ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރޭ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ދިން ހަމަލާ މިހާރު ތަހުގީގު ގޮސްފައިވާ ހިސާބަށް ރިއާޔަތް ކޮށް މި މައްސަލަ މިހާރު ބަލަމުން ގެންދަނީ ރައީސް ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ ހަމަލާއެއްގެ ގޮތުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ މިހާތަނަށް ފުލުހުންނަށް ލިބިފައިވާ މައުލޫމާތާއި، ހޯދިފައިވާ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މި މައްސަލަ ފުލުހުން ބަލަމުން އަންނަނީ ރައީސް ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ މި ހަމަލާގެ ތަހުގީގަށް ފުލުހުންގެ ފޮރެންސިކްސްގެ ތެރެއިން މި ސާވިސްގައި ލިބެން ހުރި ހުރިހާ ވަސީލަތެއް މިހާރު އަންނަނީ ބޭނުން ކުރަމުން ކަމަށާއި، އޭގެ ތެރެއިން މި ތަހުގީގަށް އޮސްޓްރޭލިއާ ފެޑެރަލްގެ ފަރާތުން ތަޖުރިބާކާރު ދެބޭފުޅެއް މާދަމާގެ ވަގުތެއްގައި މާލެ އަންނާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މި ހަމަލާ އަކީ ފުލުހުން އެންމެ އިންކަންދީގެން ތަހުގީގުކުރަމުން އަންނަ މައްސަލެއްކަން ފާހަގަ ކުރައްވަމުން ފުލުހުން ބުނީ މިހާރު ވެސް ޔޫއެންއޯޑީސީގެ ފަރާތުން ރާއްޖޭގައި ތިއްބެވި އިނގިރޭސި ދެ ތަޖުރިބާކާރެއްގެ އެހީތެރިކަން ފުލުހުންނަށް ލިބެމުން އަންނަ ކަމަށެވެ.

އަދި މި ހަމަލާއާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ ތެރެ ބެލެހެއްޓުމުގެ ޚާއްޞަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

1 އަދި މި ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނުވަތަ ހަމަލާ ދިން ވަގުތު އެ ސަރަހައްދުން ޝައްކުވާ އެއްވެސް ކަމެއް ފާހަގަވެފައިވާނަމަ އެ ކަމެއް ފުލުހުންގެ 9704000 ހޮޓްލައިން ނަންބަރަށް ގުޅައިގެން ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.