަންޒަރު ނިމުމުން ރަންވީރު ޓީމަށް ވަރަށް ބޮޑަށް ތައުރީފުކޮށް ހިތްވަރު ދިން ކަމަށްވެސް އޭނާ ބުންޏެވެ.
ވިޝާލް ބުނި ގޮތުގައި، މި މަންޒަރު ތައްޔާރުކުރުމުގައި ޕްރޮޑަކްޝަން ޓީމުގެ ފަރާތުން ބޮޑު ޕްރެޝަރެއް އޮތެވެ. އެ މަންޒަރުގައި ބޭނުންކުރީ އަސްލު ރޭލުތަކާއި ކޮންޓޭނަރުތަކެވެ. ޕްރޮޑަކްޝަނުން 250 ލީޓަރުގެ ޕެޓްރޯލް ބޭނުންކުރަން ބުނި ނަމަވެސް، އެކަށީގެންވާ އަސަރެއް ފެންނާނީ މަދުވެގެން 500 ލީޓަރު ބޭނުންކޮށްގެން ކަމަށް ބުނެ ވިޝާލް ވަނީ އެގޮތަށް ބާރުއަޅާފަ އެވެ. އަދި ކޮންމެ ޓޭންކެއްގެ ތެރެއަށް 25 ކިލޯގެ ގޮވާތަކެތިވެސް ލާފައިވާނޭ ކަމަށް އޭނާ ބުންޏެވެ.
"ދުރަންދަރު: ދަ ރިވެންޖް" ގެ ކާމިޔާބީ
މި ފިލްމުގައި ރަންވީރު ސިންގް ފެންނަނީ ވަރަށް ވަރުގަދަ ކެރެކްޓަރަކުންނެވެ. އޭނާގެ ކެރެކްޓަރު "ޖަސްކިރަތު ސިންގް ރަންގީ" އިން "ހަމްޒާ" އަށް ބަދަލުވެގެންދާ ގޮތް މި ފިލްމުން ފެނިގެންދެ އެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އިންޑިއާއަށް އަމާޒުކުރާ ޓެރަރިސްޓް ނެޓްވޯކެއް ނައްތާލުމަށް ހަމްޒާ ކުރާ މަސައްކަތުގެ މައްޗަށެވެ. ގިނަ ބައެއްގެ ތަރުހީބު ލިބުނު މި ފިލްމަށް މިހާތަނަށް ދުނިޔޭގެ ބާޒާރުން 1,750 ކްރޯޑް ރުޕީސްއަށް ވުރެ ގިނަ އާމްދަނީއެއް ލިބިފައިވާއިރު، މިއީ އިންޑިއާގައި އުފެއްދި ތިންވަނައަށް އެންމެ އާމްދަނީ ބޮޑު ފިލްމެވެ. އަދި މިއީ އިންޑިއާގެ އެތެރޭގެ މާކެޓުގައި 1,000 ކްރޯޑް ރުޕީސް ހަމަކުރި ފުރަތަމަ ބޮލީވުޑް ފިލްމުވެސް މެއެވެ.
ރަޝިޔާ އާއި ޗައިނާގެ ފްލައިޓްތައް އީރާނަށް ދަތުރުކުރަން ފަށައިފި
މަރުވެފައިވާ ދައްތަގެ ކަށިގަނޑު ހިފައިގެން ބޭންކަށް ގޮސްފި
އީރާނުން 21 މީހަކަށް މަރުގެ އަދަބު ދީފި