ކޮވިޑް ޖެހިގެން ހާލު ދެރަވާ މީހުންނަށް ފަރުވާދިނުމަށް ގާއިމްކޮށްފައިވާ އައިސީޔޫ އެނދުތައް ފުރިފައިވާތީ، އިތުރު އައިސީޔޫ އެނދުތައް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އިތުރު އައިސީޔޫ އެނދުތައް އޮޕަރޭޝަނަށް ގެނައުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އިތުރު 12 އެނދެއްގައި އައިސީޔޫގައި ފަރުވާދެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ފެސިލިޓީގައި މާދަމާ އިތުރު އަށް އެނދު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ވެންޓިލޭޓަރުގައި ފަރުވާދެވޭ އިންތިޒާމް ހަމަޖައްސާފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ އިއްޔެ ވަނީ ފުރިފަ އެވެ. އަދި ކޮވިޑްގެ ބަލި މީހުން އެޑްމިޓްކުރާ ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާ މިއަދު ފުރިފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ވަކިން ހުރި އިމާރާތެއްގައި 50 އެނދު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

އައިސޮލޭޝަން ފެސިލިޓީތައް އިތުރުކުރުމަށް މިއަދު ވަނީ ނިންމައި، އެކަމުގެ މަސައްކަތް ފަށާފަ އެވެ. ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ ފުރިފައިވާތީ، ވެލިދޫ އައިސޮލޭޝަން ފެސިލިޓީ އަނެއްކާވެސް އޮޕަރޭޝަނަށް ގެންއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މީގެއިތުރުން އިތުރު ސާމްޕަލް ކަލެކްޝަން ސެންޓަރަކާއި އިތުރު ފްލޫ ކްލިނިކެއް މާލެ ސަރަހައްދުގައި ހެދުމަށް މިއަދު ވަނީ ނިންމާފަ އެވެ.