އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރުގެ މަގާމުން ތުލްސީ ގެބާޑް އިސްތިއުފާ ދެއްވައިފި އެވެ.
މި ނިންމެވުމުގެ އަސްލު ސަބަބެއްގެ ގޮތުގައި ގެބާޑް ދެއްކެވީ އޭނާގެ އާއިލީ ޒިންމާ އެވެ. އެގޮތުން، އޭނާގެ ފިރިކަލުންނަށް މަދުން ނޫނީ ނުފެންނަ ނުރައްކާތެރި ކަށީގެ ކެންސަރެއް ޖެހިފައިވާތީ، މި ދަނޑިވަޅުގައި ފިރިކަލުންނަށް އަޅާލުމަކީ އެންމެ އިސް ވާޖިބު ކަމަށް އޭނާ ވިދާޅުވި އެވެ.
އެކްސް މެދުވެރިކޮށް އާންމުކުރެއްވި ބަޔާނުގައި ގެބާޑް ވިދާޅުވީ ގައުމީ ސަލާމަތާ ގުޅޭ ބުރަ މަގާމެއްގެ ޒިންމާތަކާއި ފިރިކަލުންގެ ބަލި ހާލަތާއި އެ ދެކަމަށް އެއްފަހަރާ ސަމާލުކަން ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގެބާޑްގެ ޚިދުމަތަށް ޝުކުރު އަދާކުރައްވައި، އާއިލީ ސަބަބަށްޓަކައި އޭނާ ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމުމެއް ކަމަށް ވިދާޅުވެފަ އެވެ. ގެބާޑްގެ އިސްތިއުފާއާއެކު އެ އިދާރާގެ ވަގުތީ ވެރިއަކަށް ހަމަޖައްސާފައި ވަނީ އޭރޮން ލޫކަސް އެވެ.
އާއިލީ ސަބަބުތަކެއް ދެއްކެވި ނަމަވެސް، ވައިޓް ހައުސްގެ ތެރޭގައި އޮތް ބޮޑެތި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ގެބާޑް މަގާމުން "ބޭރުކޮށްލީ" ކަމަށް ބައެއް ރިޕޯޓްތަކުން ތުހުމަތުކުރެ އެވެ. އީރާނުގެ މައްސަލަތަކުގައާއި ޖާސޫސީ ދާއިރާއަށް ގެންނަން އުޅުނު އިސްލާހުތަކާ މެދު ސަރުކާރުގެ ބައެއް އިސްވެރިން ހިތްހަމަނުޖެހިފައިވާ ކަމަށް ރޮއިޓާސްއިން ބުނެ އެވެ. އަދި ރަޝިޔާއާއި ސީރިއާގެ މައްސަލަތަކުގައި ގެބާޑް ގެންގުޅުއްވާ ލުއި ސިޔާސަތުތަކުގެ ސަބަބުން ޖާސޫސީ އިދާރާތަކުގެ ތެރޭގައި ބޮޑެތި ފާޑުކިޔުންތަކެއް އޭނާއަށް ވަނީ އަމާޒުވެފަ އެވެ.
އެމެރިކާގެ ސެނެޓަރު މާކް ވޯނާ ފަދަ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި، ނޭޝަނަލް އިންޓެލިޖެންސްގެ މަގާމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ހަމައެކަނި ފަންނީ ހަގީގަތްތަކަށް ބުރަވާ ތަޖުރިބާކާރަކު ހުންނަވަންޖެހޭ ތަނެކެވެ. ނަމަވެސް ގެބާޑް ފަދަ ސިޔާސީ ބޭފުޅަކު އެފަދަ މަގާމެއްގައި ހުންނެވުމަކީ އޭގެ ޒާތުގައި ވެސް ނުތަނަވަސްކަން އުފެދުނު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެ އެވެ.
1.2 ބިލިއަން މީހުން ނަފްސާނީ ބަލިތަކާ ހަނގުރާމަ ކުރަނީ!
ޑައިވަރުން މަރުވި ހާދިސާ: ހެކި ނަގައި ފުލުހުންނާ ހަވާލުކޮށްފި
ވަލެއް އައްސަން ފޭބި މީހާ މޫދު އަޑިން ފެނިއްޖެ