ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޙަމަލާއާއި ގުޅިގެން ފުލުހުންގެ ތަހުގީގަށް އެއްވެސް ފަރާތްތެއް ހައްޔަރުކޮށްފައިނުވާތީ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދީފައި ވަނީ އެ މަނިކުފާނުގެ ކާރު ކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.
ފުލުހުން މިއަދު ބުނެފައި ވަނީ އެ ހަމަލާއަކީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށްޓަކައި އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ. އަދި ތަހުގީގުގައި އޮސްޓްރޭލިއާ ފުލުހުން ބައިވެރިވާނެ ކަމަށާއި އިނގިރޭސިވިލާތުން ވެސް އެހީތެރިކަން ލިބޭ ކަމަށް ފުލުހުން ބުންޏެވެ.
ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރެރިސްޓް ހަމަލާއަށް 10 ގަޑިއިރުވެގެން ދިޔައިރު ވެސް ހަމަލާއާ ގުޅިގެން ތަހުގީގަށް ފުލުހުން އަދި ސިފައިންގެ ބެލުމުގެ ދަށަށް ވެސް އެއްވެސް ފަރާތެއް ގެންދެވިފައި ނުވާކަމީ ޙަމަލާގެޒާތުން ނުރައްކާތެރި އަދި އެހާމެ ކަންބޮޑުވާ ކަމެއްކަމަށެވެ.
"މިއީ އިންސާނިއްޔަތަށް ދެވުނު ހަމަލާއެއްގެ އިތުރުން ފައްކާވަމުން އަންނަ ޑިމޮކުރަސީ އަށް ދެވުނު ހަމަލާއެއް. މިއީ އިސްލާމީ މިމުޖުތަމައާ ބީރައްޓެހި ނާތަހުޒީބު ފިނޑި އަމަލެއްކަމުގައި ދަންނަވަން،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ މިހަމަލާއަކީ އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން އިޔާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުން މި ގައުމަށް ލިބިގެންދާނެ ބަލި ވިސްނުމުގެ އަމަލެއް ކަމަށެވެ.
މި ލާއިންސާނީ ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށާއި އަދި މިކަމުގައި ޝާމިލްވާ ފަރާތްތައް މިހާރުން މިހާރަށް ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނެސް ގާނޫނު ބުނާ އެންމެ ހަރުކަށި އަދަބު ދިނުމަށް ޝިޔާމް ވަނީ ގޮވާލާފަ އެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު މިހަމަލާ ދިނުމުގައި ހަތަރު ފަރާތްތަކަށް ސައްކުކުރެވޭ ކަމަށް ސީޕީ ހަމީދު މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި އެމީހުން ހައްޔަރުކުރުމަށްޓަކައި ޕީޖީ އާއި ގުޅިގެން ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
މިހާތަނަށް ރައީސް ނަޝީދުގެ ކުރި ހުރިހާ ސާޖަރީއެއް ވެސް ކާމިޔާބު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.