އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގެވުމަކަށް، ޔޫއެފްއޯ ނުވަތަ ކޮން އެއްޗެއްކަން ނޭނގޭ އުދުހޭ ތަކެއްޗާ ގުޅޭ ސަރުކާރުގެ ސިއްރު ލިޔެކިޔުންތައް ޕެންޓަގަނުން އާންމުކުރަން ފަށައިފި އެވެ. ރައީސް ޓްރަމްޕް ވަނީ މިފަދަ ލިޔެކިޔުންތައް ދެނެގަނެ، އޭގެ ސިއްރުކަން ކަނޑާލުމަށް (ޑިކްލެސިފައި ކުރުމަށް) ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފަ އެވެ.

އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން އެކްސް ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ލިޔެކިޔުންތައް ފެޑެރަލް ސަރުކާރުގެ އާ ވެބްސައިޓެއްގައި ވަގުތުން ވަގުތަށް އާންމުކުރަމުން ގެންދާނެ ކަމަށެވެ.

މި މަސައްކަތަކީ ވައިޓް ހައުސް، ނާސާ، އެފްބީއައި، ޑައިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސް އަދި ޑިޕާޓްމަންޓް އޮފް އެނާޖީ ފަދަ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

"މީގެ ކުރީގެ ސަރުކާރުތަކުން މިކަމާ ގުޅޭ މައުލޫމާތުތައް އޮޅުވާލުމަށް ނުވަތަ ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް މަސައްކަތް ކޮށްފައިވީ ނަމަވެސް، ރައީސް ޓްރަމްޕްގެ އަމާޒަކީ މިކަމުގައި ވީހާވެސް ބޮޑަށް ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ހާމަކުރުން،" އެ ޕޯސްޓުގައި ބުނެފައިވެއެވެ. މީގެ ބޭނުމަކީ ލިޔެކިޔުންތަކުގައިވާ މައުލޫމާތުތަކަށް ބަލައި، އަމިއްލައަށް ކަންކަން ނިންމުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ދިނުމެވެ.

އެ ވެބްސައިޓުގައި މިހާރުވެސް ބައެއް ލިޔެކިޔުންތައް ވަނީ އާންމުކޮށްފަ އެވެ. މީގެ ތެރޭގައި ތަހުގީގީ ރިޕޯޓުތަކާއި، މިފަދަ ތަކެތި ފެނުނު މީހުންގެ ބަޔާންތަކުގެ އިތުރުން ފެނިފައިވާ ޔޫއެފްއޯ ތަކާ ގުޅޭ ރިޕޯޓުތައް ހިމެނެ އެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާ ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުން، "އޭލިއަން" ނުވަތަ އެހެން ޕްލެނެޓްތަކުގައި މަހްލޫގުން އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިޝާރާތް ކުރެއްވުމާ ގުޅިގެން، ރައީސް ޓްރަމްޕް ވަނީ މި ލިޔެކިޔުންތައް އާންމުކުރައްވާނެ ކަމަށް މިދިޔަ ފެބުރުއަރީ މަހު "ޓްރުތު ސޯޝަލް" މެދުވެރިކޮށް އިއުލާން ކުރައްވާފަ އެވެ.