އީރާނާ ދެކޮޅަށް އެމެރިކާއިން ކުރި 40 ދުވަހުގެ ހަނގުރާމައިގައި މަދުވެގެން 42 މަތިންދާބޯޓު ގެއްލިފައިވާ ކަމަށް ކޮންގްރެސްގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ.
އަލަށް އާންމުކުރި ކޮންގްރެސްގެ ރިޕޯޓެއްގައި ބުނާގޮތުން، އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރި އުދުވާނީ ހަނގުރާމައިގެ 40 ދުވަހުގެ ތެރޭގައި، އެމެރިކާގެ އަސްކަރިއްޔާގެ މަދުވެގެން 42 އުޅަނދެއް ވަނީ ގެއްލިފަ އެވެ. މީގެ ސަބަބުން ލިބުނު މާލީ ގެއްލުން މިހާރުވެސް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
ޕެންޓަގަން، ޔުނައިޓެޑް ސްޓޭޓްސް ސެންޓްރަލް ކޮމާންޑް އަދި ދިފާއީ މީޑިއާތަކުން ލިބުނު މައުލޫމާތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ރިޕޯޓުގައި ވާގޮތުން، ގެއްލުނު އުޅަނދުތަކުގެ ޖުމްލަ އަގު ގާތްގަނޑަކަށް 2.6 ބިލިއަން ޑޮލަރަށް އަރަ އެވެ. ނަމަވެސް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އިންޒާރު ދެއްވާ ގޮތުގައި، ހަގީގީ އަދަދު މިއަށްވުރެ މާ މަތިވުން އެކަށީގެންވެއެވެ. އަދި ހަނގުރާމައިގައި ލިބުނު ހުރިހާ ގެއްލުންތަކުގެ ފުރިހަމަ ހިސާބުތައް ޕެންޓަގަނަށް ލިބިފައިވޭތޯ އަދިވެސް ސާފުނުވާ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.
މި ލިޔުމުގައިވާ ގޮތުން، ގެއްލުނު އުޅަނދުތަކުގެ ތެރޭގައި ހަނގުރާމަމަތީ ޖެޓުތަކާއި، ޖާސޫސީ ބޯޓުތަކާއި، ތެޔޮ އަޅާ ބޯޓުތަކާއި، ރެސްކިއު ހެލިކޮޕްޓަރުތަކުގެ އިތުރުން ޑްރޯންތައް ހިމެނެއެވެ.
ނެތިގޮސްފައިވާ ނުވަތަ ގެއްލުން ލިބިފައިވާ އުޅަނދުތަކުގެ ތެރޭގައި ހަތަރު F-15E ސްޓްރައިކް އީގަލް ޖެޓާއި، އެއް F-35A ލައިޓްނިންގ II އާއި، އެއް A-10 ތަންޑަރބޯލްޓް II އާއި، ހަތް KC-135 ސްޓްރެޓޯޓޭންކަރ އަދި އެއް E-3 ސެންޓްރީ އިންޒާރުދޭ ބޯޓު ހިމެނެއެވެ. މީގެ އިތުރުން ދެ MC-130J ކޮމާންޑޯ II އާއި، އެއް HH-60W ޖޮލީ ގްރީން II އާއި، 24 MQ-9 ރީޕަރ ޑްރޯން އަދި އެއް MQ-4C ޓްރައިޓަން ގެއްލިފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެމެރިކާގެ ޑިމޮކްރެޓިކް ކޮންގްރެސް މެންބަރު އެޑް ކޭސް ދާދި ފަހުން ސެނެޓްގައި ބޭއްވި އަޑުއެހުމެއްގައި ވިދާޅުވީ، އީރާނާއެކު ކުރި ހަނގުރާމައިގައި ވޮޝިންޓަނަށް މިހާތަނަށް ގާތްގަނޑަކަށް 39 އުޅަނދު ގެއްލިފައިވާ ކަމަށެވެ. ޕެންޓަގަންގެ ޗީފް ފައިނޭންޝަލް އޮފިސަރު ޖޫލްސް ހާސްޓާ ސުވާލު ކުރައްވަމުން ކޭސް ވަނީ، 'ދަ ވޯ ޒޯން' ނަމަކަށް ކިޔާ ދިފާއީ ނޫހަކުން ކުރިން ޝާއިއުކުރި ރިޕޯޓަކަށް އިޝާރާތް ކުރައްވައި، ގެއްލުނު އުޅަނދުތައް އަލުން ހޯދުމަށް ހިނގާނެ ފުރިހަމަ ހަރަދު ޕެންޓަގަނުން ބަލާފައިވޭތޯ އައްސަވާފަ އެވެ.
މިކަމާ ގުޅިގެން ހާސްޓް ވިދާޅުވީ، ގެއްލުންތަކުގެ ތަފްސީލު އާންމުކޮށް ކަށަވަރުކޮށްދެވެން ނެތް ކަމަށާއި، މަރާމާތު ކުރުމަށާއި އަލުން އުޅަނދުތައް ހޯދުމަށް ހިނގާނެ ހަރަދު އަންދާޒާ ކުރުމުގެ ކުރިން ފުރިހަމަ ދިރާސާއެއް ކުރަން ޖެހޭ ކަމަށެވެ.
ކޭސް ހަވާލާދެއްވި 'ދަ ވޯ ޒޯން' ރިޕޯޓުގައި ބުނެފައިވަނީ، އީރާނާއެކު ކުރި 40 ދުވަހުގެ ހަނގުރާމައިގައި އެމެރިކާގެ ވައިގެ ސިފައިން ގާތްގަނޑަކަށް 13,000 ފްލައިޓް އޮޕަރޭޓްކޮށްފައިވާ ކަމަށެވެ. ކޮންގްރެސްގެ ރިޕޯޓުގައި މިހާރު ބުނަނީ، ދިގު މުއްދަތުގައި މިކަމަށް ހިނގާނެ ހަގީގީ ޚަރަދު މިހާރުގެ އަންދާޒާތަކަށްވުރެ މާ މަތިވެގެން ހިނގައިދާނެ ކަމަށެވެ.
މި ދިރާސާގައި ބުނާގޮތުން، ހަލާކުވި ބައެއް އުޅަނދުތަކުގެ ބަދަލުގައި އާ އުޅަނދު ހޯދުމަށްޓަކައި، މިހާރު އުފެއްދުން ހުއްޓާލާފައިވާ ސިސްޓަމްތަކުގެ ޕްރޮޑަކްޝަން ލައިންތައް އަލުން ފަށަން ޖެހިދާނެއެވެ. ޚާއްސަކޮށް E-3 ސެންޓްރީ ބޯޓެއް ހަލާކުވުމުން، ކުރިން ހުއްޓާލާފައިވާ E-7 ވެޖްޓެއިލް ޕްރޮގްރާމް އަލުން ފަށަން ޕެންޓަގަނަށް މަޖުބޫރުވެދާނެ ކަމަށާއި، އެކަމަށް އެކަނިވެސް 2.5 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހޭދަވާނެ ކަމަށް ފާހަގަކޮށްފައިވެއެވެ. މުހައްލިލުން ލަފާކުރާ ގޮތުގައި އުޅަނދުތައް ބަދަލުކުރުމުގެ ޖުމްލަ ޚަރަދު 7 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އެރުން އެކަށީގެންވެއެވެ.
އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ޣައިރު ގާނޫނީ ހަނގުރާމަ ފެށީ ފެބްރުއަރީ 28 ގައެވެ. މީގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލުގެ އަމާޒުތަކަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފަ އެވެ.
މި ހަނގުރާމައިގެ ތެރޭގައި އީރާނުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާގެ ފައިޓާ ޖެޓުތަކާއި، މިސައިލްތަކާއި، ޑްރޯންތައް ހުއްޓުވައި ބިމާ ހަމަކޮށްފަ އެވެ. އީރާނުގެ ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދަނީ، މި ހަނގުރާމައިން އެނގިގެންދިޔައީ އީރާނުގެ މިސައިލް އަދި ޑްރޯން ގާބިލުކަމުގެ ކުރިމަތީގައި އެމެރިކާގެ ޒަމާނީ އަސްކަރީ ސިސްޓަމްތަކަކީ ނާޒުކު އެއްޗެއް ކަމެވެ.
އެމެރިކާގެ ފާހަގަކޮށްލެވޭ F-35 ޖެޓެއް ވައްޓާލި އީރާނުގެ އިސް އޮފިސަރަކު ވިދާޅުވީ، ރާޑަރުތަކަށް ނުފެންނަ (ސްޓެލްތު) ބޯޓުތަކާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއްކަން މިހާރު ސާބިތުވެފައިވާ ކަމަށެވެ.
ރަސްމީ ފަރާތްތަކުން ބުނާގޮތުގައި، މި ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ އެމެރިކާއާއި އިޒްރޭލުގެ 170 ޑްރޯން ވައްޓާލާފަ އެވެ. އީރާނުގެ ޒަމާނީ ވައިގެ ދިފާއީ ނިޒާމުތަކަކީ ދުޝްމަނުންގެ އުޅަނދުތަކާއި، ކްރޫޒް މިސައިލްތަކާއި، ކުދި ބޯޓުތަކަށް ފަސޭހަކަމާއެކު ހަމަލާދީ ވައްޓާލުމުގެ ގާބިލުކަން ލިބިގެންވާ ނިޒާމުތަކެކެވެ.
މަހިބަދޫ ކައުންސިލްގެ ނައިބަކަށް ޒައީމާ
އީރާނަށް ދޭން ރޭވި ހަމަލާ ފަސްކުރަން ޓްރަމްޕް ނިންމައިފި
ސޯޝަލް މީޑިއާގައި އަަހަންނަކީ ސުމެއްގެ މީހެއް: އާމިރު