މިއަހަރުގެ މަތިވެރި ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ރާއްޖެއިން ފުރާ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ސައުދީ އަރަބިއްޔާއަށް ފުރައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ފުރި މި ގްރޫޕުގައި ހިމެނެނީ 235 ހައްޖުވެރިންނެވެ. މި ގްރޫޕު ފުރާފައި ވަނީ ސައުދީ އެއާލައިންގެ ހާއްސަ ފްލައިޓެއްގަ އެވެ. މިއަދު ފުރި ފުރަތަމަ ގްރޫޕަށްފަހު، ދެން ތިބި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު އެވެ.

ހައްޖުވެރިން ފުރުމުގެ އިންތިޒާމުތައް ވީހާވެސް ލުއިފަސޭހަކޮށް ކުރިއަށް ގެންދިއުމަށްޓަކައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އިސްލާމިކް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ގުޅިގެން ވަނީ އެއާޕޯޓުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފަ އެވެ. އެގޮތުން ހައްޖުވެރިންގެ ފޮށިތަންމަތި އުފުލުމާއި، އިމިގްރޭޝަން ކްލިއަރެންސްގެ ކަންކަން އަވަސްކުރުމަށް ހާއްސަ އިސްކަމެއް ވަނީ ދީފަ އެވެ.

ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ސައުދީ އަރަބިއްޔާއަށް ހައްޖުވެރިން ގޮސް ތިބޭނެ ހޮޓާތަކާއި، ކާބޯތަކެތީގެ އިންތިޒާމުތަކާއި އަދި ދަތުރުފަތުރުގެ ހުރިހާ ކަމެއް މިހާރު ވަނީ ފުރިހަމަކުރެވިފަ އެވެ.

މިއަހަރު ރާއްޖެއަށް ސައުދީ ސަރުކާރުން ދީފައިވަނީ ޖުމްލަ 1000 ހައްޖު ކޯޓާ އެވެ. ސަރުކާރުން ނިންމާފައިވާ ގޮތަން، މިއަހަރުގެ ހުރިހާ ކޯޓާއެއްގެ އިންތިޒާމުތައް ބަލަހައްޓަމުންދަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ދަށުންނެވެ.