މިއަދުގެ ދުނިޔޭގައި ހޯރްމުޒްއޭ ބުނުމުން ކޮންމެ މީހެއްގެ ވެސް ސިކުނޑިއަށް އަންނާނީ އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ނުތަނަވަސްކަމުގެ ޝިކާރާއަކަށް ވެފައިވާ ތަނެކެވެ.
އެހެން ނަމަވެސް އެ ކަމުން ބޭރަށް ސިކުނޑި ހިންގާލައި ބަލާއިރު އީރާނުގެ ދެކުނުގައި، ޕާޝިއަން ގަލްފުގެ އައްސޭރިފަށުގައި އޮންނަ ހޯރްމުޒް އައިލެންޑަކީ ހަމައެކަނި ރީތި މަންޒަރުތަކެއް ފެންނަ ތަނެއް ނޫނެވެ.
އެއީ ބިމުގެ އަޑީގެ މަޢުދަނުތަކުން ފެށިގެން އެ ރަޓުގެ އަހުލުވެރިންގެ ކެއިންބުއިމާއި އުމްރާނީ ކުރިއެރުންތަކާ ހަމައަށް އަޖައިބުތަކުން ފުރިގެންވާ ތަނެކެވެ.
"ކެވޭ ފަސްގަނޑު": އަހުލުވެރިންގެ ސަގާފީ ރަހައެއް
ހޯމުޒް އައިލެންޑްގެ އެންމެ އާދަޔާޚިލާފު އެއް ކަމަކީ އެ ރަށުގެ ފަސްގަނޑު ކެއުމަށް ބޭނުން ކުރުމެވެ. ރަށުގެ މީހުން "ގެލަކް"ގެ ނަމުން ކިޔާ މި ރަތް ފަސްގަނޑަކީ "އަޔަން އޮކްސައިޑް" އިން މުއްސަނދިވެފައިވާ އެއްޗެކެވެ.
- ސޫރާގް: މިއީ ރަށުގެ އެންމެ މަޝްހޫރު އެއް ކެއުމެވެ. މަސް މޮޑޭއިރު، ރަހަ ޖެއްސުމަށާއި ކުލަ ގެނައުމަށް މި ރަތް ފަސްގަނޑު ބޭނުންކުރެއެވެ.
- ޓޮމްޝީ: މި ރަށުގެ މަގުމަތީ ކެއުމެއްގެ ގޮތުގައި މަޝްހޫރު މި ތުނި ރޮއްޓަކީ ވެސް މި ރަތް ފަސްގަނޑުގެ ރަހަ އެކުލެވޭ އެއްޗެކެވެ. އެ ރަށުގެ މީހުން ގަބޫލުކުރާ ގޮތުގައި މި ފަސްގަނޑަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މަޢުދަނުތައް ލިއްބައިދޭ އެއްޗެކެވެ.
"މަޖާރާ ރެސިޑެންސީ": ދުނިޔޭގެ ސަމާލުކަން ހޯދި އުމްރާނީ އަޖާއިބު
މި ރަށުގެ ކުލަގަދަ ފަރުބަދަތަކާ އެއްގޮތަށް ބިނާކޮށްފައިވާ "މަޖާރާ ރެސިޑެންސީ" އަކީ މިހާރު ދުނިޔޭގެ މަޝްހޫރު އާކިޓެކްޗަރަލް އެވޯޑްތަކެއް ހާސިލުކޮށްފައިވާ ތަނެކެވެ.
މި ރިސޯޓު ބިނާކޮށްފައިވަނީ ކުދިކުދި ގުއްބުތަކެއްގެ ސިފައިގައެވެ.މިތަން ފަރުމާކޮށްފައިވަނީ ރަށުގެ ގުދުރަތީ ކުލަތައް ކަމަށްވާ ރަތް، ރީނދޫ އަދި ނޫ ކުލައިންނެވެ. މި ބިނާތައް ހަދާފައިވަނީ ރަށުގެ އާންމު ރައްޔިތުން ބައިވެރިކޮށްގެން، ތިމާވެއްޓާ ރައްޓެހި ގޮތަކަށެވެ.
ލޭ ކުލައިގެ ގޮނޑުދޮށެއް!
ވާރޭ ވެހުމަށްފަހު، ހޯރްމުޒް އައިލެންޑްގެ އަތިރިމަތިން ފެންނަނީ ބިރުވެރި އެހެންނަމަވެސް ހިތްގައިމު މަންޒަރެކެވެ. ފަރުބަދަތަކުގައި ހުންނަ ރަތް ކުލައިގެ މަޢުދަނުތައް ވާރޭފެނާއެކު ކަނޑަށް ފައިބައި، މުޅި ކަނޑުގެ ލޮނުގަނޑު ގަދަ ރަތް ކުލައަށް ބަދަލުވެ އެވެ.
މި މަންޒަރަށް ގިނަ ބަޔަކު "ބްލީޑިންގް ޝޯ" އޭ ކިޔައި އު ޅެއެވެ. މިއީ އެއްވެސް ކަހަލަ ނުރައްކަލެއް ހުރި ކަމެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ގުދުރަތީ ކެމިކަލް ރިއެކްޝަނެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.
ޖިއޮލޮޖިކަލް ތާރީޚު
މި ރަށަކީ މީގެ 600 މިލިއަން އަހަރު ކުރިން އުފެދިފައިވާ "ސޯލްޓް ޑޯމް" އެކެވެ. ބިމުގެ އަޑީގައިވާ ލޮނުގެ ފަށަލަތައް މައްޗަށް އަރައިގެން އުފެދިފައިވާ މި ރަށުގައި 70 އަށްވުރެ ގިނަ ބާވަތުގެ ތަފާތު މަޢުދަނުތައް ހުރެ އެވެ. މިއީ ބިމުގެ ދިރާސާ ކުރާ ފަރާތްތަކަށް އޮތް "ބިމުއަޑީގެ ޚަޒާނާއެއް" ކަމުގައި ބުނެވެ އެވެ.
އިގްތިސާދީ އަދި ސިޔާސީ މުހިއްމުކަން
ހޯރްމުޒް އައިލެންޑަކީ ހަމައެކަނި ފަތުރުވެރިކަމުގެ މަންޒިލެއް ނޫނެވެ. ދުނިޔޭގައި ވިޔަފާރިކުރާ ތެލުގެ 21 އިންސައްތަ ދަތުރުކުރާ "ސްޓްރެއިޓް އޮފް ހޯމުޒް" ބަލަހައްޓާ ފާރަވެރިއަކީ ވެސް މި ރަށެވެ. މިހާރު ކުރިއަށްދާ ހަނގުރާމައިގައި ހޮރްމުޒް ކަނޑުއޮޅިއަށް އެހާ ބޮޑު ސަމާލުކަމެއް ލިބެނީ ވެސް އެހެންވެ އެވެ.
މިހާ ބޮޑު މުއްސަނދިކަމެއް މި ސަރަހައްދުން ހުރަސްކުރާއިރު، ރަށުގެ އާބާދީގެ 3,000 އެއްހާ މީހުން އަދިވެސް އުޅެމުންދަނީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ.
މި ރަށަކީ އިންސާނީ ތަހުޒީބުން ތަޣައްޔަރު ވެފައިނުވާ ގުދުރަތީ ކުލަގަދަ ކުރެހުމެކެވެ. ތާރީޚާއި، ކެއިންބުއިމާއި، އަދި ބިމުގެ އަޖައިބުތަކަށް ލޯބިކުރާ ކޮންމެ މީހަކުވެސް ޝައުގުވެރިވާނެ މަންޒިލެކެވެ.