ސްޕެއިންގެ ޓެކްސް އިދާރާއިން ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ މައްޗަށް ކުރި ޓެކްސް އޮޅުވާލުމުގެ ތުހުމަތުން އޭނާ ސަލާމަތްވެއްޖެ އެވެ.
ސްޕެއިންގެ ހައިކޯޓުން ވަނީ އެ މައްސަލައިގައި އޭނާ ކުށްވެރިނުވާ ކަމަށް ނިންމައި ޖޫރިމަނާގެ ގޮތުގައި ދެއްކި 70 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 60 މިލިއަން ޔޫރޯ) އިންޓްރެސްޓް ފައިސާއާ އެކު އަނބުރާ ދެއްކުމަށް ސްޕެއިންގެ އިދާރާތަކަށް އަމުރު ކޮށްފަ އެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޯޓުން މިގޮތަށް ނިންމީ 2021 ވަނަ އަހަރު ސްޕެއިންގެ ޓެކްސް އެޖެންސީން ޝަކީރާގެ މައްޗަށް އިއްވި 55 މިލިއަން ޔޫރޯގެ ޖޫރިމަނާ އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ.
މި މައްސަލަ ބިނާވެފައިވަނީ 2011 ވަނަ އަހަރު ޝަކީރާއަކީ ސްޕެއިންގެ ޓެކްސް ދައްކަންޖެހޭ ރެސިޑެންޓެއް (ޤާނޫނީ ގޮތުން އެ ޤައުމުގައި ދިރިއުޅޭ މީހެއް)ގެ ގޮތުގައި ބެލެވޭނެތޯ ނުވަތަ ނޫންތޯ އުފެދުނު ޚިޔާލު ތަފާތުވުން ތަކެއްގެ މައްޗަށެވެ.
ސްޕެއިންގެ ޤާނޫނު ބުނާގޮތުން، އަހަރެއްގެ ތެރޭގައި 183 ދުވަހަށް ވުރެ ގިނަ ދުވަސް އެ ޤައުމުގައި ހޭދަކޮށްފި ނަމަ އެ މީހަކީ ޓެކްސް ދައްކަންޖެހޭ މީހެކެވެ. ނަމަވެސް، ކޯޓުގެ ފަނޑިޔާރު ވިދާޅުވީ 2011 ވަނަ އަހަރު ޝަކީރާ ސްޕެއިންގައި 183 ދުވަހަށް ވުރެ ގިނަ ދުވަސް ހޭދަކުރިކަން ސާބިތު ކޮށްދޭން ސަރުކާރުގެ އިދާރާތަކަށް ނުކުޅެދުނު ކަމަށެވެ. އެ އަހަރު އޭނާ ސްޕެއިންގައި އުޅުނުކަން ސާބިތުވީ އެންމެ 163 ދުވަހު އެވެ.
އޭރު ޓެކްސް އިދާރާއިން ވަނީ ޝަކީރާ އާއި ބާސެލޯނާގެ ކުރީގެ ފުޓްބޯޅަ ތަރި ޖެރާޑް ޕީކޭއާ އޮތް ލޯބީގެ ގުޅުމުގެ ސަބަބުން އޭނާގެ މައިގަނޑު ދިރިއުޅުމާއި އިޤްތިޞާދީ މަސައްކަތްތައް ހުރީ ސްޕެއިންގައި ކަމަށް ބުނެ ވަކާލާތު ކޮށްފަ އެވެ.
ނަމަވެސް ހައިކޯޓުން ނިންމީ ކައިވެނީގެ ގުޅުމެއް ނެތް ލޯބީގެ ގުޅުމެއް އެއީ ކައިވެންޏާ އެއްވަރުގެ ޤާނޫނީ ބުރަދަނެއް އޮތް ކަމެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އަދި އޭނާގެ މައިގަނޑު އިޤްތިޞާދީ މަސައްކަތްތައް ހުރީ އެ ޤައުމުގައިކަން ވެސް ސާބިތުނުވާ ކަމަށް ކޯޓުން ކަނޑައެޅި އެވެ.
މި ނިންމުމާ ގުޅިގެން ޝަކީރާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ އެއްވެސް އިރެއްގައި ޓެކްސްއަށް މަކަރު ހަދާފައި ނުވާނެ ކަމަށާއި، ޓެކްސް އިދާރާއަށް ވެސް އެކަން ސާބިތުކޮށް ނުދެވުނީ އެއީ ޙަޤީޤަތަކަށް ނުވާތީ ކަމަށެވެ.
އޭނާގެ ވަކީލު ޚޯސޭ ލުއިސް ޕްރާޑާ ވިދާޅުވީ، މިއީ އެއްވެސް އަސާސެއް ނެތް ކަންތައްތަކެއްގެ ސަބަބުން ވޭތުވެދިޔަ 8 އަހަރު ދުވަހު ޝަކީރާ އުފުލަންޖެހުނު ބޮޑު ތަކުލީފެއްގެ ނިމުން ކަމަށެވެ.
މި ނިންމުމަކީ ހަމައެކަނި 2011 ވަނަ އަހަރުގެ ޓެކްސްއާ ގުޅޭ މައްސަލައެކެވެ. މީގެ ކުރިން، 2012 އާއި 2014 އާ ދެމެދުގެ އަހަރުތަކުގެ ޓެކްސް މައްސަލައިގައި ޝަކީރާ ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކޯޓުން ބޭރުން އެއްބަސްވުމަކަށް އައިސް، 7.3 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ދައްކާފަ އެވެ.
ސްޕެއިންގެ ޓެކްސް އެޖެންސީން ބުނެފައިވަނީ މި ހައިކޯޓުގެ ނިންމުން އެ ޤައުމުގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. އެހެންކަމުން، ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން ކޯޓުން އަމުރުކުރި ފައިސާ ޝަކީރާއަށް އަދި ދޫ ނުކުރާނެ އެވެ.
ޝަމްއާންގެ މައްސަލާގައި ހުކުމް އިއްވުން ފަސްކޮށްފި
ސިޓިންރޫމްގެ ފުރިހަމަކަން ގެއްލުވާލާ އާއްމު 5 ގޯހެއް!