ރާއްޖޭގެ ކަނޑުގެ އަޑީގެ ހޮހަޅައެއްގެ ތެރޭގައި ހިނގި ހިތާމަވެރި ހާދިސާގައި މަރުވި އިޓަލީގެ ފަތުރުވެރިން ބޭނުންކުރި ގޯޕްރޯ ކެމެރާތަކާއި ފީނުމަށް ބޭނުންކުރާ ބައެއް ސާމާނު ފިންލޭންޑްގެ ޑައިވަރުން ހޯދައި، ފުލުހުންނާ ހަވާލުކޮށްފި އެވެ.

މި ތަކެތީގެ އެހީގައި ހާދިސާ ހިނގާދިޔަ ގޮތް ދެނެގަތުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ބެލެވެއެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަރުވި ހަތަރު އިޓަލީ ރައްޔިތުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތުގައި ބައިވެރިވި ފިންލޭންޑްގެ ތިން ޑައިވަރުން ވަނީ، ހޮހަޅައިގެ ތެރެއިން ފެނުނު ގޯޕްރޯ ކެމެރާތަކާއި ފީނުމަށް ބޭނުންކުރާ އެކި އާލާތްތައް ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ތަހުގީގީ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި، މި ޑިވައިސްތަކުން ލިބޭ މައުލޫމާތުގެ ސަބަބުން، އެ މީހުންގެ ފަހު ވަގުތުތަކުގައި ކަން ހިނގާދިޔަ ގޮތް ސާފުވާނެއެވެ. އޭގެ ތެރޭގައި އެ މީހުން ދަތުރުކުރި މަގާއި، ފީނި ފުންމިނާއި، ފެންގަނޑުގެ ސާފުމިނުގެ އިތުރުން، ހޮހަޅައިގެ ތެރޭގައި ދިމާވި ފަންނީ އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން ވެސް އެނގިގެންދާނެއެވެ.

މިދިޔަ ހަފުތާގައި ފީނަން އުޅުމުގެ ތެރޭގައި ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވާކަން ދިވެހި ކަމާބެހޭ އިދާރާތަކުން އަންގާރަ ދުވަހު ވަނީ ހާމަކޮށްފަ އެވެ. މިއާއެކު މި ހާދިސާއާ ގުޅިގެން މަރުވި އިޓަލީ މީހުންގެ ޖުމްލަ އަދަދު ވަނީ ފަހަކަށް އަރާފަ އެވެ.

މި ހަތަރު މީހުންގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ އަޑީގެ ހޮހަޅައިގެ އެންމެ ފުން ސަރަހައްދުންނެވެ. އޭގެ ކުރިން، ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީގެ ހަށިގަނޑު ވަނީ ހޮހަޅައިގެ ދޮރުމަތިން ފެނިފަ އެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޔުނިވާސިޓީ އޮފް ޖެނޯއާގެ އިކޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯންއާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލްގެ އިތުރުން، މެރިން ބަޔޮލޮޖިސްޓް ފެޑެރިކޯ ގުއަލްޓިއޭރީ އަދި ރިސާޗަރު މުރިއެލް އޮޑެނީނޯ ހިމެނެއެވެ.

މި ހަށިގަނޑުތައް ނެގުމުގެ އޮޕަރޭޝަނަކީ ނުހަނު ނުރައްކާތެރި އަދި އުނދަގޫ މަސައްކަތެއް ކަމަށް އެކަމުގައި ހަރަކާތްތެރިވާ ޓީމާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ. މި މަސައްކަތުގައި ރާއްޖެއާއި ފިންލޭންޑްގެ ޕްރޮފެޝަނަލް ޑައިވަރުން ބައިވެރިވިއިރު، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއިން ވަނީ ބޭނުންވާ ސާމާނުގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މި ހިތާމަވެރި އޮޕަރޭޝަނުގެ ތެރޭގައި ރެސްކިއު ޓީމުގައި ހިމެނޭ އުމުރުން 43 އަހަރުގެ ސާޖަންޓް ސައިފް މުހައްމަދު މަހުދީ ވަނީ ނިޔާވެފަ އެވެ.

ވާއު އަތޮޅުގައި ފީނަން އުޅުމުގެ ތެރޭގައި ފަސް މީހަކު މަރުވި މި ހާދިސާއާ ގުޅިގެން، އިޓަލީގެ ރޯމްގެ ޕްރޮސިކިއުޓަރުންގެ އޮފީހުން ދަނީ އިހުމާލުން މީހަކު މަރުވުމުގެ ދައުވާ އުފުލުމަށް މައްސަލަ ތަހުގީގު ކުރަމުންނެވެ.

މަރުވި މީހުންގެ ހަށިގަނޑުތައް އިޓަލީއަށް ގެންދިއުމުން، މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޯޕްސީ ހެދުމަށާއި، 60 މީޓަރު ފުން ހޮހަޅަތަކެއްގެ ތެރޭގައި ހިނގި މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ރޯމްގެ ޕްރޮސިކިއުޓަރުން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން، ހާދިސާ ހިނގި ވަގުތު ސަފާރީގައި ތިބި މީހުންގެ ބަޔާން ނެގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.