މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޭން ކަނޑައެޅި 4000 ފްލެޓް ލިސްޓުގައި ހިމެނި 450 މީހެއްގެ ޝަރުތުހަމަނުވާ ކަމަށް ކަނޑައަޅައި ފްލެޓްތައް އަތުލި ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބް ވިދާޅުވީ އެ ފްލެޓްތައް މި ސަރުކާރުން ހަވާލުކުރީ ހައްގުވެރި ފަރާތްތަކާ ކަމަށެވެ.

"އަދިވެސް އެބަހުރި ބައެއް ކޭސްތައް އެއްކޮށް ނުނިމޭ. ނަމަވެސް އަޅުގަނޑު ހަނދާންވަނީ ސީދާ އަދަދެއް [ނޭނގެ]. [ހަނދާން ވަނީ] 460 ކޮންމެވެސް ވަރެކޭ. މިދެންނެވިހެން އެއްކޮށް މުޅިން ނުނިމޭތީވެ، ބައެއް މަދު ކޭސްތައް އަދިވެސް އެބަހުރި ގޮތެއް ނުނިމި. އެހެންވީމަ 450 އެހާކަށްވަރުގެ އެޕްލިކޭޝަންތައް ވާނީ ބާތިލުކުރެވިފައި،" މުއްތަލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިން ކޮޓަރިއަށް ޝަރުތު ހަމަނުވެ އެ ތަންތަން ލިބިފައި ހުރުމުން އެ ފްލެޓުތައް އެ މީހުންގެ އަތުން ނަގައި ޝަރުތު ހަމަވާ މީހުންނަށް ދީފައިވާނެ ކަމަށެވެ. އަދި ތިން ކޮޓަރި ލިބިފައި ހުރި އެ މީހުންނަށް ދެ ކޮޓަރީގެ ފްލެޓުތަކަށް ބަދަލުކުރުން ފަދަ ގޮތްތަކެއް ހަމަޖައްސާދީފައިވާ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން ފްލެޓް އަތުލި މީހުންގެ ތެރޭގައި ހައްގު ގޮތުގައި ފްލެޓް ލިބުނު މީހުން ހިމެނޭކަން ފަހި ޔޫނިއަނުން ބެލިބެލުމުން ވަނީ ކަށަވަރުވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ވަކި ބަޔަކަށް މި ސަރުކާރުން ފްލެޓް ދިން ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރި އެވެ.