އެޗްޕީއޭ ސިޔާސީ ނިންމުން ނިންމާ ތަނަކަށް މިސަރުކާރުން ހެދުމުގެ ސަބަބުން އެ އިދާރާއަށް ރައްޔިތުންކުރާ އިތުބާރު ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭއިން ކަނޑައަޅާފައިވާ ބައެއް އުސޫލުތަކާއި، ފިޔަވަޅުތަކުގެ ސަބަބުން، ރައްޔިތުންގެ ފާޑުކިޔުންތައް އެ އިދާރާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ހުސެއިން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ސަރުކާރުން އެޗްޕީއޭ ސިޔާސީކުރުމުގެ ސަބަބުން، މީގެ ކުރިން ރައްޔިތުން އެ އިދާރާއަށް ކުރަމުން އައި އިތުބާރު ގެއްލިފައިވާ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ގައުމުގެ ހާލަތު އަނެއްކާ ވެސް ދަށްވާން ފަށައިފި ކަމަށާއި، މިކަމުގައި ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު މި ކަމުގެ ސީރިއަސްކަން ޑޮކްޓަރުން ވެސް ދަނީ ފާހަގަކުރަމުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ވެސް ވަނީ ފުރިފަ އެވެ. މިއާއެކު އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށް ކުރިން ލުއި ދީފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފަ އެވެ.