ހުޅަނގު މޫސުން ރަސްމީކޮށް ރާއްޖެއަށް ފެށިފައިވާކަން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހުން) މިއަދު އިއުލާނުކޮށްފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ ހުޅަނގު މޫސުމުގެ އަސަރުތައް އާއްމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެ ވަނަ ހަފުތާގައި އަތޮޅުތަކަށް ފެށޭ ކަމަށެވެ. އޭގެ ފަހުން އެ މޫސުމުގެ އަސަރު މެދުރާއްޖެ ތެރެއަށް ފޯރައި، މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް ބުންޏެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މިދިޔަ ހުކުރު ދުވަހު ކަމަށް މެޓް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ އިރުވައި މޫސުމަކީ މީލާދީގޮތުން ބަލާއިރު ގާތްގަނޑަކަށް ޖެނުއަރީ މަހުން ފެށިގެން މާޗުގެ ނިޔަލަށް ކަމަށެވެ.

ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑުތަކަކީ:

  • މެއި 1ގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން %60 ސްޓޭޝަނުން، 2.5 މިލިމީޓަރު ނުވަތަ އިތުރަށް ދުވާލެއްގެ މައްޗަށް ރެކޯޑުކުރެވުން
  • މެއި 1ގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން %60 ސްޓޭޝަނުގައި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު ދިހަ ނޯޓިކަލް މޭލަށް ވުރެ ބާރުގައި ޖެހުން
  • މި ދެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިޔުން

ދެ މޫސުމުގެ ދޭތެރޭގައި ކޮންމެ އަހަރަކު ވެސް މަހެއްހާ ދުވަސް އޮންނައިރު، މިއީ އާއްމު ގޮތެއްގައި ގަދަ ދުވަސްތަކެކެވެ. ހުޅަނގު މޫސުމުގައި ގިނައިން ވިއްސާރަ ވެހި ކަނޑު ގަދަވެ އެވެ. މިހާރު ވެސް މެޓު އޮފީހުން ވަނީ، ކުރިއަށް އޮތް ދެ ތިން ދުވަހު ދެކުނާއި މެދު ރާއްޖެތެރެއަށް ގަދަ ވާނެ ކަމަށް އިއުލާނުކޮށްފަ އެވެ.