ފްރާންސްގައި މިހާރު ކުރިއަށްދާ 79 ވަނަ ކޭންސް ފިލްމް ފެސްޓިވަލްގައި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އެންޑީ ގާސިއާގެ އާ ފިލްމު "ޑަޔަމަންޑް ޕްރިމިއާ ކޮށްފައިވާއިރު އެ ފިލްމުގެ ފަހަތުގައި ވަނީ ވަރަށް ތަފާތު 20 އަހަރުގެ ދިގު ދަތުރެކެވެ.

މި ފިލްމުގެ ޚިޔާލު އެންޑީ ގާސިއާ އަށް ފުރަތަމަ ލިބުނީ 2005 ވަނަ އަހަރު އެވެ. އެއީ އޭނާގެ ފުރާވަރުގެ އަންހެން ދަރިފުޅު ސްކޫލްގެ އަދަބީ ކްލާހެއްގެ ފިލާވަޅެއްގެ ގޮތުގައި ކުރު ވާހަކައެއް ލިޔަން އުޅެ، ކުރިއަށް ނުގޮސްގެން އެހީތެރިކަމަށް އެދުނު ދުވަހު އެވެ.

އެ ފިލާވަޅު ފުރިހަމަ ކޮށްދިނުމަށްޓަކައި އެންޑީ ގާސިއާ "ޖޯ ޑަޔަމަންޑް" ކިޔާ ޑިޓެކްޓިވް ކެރެކްޓާއަކާއި ބައެއް މަންޒަރުތައް ވަގުތުން އަމިއްލައަށް އުފައްދައިގެން ކިޔައިދިނެވެ.

އޭގެ ފަހުން އެ ވާހަކަ އޭނާގެ ހަނދާނުން ފިލައިގެން ނުގޮސް، ގިނަ އަހަރުތަކެއް ވަންދެން އެ ކެރެކްޓާ އިތުރަށް މުއްސަނދި ކުރަމުން ގެންދިޔަ އެވެ.

"ޑަޔަމަންޑް"އަކީ ނޮއާ ތުރިލާ ޖޯންރާގެ ފިލްމެކެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ، މުއްސަނދި ވިޔަފާރިވެރިއެއްގެ މަރުގެ ހާދިސާ ތަހުގީގު ކުރުމަށްޓަކައި ހުވަފަތް އަންހެނެއް ކަމަށްވާ ޝެރަން ކޮބްސް (ވިކީ ކްރީޕްސް) ގެންގުޅޭ އަމިއްލަ ޑިޓެކްޓިވް ޖޯ ޑަޔަމަންޑްގެ މައްޗަށެވެ.

މި ފިލްމުގެ ލީޑް ރޯލު ކުޅެފައިވަނީވެސް އެންޑީ ގާސިއާ އަމިއްލައަށެވެ. އަދި އޭނާގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ބިލް މުރޭ އަދި ޑަސްޓިން ހޮފްމަން ވެސް މި ފިލްމުން ފެނިގެންދެ އެވެ.

ފިލްމުގެ މަންޒަރުތައް ދައްކުވައިދެނީ މިޒަމާނުގެ ލޮސް އެންޖެލަސް ނަމަވެސް، ފިލްމުގެ ކެރެކްޓާތަކުގެ ހެދުން އެޅުމާއި ވައްޓަފާޅި ހުންނަނީ 1940 އާއި 1950 ގެ އަހަރުތަކުގެ ކްލެސިކް ޑިޓެކްޓިވް ފިލްމުތަކުގެ ސްޓައިލަށެވެ.

އެންޑީ ގާސިއާ ލިޔެ، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސްކުރި މި ފިލްމު ކޭންސް ފިލްމް ފެސްޓިވަލްގައި ދައްކާލުމުން ބެލުންތެރިންގެ ފަރާތުން ވަނީ ވަރަށް ހޫނު ތަރުހީބެއް ލިބިފަ އެވެ. ފިލްމު ނިމުމާއެކު ބެލުންތެރިންގެ ފަރާތުންވ 7 މިނެޓްގެ ދިގު "ސްޓޭންޑިން އޮވޭޝަން"އެއް ލިބުނެވެ.

ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި 70 އަހަރުގެ އެންޑީ ގާސިއާ ބުނީ، މި ފިލްމަކީ އޭނާގެ އަމިއްލަ ދަރިއެއް ފަދަ އެއްޗެއް ކަމަށާއި، ކޭންސް ފެސްޓިވަލްގައި މި ފިލްމު ދެއްކުމަކީ އަމިއްލަ ދަރިއެއްގެ ކާމިޔާބީ ފާހަގަކުރުން ފަދަ އުފަލެއް ކަމަށެވެ.