ފާހާނާއަށް ވަންނައިރު ފޯނު ހިފައިގެން ވަނުމަކީ މިއަދު ގިނަ ބައެއްގެ އާދަ އެކެވެ. ފާޚާނާ ތަށި މަތީގައި އިށީީނދެގެން އިނދެ ސޯޝަލް މީޑިއާ ސްކްރޯލް ކުރުން ނުވަތަ ގޭމް ކުޅުމަކީ މިހާރު އާއްމު ކަމެކެވެ.
ނަމަވެސް، މިއީ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބި ނަތީޖާއެއްގެ ގޮތުން ބޮޑު ސިއްހީ ހަރަދެއް ކުރަން ޖެހިދާނެ ކަމެއް ކަމުގައި މާހިރުން މިވަނީ އިންޒާރު ދީފަ އެވެ.
ހިންދުސްތާން ޓައިމްސް ނޫހުގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި، މި ނުރައްކާތެރި އާދައިގެ ސަބަބުން ހީމޮރޮއިޑްސް ނުވަތަ ދިވެހިބަހުން ނަމަ ފުރަގަސް ފަރާތު ބަލި ޖެހުމުގެ ފުރުސަތު އިންތިހާއަށް ބޮޑުވާ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
ފާހާނާ ތަށި މަތީގައި ގިނައިރު ވުމުން ވަނީ ކިހިނެއް؟
ޑޮކްޓަރުން ބަޔާންކުރާ ގޮތުގައި ފާހާނާ ތަށީގެ ބައްޓަން ހުންނަ ގޮތުން އޭގެ މަތީގައި އިށީީނދެގެން އިނުމަކީ ފުރަގަސް ފަރާތުގެ ލޭހޮޅިތަކަށް ގްރެވިޓީ ނުވަތަ ދަމާބާރުގެ ސަބަބުން ބޮޑު ޕްރެޝަރެއް ދޭ ކަމެކެވެ.
- ލޭ ހޮޅިތައް ފުއްޕުން: ފޯނު ބަލަން މާ ގިނައިރު (10 މިނެޓަށްވުރެ އިތުރަށް) އިންނަން ފެށުމުން، ފުރަގަސްފަރާތުގެ ވަށައިގެންވާ ހަންގަނޑާއި ލޭހޮޅިތަކަށް ބާރުބޮޑުވެ، ލޭހޮޅިތައް ފުއްޕާ ގޮތްވެ އެވެ. މިއީ ހީމޮރޮއިޑްސް އުފެދެން ދިމާވާ މައިގަނޑު ސަބަބެވެ.
- ލޭ އައުމާއި ރިއްސުން: ފުރަގަސް ފަރާތު ބަލީގެ މައްސަލަ ކުރިމަތި ވުމުން ބޮޑުކަމު ދާއިރު ފުރަގަސް ފަރާތުން ލޭ އައުމާއި، ދިލަ ނެގުމާއި އިށީީނދެގެން އިންނަން އުނދަގޫވާ ވަރަށް ރިއްސަ އެވެ..
ބޮޑު ހަރަދެއް!
މި ބަލީގެ ކުރީކޮޅުގައި ބޭހުންނާއި ކާނާއަށް ގެންނަ ބަދަލުތަކުން ރަނގަޅު ކުރެވުނު ނަމަވެސް، ބަލި ބޮޑުވެ ފުރަގަސް ފަރާތުން މަސް ކޮޅު ބޭރަށް ނިކުންނަ ހިސާބަށް ދިއުމުން ދެން އޮންނަ ހަމައެކަނި ހައްލަކީ ސާޖަރީ ހެދުމެވެ.
މެޑިކަލް މާހިރުން ފާހަގަކުރާ ގޮތުގައި ބޭރު ޤައުމުތަކުގައި މި ސާޖަރީކުރުމަށް ގާތްގަނޑަކަށް 82,000 އެމެރިކާ ޑޮލަރު ހަރަދުވެ އެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ. ރާއްޖޭގައި މި ސާޖަރީގެ އަގު މިއަށްވުރެ ހެޔޮވި ނަމަވެސް، މިއީ އިންތިހާއަށް ވޭންދެނިވި އަދި ދިރިއުޅުމުގެ އުފާވެރިކަން ގެއްލުވާލާ ފަދަ އޮޕަރޭޝަނެކެވެ.
ރައްކާތެރިވުމަށްޓަކައި ސަމާލުކަން ދޭންވީ ކަންތައްތައް
ޑޮކްޓަރުން ވަނީ މި ބަލިން ސަލާމަތް ވުމަށްޓަކައި ދިރިއުޅުމުގެ އާދަތަކަށް ތިރީގައިވާ ބަދަލުތައް ގެނައުމަށް އިރުޝާދު ދެއްވާފަ އެވެ:
- ފޯނު ބޭރުގައި ބެހެއްޓުން: ފާޚާނާއަށް ވަންނައިރު އެއްގޮތަކަށްވެސް ފޯނު، ފޮތް ނުވަތަ މެގަޒިން ފަދަ އެއްޗެހި ވައްދައިގެން ނުވާނެ އެވެ. ފާޚާނާއަކީ ހަމައެކަނި ބޮޑުކަމު ނުވަތަ ކުޑަކަމުދާން ވަންނަ ތަނަކަށް ހަދާށެވެ.
- ވަގުތު މަދުކުރުން: ފާޚާނާ ތަށިމަތީގައި ހޭދަކުރާ ވަގުތު 5 މިނެޓަށްވުރެ ކުރު ކުރަންޖެހެ އެވެ. ބޮޑުކަމުދާން އުނދަގޫވާނަމަ، މާބޮޑަށް ބާރު ނުލައި ތަށިމަތިން ތެދުވަން ވާނެ އެވެ.
- ފައިބަރު ގިނަ ކާނާ ބޭނުންކުރުން: ބަނޑުހައިވުމުން ނުވަތަ ބަނޑު ހަރުވުމުން ސަލާމަތް ވުމަށްޓަކައި ފައިބަރު ގިނައިން އެކުލެވޭ ކާނާ (ތަރުކާރީ، މޭވާ، ގްރެއިންސް) ކެއުމުގައި ހިމަނައި، ގިނައިން ފެން ބޯންޖެހެ އެވެ.
ފޫހި ފިލުވާލަން ފާހާނާއަށް ފޯނު ވެއްދުމުގެ މި އާދައަކީ ތިމާގެ ސިއްހަތަށް ހުރި ބޮޑު ނުރައްކަލެކެވެ. އެހެންކަމުން، ވޭން ދެނިވި ބައްޔަކާއި އަގުބޮޑު ސާޖަރީއަކުން ސަލާމަތްވުމަށްޓަކައި، މިއަދުން ފެށިގެން ވެސް ފާހާނާއަށް ފޯނު ވެއްދުން ހުއްޓާލަމާ ހިނގާށެވެ.
ހަނގުރާމައިގައި އެމެރިކާގެ 42 މަތިންދާބޯޓު ގެއްލި ބޮޑު ގެއްލުމެއް
ކުށްވެރިއަކު ދޫވާން އުޅޭކަމުގެ ކަންބޮޑުވުން އިތުރުވެއްޖެ