އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އީރާނާއެކު ކުރި ހަނގުރާމައިގެ ދުވަސްވަރު ސިއްރު ގޮތެއްގައި ޔޫނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ޒިޔާރަތްކޮށް، އެ ގައުމުގެ ރައީސްއާ ބައްދަލުކުރި ކަމަށް ބުނެފި އެވެ.
ނަތަންޔާހޫގެ އޮފީހުން ހާމަކުރި ގޮތުގައި، އިޒްރޭލުގެ ބޮޑުވަޒީރާއި ޔޫއޭއީގެ ރައީސް ޝެއިޚް މުހައްމަދު ބިން ޒައިދު އާ ދެމެދު ބޭއްވި މި ބައްދަލުވުމަކީ ތާރީހީ ކުރިއެރުމެއް ލިބިގެންދިޔަ ބައްދަލުވުމެކެވެ.
ނަމަވެސް، މި ވާހަކަތައް ދެއްކިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޔޫއޭއީގެ ފޮރިން މިނިސްޓްރީން ވަނީ އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަކީ ނުރަސްމީ އިންތިޒާމުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ނޫން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ އެމިރޭޓްސްގެ އެކި އަމާޒުތަކަށް ހަމަލާދީފަ އެވެ. އަދި އެމެރިކާއާއި އިޒްރޭލާ ގާތް ގުޅުމެއް ބާއްވާތީ ތެހެރާނުން ދަނީ ތަކުރާރުކޮށް ޔޫއޭއީއަށް ފާޑުކިޔަމުންނެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، އީރާނުގެ ސަލާމަތީ ހިދުމަތްތަކުން މީގެ މާކުރިން ގައުމުގެ ވެރިންނަށް އަރުވާފައިވާ މައުލޫމާތުތައް ނަތަންޔާހޫ މިހާރު ފާޅުގައި ހާމަކޮށްފި ކަމަށެވެ. އަދި އިޒްރޭލާއެކު ބާއްވާ މިފަދަ ނޭދެވޭ ގުޅުންތަކަކީ މާފުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމުގައި ބައިވެރިވާ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި، ނަތަންޔާހޫ ނުވަތަ އިޒްރޭލުގެ އަސްކަރީ ވަފުދެއް އެ ގައުމަށް ޒިޔާރަތްކުރި ކަމަށް ބުނާ ރިޕޯޓުތައް ވަނީ ކަނޑައެޅިގެން ދޮގުކޮށްފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ، އިޒްރޭލާއެކު އޮންނަ ގުޅުމަކީ ފާޅުކަން ބޮޑު ގޮތެއްގައި އަބްރަހަމް އެކޯޑްސް ގެ އޮނިގަނޑުގެ ތެރެއިން ހިނގާ ގުޅުމެއް ކަމަށާއި، އެއީ ސިއްރު ނުވަތަ ނުރަސްމީ ކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫން ކަމަށެވެ.
އަބްރަހަމް އެކޯޑްސްއަކީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އިޒްރޭލުން އަރަބި ބައެއް ގައުމުތަކާ ދެމެދު ގުޅުން ގާއިމުކުރުމަށް އެކުލަވާލި އެއްބަސްވުންތަކެކެވެ.
ރޮއިޓާސް ނޫސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ އާއި އެމިރޭޓްސްގެ ރައީސްގެ ބައްދަލުވުން އޮތީ އޮމާން ބޯޑަރު ކައިރީގައި އޮންނަ އަލް-އައިން ކިޔާ ރަށެއްގަ އެވެ. އަދި އެ ބައްދަލުވުން އެތައް ގަޑިއިރަކަށް ދެމިގެންދިޔަ ކަމަށްވެސް ބުނެފައިވެއެވެ.
އިޒްރޭލަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރު މައިކް ހަކަބީ އަންގާރަ ދުވަހު ބުނީ، އިރާނުގެ ހަމަލާތަކުން ސަލާމަތްވުމަށް އެހީތެރިވުމުގެ ގޮތުން އިޒްރޭލުން ވަނީ އަޔަން ޑޯމް ނިޒާމުގެ ބެޓެރިތަކެއް ޔޫއޭއީއަށް ފޮނުވާފަ އެވެ. އަޔަން ޑޯމްއަކީ މިސައިލާއި ރޮކެޓް ފަދަ ތަކެތި ވައިގެ ތެރޭގައި ގޮއްވާލުމަށް އިޒްރޭލުން ބޭނުންކުރާ ކުރިއަރާފައިވާ ދިފާއީ ނިޒާމެކެވެ.
ހަކަބީ ބުނެފައިވާ ގޮތުގައި، އަޔަން ޑޯމް ޔޫއޭއީގައި ގާއިމުކުރުމަކީ އަބްރަހަމް އެކޯޑްސްގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ އާދަޔާހިލާފު ގުޅުމުގެ ނަތީޖާއެކެވެ.
އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން މި ގުޅުން އިތުރަށް ބަދަހިވެ، އަސްކަރީ ގޮތުންވެސް އެއްބާރުލުން އިތުރުވެފައިވާ ކަމަށް ފެނެއެވެ. ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ ޔޫއޭއީއަށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ. މޭ މަހުގެ 10 ވަނަ ދުވަހު ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، ފެބްރުއަރީ މަހުގެ ފަހުކޮޅު ހަނގުރާމަ ފެށުނީއްސުރެ ޖުމްލަ 551 ބެލިސްޓިކް މިސައިލާއި، 29 ކުރޫޒް މިސައިލް އަދި 2,265 ޑްރޯންއާ އެ ގައުމުގެ ދިފާއީ ނިޒާމުތަކުން ކުރިމަތިލާފައިވެއެވެ.
މީގެ އިތުރުން، ޔޫއޭއީން އީރާނަށް ހަމަލާދީފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ވަނީ ރިޕޯޓުކޮށްފަ އެވެ. މީގެ ތެރޭގައި އޭޕްރީލް މަހުގެ ކުރީކޮޅު އީރާނުގެ ލަވަން އައިލެންޑްގައި ހުރި ތެޔޮ ސާފުކުރާ ކާރުހާނާއަކަށް ދިން ހަމަލާ ހިމެނެ އެވެ. ނަމަވެސް ޔޫއޭއީން މިކަން ރަސްމީކޮށް އެއްބަސްވެފައެއް ނުވެއެވެ.
ޔޫއޭއީގެ ރައީސްގެ މުޝީރު އަންވަރު ގަރްގާޝް ބުދަ ދުވަހު ވިދާޅުވީ، އެ ގައުމުން އަދިވެސް އިސްކަންދެނީ ޑިޕްލޮމަސީއަށް ކަމަށާއި، ނަމަވެސް އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށެވެ. ގަރްގާޝް އިތުރަށް ވިދާޅުވީ ޔޫއޭއީން ހަނގުރާމައަކަށް ބޭނުންނުވާ ކަމަށާއި، ގަލްފުގެ ގައުމުތަކާއި އީރާނާ ދެމެދު އޮންނަ ގުޅުން ބިނާކުރަންވާނީ ކުރިމަތިލުންތަކުގެ މައްޗަށް ނޫން ކަމަށެވެ.
އެމެރިކާއާއި އީރާނާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮންނަތާ މިހާރު މަހެއްހާ ދުވަސް ވެއްޖެ އެވެ. ނަމަވެސް، އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފަ އެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ގާތްގަނޑަކަށް %20 ދަތުރުކުރަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ. އަނެއްކޮޅުން އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށް، އެމެރިކާގެ ޝަރުތުތަކަށް އެއްބަސްވުމަށް ތެހެރާނަށް ފިއްތުން ކުރިމަތިކުރަމުންނެވެ.
އާދީއްތަ ދުވަހު އީރާނުން ވަނީ ހަނގުރާމަ ހުއްޓާލުމަށާއި ކަނޑުއޮޅި ހުޅުވާލުމަށް އެދޭ ޝަރުތުތައް އެމެރިކާއަށް ހުށަހަޅާފަ އެވެ. ނަމަވެސް ޓްރަމްޕް ވަނީ އެ ހުށަހެޅުންތަކަށް ފުރަގަސްދީ، އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ގާލީބާފް އެކްސްގައި ވިދާޅުވީ، އީރާނުގެ އަސްކަރިއްޔާ އޮތީ ތައްޔާރީ ހާލަތެއްގައި ކަމަށާއި، ކުރިމަތިވާ ކޮންމެ ހަމަލާއަކަށް ފިލާވަޅެއް ލިބޭނެ ފަދަ ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.
ނޫސްވެރިން ޖަލަށްލީ ފާޑުކިޔުންތައް ހުއްޓުވަން: އެމްޑީޕީ
ހަރަދު ކުޑަކުރުމަށް މޯދީގެ މޮޓޯކޭޑް ކުޑަކޮށްފި
ޓްރަމްޕާއި ޝީގެ ރަސްމީ ބައްދަލުވުން މިއަދު ބެއިޖިންގައި ބާއްވަނީ