ސްކޫބާ ޑައިވިންއަކީ ގިނަ ބަޔަކު ވަރަށް ޝައުގުވެރިކަމާއެކު ކުރާ ކަމެކެވެ. ކަނޑުއަޑީގެ ސިއްރުތަކާއި ރީތިކަން ހަ މަލޮލުން ދެކިލުމަށެވެ. އެ ތަޖުރިބާ އަމިއްލައަށް ކުރުމަށެވެ.
އެހެން ނަމަވެސް މަދުން ނަމަވެސް މިކަމުގެ ތެރޭގައި ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. ގަވާއިދުތަކަށް ބޯނުލެނބުމުގެ ސަބަބުންނާއި އެ ނޫން ވެސް ސަބަބުތަކާ ހެދި އެތައް ފުރާނައެއް ވަނީ ގެއްލިފަ އެވެ.
ވާވު އަތޮޅުގައި ކޭވް ޑައިވިންއަށް ފޭބި އިޓަލީ ވިލާތުގެ ފަސް ފަތުރުވެރިއަކު ގެއްލި އެ މީހުން ސަލާމަތް ކުރުމަށްޓަކައި ފަށާފައިވާ "ރެސްކިއު މިޝަން" ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާއިރު މި ހާދިސާ ވެފައިވަނީ ސްކޫބާ ޑައިވިންގެ ތާރީހުގައި ހިނގި އެންމެ ބޮޑު އެއް ހާދިސާއަށެވެ.
އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ސްކޫބާ ޑައިވިންގެ ތާރީހުގައި ހިނގާފައިވާ އެންމެ ހިތާމަވެރި ހާދިސާތަކަށެވެ.
ވާވު އަތޮޅު ދެވަނަ ކަނޑު، ދިވެހި ރާއްޖެ - 2026
ކަނޑުއަޑީގެ ދިރާސާއެއް ކުރުމުގެ ބޭނުމުގައި ވެރިރަށް މާލޭގެ ދެކުނުން ގާތްގަނޑަކަށް 100 ކިލޯމީޓަރު ދުރުގައި އޮންނަ 60 މީޓަރު ފުން ކަނޑުއަޑީގެ ހޮހޮޅައަކަށް އިޓަލީ ވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުން "ކޭވް ޑައިވިން"އަށް ފޭބީ މެއި މަހުގެ 14 ވީ ބުރާސްފަތި ދުވަހު އެވެ.
އެ ފަސް ޑައިވަރުންނަކީ ތަޖުރިބާކާރު ޑައިވަރުންތަކަކަށް ވާއިރު އޭގެ ތެރޭގައި ޔުނިވާސިޓީ އޮފް ޖެނޯއާގެ މެރިން ބައޮލޮޖިސްޓް ޕްރޮފެސަރެއް ވެސް ހިމެނެ އެވެ.
ޑައިވަރުން ގެއްލުމާއެކު ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ރެސްކިއު މިޝަންއެއް ފެށިއިރު އެކަކުގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. ބާކީ ހަތަރު މީހުން އަދިވެސް ފެނިފައިނުވާއިރު މި ރެސްކިއުގައި ބައިވެރިވުމަށް ބައިނަލްއަގްވާމީ ޑައިވަރުންގެ ޓީމެއް ވެސް ރާއްޖެއަށް ވަނީ އައިސްފަ އެވެ.
މި ހާދިސާއަށް ލިބުނު އިތުރު ހިތާމައަކީ ރެސްކިއުގައި ހަރަކާތްތެރިވި ދިވެހި ގައުމީ ދިފާއީ ބާރުގެ ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ޑީކޮމްޕްރެސްވެ ހާލު ދެރަވެގެން ޝަހީދުވުމެވެ.
ބައިފޯޑް ޑޮލްފިން އެކްސިޑެންޓް (1983)
މިއީ ތާރީޚުގައި ހިނގި އެންމެ ބިރުވެރި އަދި އެންމެ މަޝްހޫރު އެއް ޑައިވިންގ ހާދިސާއެވެ. ނޯވޭގެ ކައިރީގައި އޮންނަ ތެޔޮ ކޮންނަ ރިގްއެއްގައި މަސައްކަތްކުރި ސެޗުރޭޝަން ޑައިވަރުންތަކެއް "ޑައިވިންގ ބެލް" އިން ނިކުމެ، ޑިކޮމްޕްރެޝަން ޗެމްބަރަށް ވަންނަން އުޅުމުގެ ތެރޭގައި މެކޭނިކަލް ގޮތުން ދިމާވި މައްސަލައެއްގެ ސަބަބުން ކުއްލިއަކަށް ޕްރެޝަރު ދަށްވި އެވެ.
މީގެ ސަބަބުން ޗެމްބަރުގެ އެތެރޭގެ ޕްރެޝަރު ނުވަ އެޓްމޮސްފިއާ އިން އެއް އެޓްމޮސްފިއާއަށް ސިކުންތެއްގެ ތެރޭގައި ވެއްޓި، އެތަނުގައި ތިބި ހަތަރު ޑައިވަރުންގެ ހަށިގަނޑު ވަގުތުން ގޮވައި، ވަރަށް ހިތްދަތި ގޮތަކަށް މަރުވި އެވެ.
ޔޫރީ ލިޕްސްކީގެ ހާދިސާ - މިޞްރުގެ ބްލޫ ހޯލް (2000)
މިޞްރުގެ ދަހަބްގައި އޮންނަ "ބްލޫ ހޯލް" އަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި ޑައިވިންގ ސައިޓެވެ. މިއީ އެތައް ސަތޭކަ ޑައިވަރުންގެ ފުރާނަ ގޮސްފައިވާ ތަނެކެވެ. 2000 ވަނަ އަހަރު، ރަޝިޔާގެ ތަޖުރިބާކާރު ޑައިވިންގ އިންސްޓްރަކްޓަރެއް ކަމަށްވާ ޔޫރީ ލިޕްސްކީ، މި ސައިޓުގައި ހުންނަ ނުރައްކާތެރި "ދަ އާކް" ކިޔާ ހޮހަޅައަކަށް އެކަނި ފީނަން އުޅުނެވެ.
ނަމަވެސް، ޕްރެޝަރުގެ ސަބަބުން ނައިޓްރޯޖަން ނާކޯސިސްވެ، އޭނާއަށް ދާނެ ދިމާ އޮޅި، 115 މީޓަރު ފުން ކަނޑުގެ އަޑިއަށް ދެވުނެވެ. މި ބިރުވެރި ހާދިސާގައި އޭނާ މަރުވި މަންޒަރު، އޭނާގެ ހެލްމެޓުގައި ހަރުކޮށްފައި ހުރި ކެމެރާއަށް ވަނީ ރެކޯޑުވެފަ އެވެ.
ކްރިސް އަދި ކްރިސީ ރައުސް - "ޔޫ-ބޯޓް" ހާދިސާ (1992)
ދެބަފައިން ކަމަށްވާ ކްރިސް އާއި ކްރިސީ އަކީ ހޮހަޅަތަކާއި ފެތިފައިވާ ބޯޓުފަހަރު ބަލަން ފީނާ ނުހަނު ތަޖުރިބާކާރު ދެ ޑައިވަރުންނެވެ. އެމެރިކާގެ ނިއު ޖާޒީގެ އައްސޭރިން 230 ފޫޓު އަޑީގައި އޮތް ދެވަނަ ބޮޑު ހަނގުރާމައިގެ ޖަރުމަނު ޔޫ-ބޯޓެއް ބަލަން އުޅުމުގެ ތެރޭގައި، ބޯޓުގެ ހަނި ގޯޅިއެއްގެ ތެރޭގައި އެމީހުން ތާށިވި އެވެ.
ބޯޓުގެ ތެރެއިން ނިކުމެވުނު އިރު އޮކްސިޖަން ހުސްވަމުން ދާތީ، ޑިކޮމްޕްރެޝަން ސްޓޮޕްތައް ފުރިހަމަނުކޮށް ކުއްލިއަކަށް މައްޗަށް އެރުމުގެ ސަބަބުން، "ދަ ބެންޑްސް" ޖެހި، ދެމީހުންވެސް މަރުވީ އެވެ.
މައުންޓް ގެމްބިއާ ކޭވް ޑައިވިންގ ހާދިސާ (1973)
އޮސްޓްރޭލިއާގެ މައުންޓް ގެމްބިއާ ސަރަޙައްދުގައި ހުންނަ "ދަ ޝާފްޓް" ކިޔާ ހަނި، އަދި ނުހަނު އަނދިރި ފެންގަނޑެއްގެ އަޑީގައި ހުރި ހޮހަޅައަކަށް 8 ޑައިވަރުންގެ ގްރޫޕެއް ފީނަން ދިޔަ އެވެ. މިއީ އެކަށީގެންވާ ތަމްރީނާއި ބެކްއަޕް އިކުއިޕްމަންޓް ނެތި ކުރި ދަތުރެކެވެ.
ނަތީޖާއަކަށްވީ ހޮހަޅައިގެ ތެރެއިން މަގުއޮޅި، އޮކްސިޖަން ހުސްވުމުގެ ސަބަބުން މި ގްރޫޕުގެ ތެރެއިން ހަތަރު ޑައިވަރުން ހޮހަޅައިގެ ތެރޭގައި ތާށިވެ މަރުވި އެވެ. އެމީހުންގެ ހަށިގަނޑުތައް ހޯދުމަށް އެތައް މަސްތަކެއް ހޭދަވި އެވެ.
ޑޭވިޑް ޝޯ - ބުޝްމަންސް ހޯލް ހާދިސާ (2005)
އޮސްޓްރޭލިއާގެ ތަޖުރިބާކާރު ޑައިވަރު ޑޭވިޑް ޝޯ، ދެކުނު އެފްރިކާގެ "ބުޝްމަންސް ހޯލް"ކިޔާ ފުން ހޮހަޅައެއްގެ 270 މީޓަރު އަޑިއަށް ދިޔައީ، މީގެ 10 އަހަރު ކުރިން އެތަނަށް ގެނބިގެން މަރުވި ޒުވާން ޑައިވަރެއް ކަމަށްވާ ޑިއޯން ޑްރެޔާގެ ހަށިގަނޑު ނެގުމަށެވެ.
ނަމަވެސް، އެހާ ފުންމިނެއްގައި ހަށިގަނޑު ކޮތަޅަކަށްލާން އުޅުމުގެ ތެރޭގައި، ހަށިގަނޑުގައި އޮތް ލައިންތަކެއް އޭނާގެ އަމިއްލަ އިކުއިޕްމަންޓްގައި އޮޅި، ނޭވާލާން އުނދަގޫވެ، ކާބަންޑައިއޮކްސައިޑް ވިހަވުމުގެ ސަބަބުން އޭނާ ވަނީ އަޑީގައި މަރުވެފަ އެވެ.
އޭގެ ތިން ދުވަސް ފަހުން ރެސްކިއު ޓީމުން އޭނާގެ ހަށިގަނޑު މައްޗަށް ނެގިއިރު، އޭނާ ސަލާމަތް ކުރަން އުޅުނު ޑިއޯންގެ ހަށިގަނޑުވެސް އޮތީ އޭނާގެ ހަށިގަނޑާއެކު މައްޗަށް ފެންމަތިވެފަ އެވެ.
މި ހުރިހާ ހާދިސާތަކުންވެސް އެނގެނީ ސްކޫބާ ޑައިވިންގ އަކީ ކިތަންމެ ހިތްގައިމު ކަމެއް ނަމަވެސް، ކަނޑުގެ ޤާނޫނުތަކާއި، ފުންމިނުގެ ލިމިޓްތަކަށް އިޙްތިރާމްކުރަން ޖެހޭނެ ކަމެވެ.
ޚާއްޞަކޮށް ކޭވް ޑައިވިންގ (ހޮހަޅައަށް ފީނުން) އަކީ ޚާއްޞަ ތަމްރީނާއި ވަސީލަތްތައް ނެތި ކޮށްގެންވާނެ ކަމެއް ނޫންކަން މި ހިތާމަވެރި ހާދިސާތަކުން ހަނދާންކޮށްދެ އެވެ.
ރައީސް މުއިއްޒަށް ތާއީދު ކުރެވެން ނެތީ ޣައްދާރަކަށް ވީމަ: ޔާމީން
ބޭންކެއް ހެދުމުގެ ހުއްދަ ޖަނާގެ ކުންފުންޏަށް ދީފި