މިމަހުގެ 14 ވަނަ ދުވަހު ވ. އަލިމަތާ ކައިރި ކަނޑުއަޑީގެ ކޭވްއަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ކޭވް ތެރެއިން މިއަދު ހޯދައިފި އެވެ.
މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މި ހާދިސާއާ ގުޅޭ ގޮތުން އެމްއެންޑީއެފް އިން ބުނީ ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު މީހުން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުން އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަންގައި، އެ މީހުންގެ ހަށިގަނޑުތައް ލޮކޭޓްކޮށްފައިވާ ކަމަށެވެ. އަދި ގެއްލުނު ހަތަރު މީހުންގެ ހަށިގަނޑު ފެނިފައި ވަނީ އެ މީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިން ކަމަށާއި ކުރިއަށް ހުރި ޑައިވްތަކުގައި އެ މީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ބޮޑު އޮޕަރޭޝަން ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހު ފެށީ މިއަދު އެވެ.
މި އޮޕަރޭޝަން އަލުން މި ފެށީ، ރާއްޖޭގެ ރެސްކިއު ޓީމާއި، މިކަމަށް ހާއްސަކޮށް ރާއްޖެ އައިސްފައިވާ ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމާ ދެމެދު އިއްޔެ ކުރެވުނު މުހިންމު މަޝްވަރާތަކަށް ފަހު އެވެ.
މިދިޔަ ހޮނިހިރު ދުވަހު ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު، ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މަރުވުމާ ގުޅިގެން އޮޕަރޭޝަން މެދުކަނޑާލުމަށްފަހު އަލުން ފެށިއިރު، ދިވެހި ޑައިވަރުންގެ ސަލާމަތަށް ވަރަށް ބޮޑަށް އިސްކަންދީފައިވާ ކަމަށް ސަރުކާރުން ބުންޏެވެ.
ފީނަން އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އިޓަލީގެ 5 މީހަކު ގެއްލުނުއިރު، އޭގެ ތެރޭގައި ހިމެނޭ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ވަނީ 60 މީޓަރު އަޑިން ފެނިފަ އެވެ. ބާކީ ތިބި 4 ޑައިވަރުން މަރުވެފައި ތިބީ 200 ފޫޓު ދިގު އެ ހޮހަޅައިގެ އެތެރޭގަ އެވެ. ރާއްޖޭގައި އާންމުކޮށް ފީނަން ހުއްދަ އޮންނަނީ 30 މީޓަރާ ހަމައަށެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސަލާމަތީ ފިޔަވަޅުތައް މުރާޖައާކުރުމުގެ ގޮތުން އެ ޑައިވަރުން ދަތުރުކުރި "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ހިފަހައްޓައިފަ އެވެ.
ރައީސް މުއިއްޒަށް ތާއީދު ކުރެވެން ނެތީ ޣައްދާރަކަށް ވީމަ: ޔާމީން
ވަތަނީ ހިދުމަތުގެ ބައިވެރިން ދަތުރުކުރި ލޯންޗެއް އަޑިއަށް
ބޭންކެއް ހެދުމުގެ ހުއްދަ ޖަނާގެ ކުންފުންޏަށް ދީފި