އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާދިނުމުގައި ބައިވެރިވި އެންމެން ގާނޫނުގެ ކުރިމައްޗަށް ގެނެސް ގާނޫނުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަބަދު ދިނުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.

ޕީޕީއެމް، ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ރައީސް ނަޝީދުގެ ގެކޮޅު ކައިރިން އެމަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް އަމާޒުކޮށް ދީފައިވާ ހަމަލާގެ ހަގީގަތް ހޯދުމަށް އަވަސް ތަހުގީގެއް ހިންގުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާ ތަކަށް ގޮވާލާ ކަމަށެވެ.

"ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، މި ކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލާއި ސްޓިއަރިންގ ކޮމިޓީތަކާއި އާންމު މެންބަރުންގެ ފަރާތުން ހަމްދަރުދީ ފާޅުކޮށް، އެމަނިކުފާނަށް އަމާޒުކޮށް ދީފައި މިވާ ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ" ޕީއެމް، ޕީއެންސީގެ ބަޔާނުގައިވެ އެވެ.

މީގެއިތުރުން އެ އަމަލު ރާވާ ހިންގުމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތައް ހޯދާ ގާނޫނުގެ ކުރިމައްޗަށް ގެނެސް ގާނޫނުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް ޕީޕީއެމް، ޕީއެންސީން ވަނީ ގޮވާލާފަ އެވެ.

މިރޭ އިރާކޮޅުގެ ވަގުތެއްގައި ރައީސް ނަޝީދަށް ދިން ހަމަލާގެ ސަބަބުން އެމަނިކުފާނުގެ ފުރާނައަށް ގެއްލުންވާ ވަރުގެ އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.

އިމްރާން ވިދާޅުވީ ޚާއްސަ އަހަންމިއްޔަތު ކަމެއްދީގެން އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މިހާރު ކުރިއަށްދާ އެސެސްމެންޓްގެ ތެރެއިން ރައީސް ނަޝީދުގެ އިތުރު ސާޖަރީތަކެއް ހަދަން ޖެހޭ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ސްޕެޝަލިސްޓް ޓީމަކުން މިހާރު އެކަމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އޭޑީކޭ އިން ބުންޏެވެ.