ބަރުދަން ލުއިކުރަން އުޅޭ ކޮންމެ މީހަކަށްމެ ފުރަތަމަވެސް ވިސްނޭނީ ހަރުކަށި ޑައެޓްތަކާމެދު އެވެ. ކެލަރީ ގުނުމާއި، މީރުހާ ކާއެއްޗަކާ ދުރުވުމަކީ ބަރުދަން ލުއިކުރުމުގެ ހަމައެކަނި މަގު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އެހެން ނަމަވެސް، ސައިންސްވެރިންގެ ދިރާސާތަކުން ދައްކާ ގޮތުގައި، ބަރުދަން ލުއިކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ކާނާއިން ލިބޭ އުފަލާއި ހިތްހަމަޖެހުމެވެ.

ކާ އެއްޗަކުން އުފާލިބުމަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ކަމަކަށް ވަނީ ކީއްވެ؟

1. ސިކުނޑީގެ ސިގްނަލްތަކާއި ޑޮޕަމިން

އަހަރެމެން މީރު އެއްޗެއް ކެއުމުން ސިކުނޑިން 'ޑޮޕަމިން' ކިޔާ ކެމިކަލެއް ދޫކުރެއެވެ. މިއީ ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ މެސެންޖަރެކެވެ. ސައިންސްވެރިން ބުނާގޮތުގައި، އަހަރެމެން ކާ އެއްޗަކުން ފުރިހަމަ ހިތްހަމަޖެހުން ލިބުމުން، ބަނޑުފުރިއްޖެކަމުގެ ސިގްނަލް ސިކުނޑިއަށް އަވަހަށް ފޮނުވައިދެ އެވެ.

އޭގެ ބަދަލުގައި، އެއްގޮތަކަށްވެސް ކާން ބޭނުންނުވާ، ރަހަ ކަމުނުދާ އެއްޗެއް ހަމައެކަނި ޑައެޓަކަށްޓަކައި ކާނަމަ، ސިކުނޑިއަށް އެ ބޭނުންވާ ހިތްހަމަޖެހުމެއް ނުލިބެ އެވެ. މީގެ ސަބަބުން ބަނޑުފުރުނަސް، ސިކުނޑި އިތުރު ކާއެއްޗެއް އާދަޔާޚިލާފަށް ހޯދުމަށް މަޖުބޫރުކުރުވައި ފަހުން މާ ގިނައިން ކެވޭ ގޮތްވެ އެވެ.

2. ކެއުމަށްފަހު އަމިއްލަ ނަފްސު ކުށްވެރި ކުރުން

ތިމާ ލޯބިވާ ކާއެއްޗެއް (މިސާލަކަށް ކޭކު ފޮއްޗެއް ނުވަތަ ޗޮކްލެޓެއް) ކެއުމަށްފަހު، އެއީ ކުށެއް ކުރެވުނީ ކަމަށް ދެކި "ކުށްވެރިކަމުގެ އިހުސާސް" ކުރާނަމަ، އޭގެ ނޭދެވޭ އަސަރު ހަށިގަނޑަށް ކުރެ އެވެ.

މާހިރުން ބުނާގޮތުގައި، ކާއެއްޗެއްގެ ސަބަބުން މީހާ ސްޓްރެސްވުމުން ހަށިގަނޑުގައި 'ކޯޓިސޯލް' ހޯމޯން އިތުރުވެ އެވެ. މި ހޯމޯންގެ ސަބަބުން ހަށިގަނޑުގައި ސަރުބީ ރައްކާކުރުން އަވަސްވެ، ބަރުދަން ލުއިވުމަށް ހުރަސްއެޅެ އެވެ. އޭގެ ބަދަލުގައި، އެ އެއްޗެއް ކުޑަ މިންވަރަކަށް، އުފަލާއެކު ބޭނުންކުރުމުން ހަށިގަނޑުގެ މެޓަބޮލިޒަމަށް އޭގެ ފައިދާކުރެ އެވެ.

3. ކެއުމުގެ އުފާ ލިބުމުން ކެއުން ލަސްވުން

ކާނާގެ ރަހަ ލިބިގަނެ، އުފަލާއެކު ކާ މީހުން އާއްމުކޮށް ކަނީ ވަރަށް ލަހުންނެވެ. ކާނާ ރަނގަޅަށް ހަފައިގެން، ސަމާލުކަން ދީގެން ކެއުމުން، ބަނޑުފުރޭކަން އަންގައިދޭ ހޯމޯންތައް ސިކުނޑިއަށް ފޮނުވުމަށް ބޭނުންވާ 15-20 މިނެޓް ލިބެ އެވެ. ފޯނަށް ބަލަމުން ނުވަތަ އަވަސްއަރުވާލައިގެން ކާނަމަ، ކެވޭ މިންވަރު ނޭނގި، ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ މާ ގިނައިން ކެލޮރީ އެތެރެ އެވެ.

4. ހަރުކަށި ބަންދުތަކުން މާ ބޮޑަށް ކާން ބޭނުންވުން

ވަކި ބާވަތްތަކެއްގެ ކާއެއްޗެހި މުޅިން މަނާކޮށްގެން އުޅޭ ހަރުކަށި ޑައެޓްތައް ދިގު މުއްދަތަކަށް ދެމެހެއްޓުމަކީ އުނދަގޫ ކަމެކެވެ. މީހާގެ ނަފްސު ކޮންޓްރޯލްކުރުމުގެ ބާރު ކޮޅުންލާ ދުވަހުން ކުރިން މަނާކުރި ކާއެއްޗެހި އާދަޔާޚިލާފަށް ގިނައިން ކެވޭގޮތް ދިމާވެ އެވެ. މިއީ ބަރުދަން ކުރިއަށްވުރެ ވެސް އިތުރުވާން ދިމާވާ މައިގަނޑު ސަބަބެވެ.

ދުޅަހެޔޮ ގޮތުގައި ބަރުދަން ލުއިކުރުމަށް ކުރެވިދާނެ ކަންކަން

  • ފައިދާހުރި ކާނާ މީރުކޮށް ތައްޔާރުކުރުން: ތަރުކާރީ އާއި ސަލަޑް ފަދަ ތަކެތި ކާއިރު، އެކި ކަހަލަ ހާބްސް އަދި ހަވާދުގެ ބާވަތްތައް ބޭނުންކޮށްގެން އެ ތަކެތި ކެއުމުން ހިތްހަމަޖެހުން ލިބޭނެ ގޮތް ހަދާށެވެ.
  • 80/20 ގެ އުސޫލު ގެންގުޅުން: ކާނާގެ 80% އަކީ ސިއްހަތަށް ފައިދާހުރި ތަކެއްޗަށް ހަދާފައި، ބާކީ 20% ތިމާ އެންމެ ހިތްދޭ، މީރު ކާއެއްޗެހި ކެއުމަށް ހުސްކޮށްލާށެވެ.
  • ކާއިރު އެހެން ކަންކަމާ ދުރުވުން: ޓީވީ، ފޯނު ނުވަތަ ލެޕްޓޮޕް ބަންދުކޮށް، ކާ މޭޒުދޮށުގައި އިށީނދެ، ކާއެއްޗެހީގެ ކުލައާއި، ވަހާއި، ރަހައަށް ސަމާލުކަންދީގެން ކާށެވެ.

ބަރުދަން ލުއިކުރުމަކީ ހަށިގަނޑަށްދޭ "އަދަބެއް" ނޫނެވެ. އެއީ ހަށިގަނޑަށް ކުރާ އަޅާލުމެކެވެ. ކާނާއިން ލިބޭ އުފާވެރިކަން ދޫކޮށްނުލައި، ވިސްނުންތެރިކަމާއެކު ކެއުމަކީ ދިގު މުއްދަތަކަށް ދުޅަހެޔޮ ބަރުދަނެއްގައި ހުރުމުގެ ސިއްރެވެ.