އަދަދު ނޫހުން އުފެއްދި ޑޮކިއުމެންޓްރީގައި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފަށް ދައުވާ ނުކޮށް، އެ ތުހުމަތު ރިޕޯޓުކުރި ނޫސްވެރިންނަށް ދައުވާ ކުރުމުން ސުވާލު އުފެދޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއްޔެ ވަނީ އެ މައްސަލައިގައި އީޝާގެ މައްޗަށް ދައުވާކުރުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ، ދައުލަތުގެ ތަހުގީގީ އިދާރާތަކާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ނިންމުންތަކުގައި ފުށުއެރުންތަކެއް އެބަހުރިކަން ފާހަގަކުރައްވައި އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"މަސްދަރަށް ދައުވާއެއް ނެތް، އެކަމު ނޫސްވެރިންނަށް އަދަބު!"

ނަޝީދު ފާހަގަކުރެއްވި އެންމެ ބޮޑު ގާނޫނީ ސުވާލަކީ، ގަޒްފުގެ ދައުވާ އުފުލުމުގައި ގެންގުޅޭ ތަފާތުކުރުމެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ "އަދަދު" ނޫހުގެ ސީއީއޯ ހުސެން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށެވެ. ނަމަވެސް، އެ ވާހަކަތައް ދެއްކި އަސްލު މަސްދަރަށް ދައުވާކުރުމާ މެދު ޕީޖީން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.

"މީހަކު ތުހުމަތު ކުރާ ކަމަށް ބުނެ ނޫސްވެރިންނަށް ދައުވާ ކުރާއިރު، އެ ތުހުމަތު ކުރި މީހާގެ ކުށެއް ނެތް ކަމަށް ބެލުމަކީ ސުވާލު އުފެދޭ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ. ހަމައެއާއެކު ނޫސްވެރިން ޖަލަށްލި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާއި ކޯޓުން ނެރެފައިވާ ގެގް އޯޑަރަށް ވެސް ނަޝީދު ފާޑުވިދާޅުވި އެވެ.

ޑޮކިއުމެންޓްރީގެ މައްސަލައިގައި ސިއްރު ޝަރީއަތްތަކެއް ފަށާފައިވާއިރު، އެ މައްސަލައާ ގުޅޭ ވާހަކަ ނުދެއްކުމަށް ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ބުނެ އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު 10 ދުވަހަށް އަދި އެ މައްސަލައިގައި ރައީސް މުއިއްޒާ ސުވާލުކުރުމުން ޝަހުޒާން މުހައްމަދު 15 ދުވަހަށް ވަނީ ޖަލަށްލައިފަ އެވެ.

ނަޝީދު ވިދާޅުވީ މިކަމުގައި ވާއެއް ނުވާއެއް އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވީމާ ތަކުރާރުކޮށް މި ވާހަކަ ދައްކައި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި އެމްޑީޕީން އިހްތިޖާޖުގައި ދެމިއޮންނަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އަދަދު އޮފީހުގެ އިލެކްޓްރޯނިކް ސާމާނުތައްވެސް ހިފަހައްޓާފަ އެވެ. ނަމަވެސް، މި ހުރިހާ ފިޔަވަޅުތަކަކީ ނޫސްވެރިންގެ އަޑު ކަނޑުވާލުމަށް ހިންގާ އަމަލުތަކެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.