ކޮރަޕްޝަނާ ދެކޮޅަށް ރައީސް ނަޝީދު ފައްޓަވާފައިވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި ހަމަލާ ދިން މައްސަލައާއެކު ގުޅިގެން ކުރިއަށް ގެންދާ ޖަލްސާތަކުގެ ތެރެއިން މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގައި ފައްޓަވާފައިވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށެވެ. އެމަނިކުފާނު އަލުން އަނބުރާ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން ދެން ވެސް އެ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އީވާ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ހާލުކޮޅާ ބެހޭ ގޮތުން އިވާ ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި އެމަނިކުފާނުގެ އޮޕަރޭޝަންތައް ނިންމުމަށް ފަހު ޒަޚަމްތައް ރަނގަޅުވުމުގެ މަރުހަލާ ކުރިއަށްދާ ކަމަށާއި ހާލަތު ސީރިއަސް ކަމުގައި އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދެއްވި ކަމުގައި ވިދާޅުވި އެވެ.
މި ޖަލްސާގައި ރިޔާސަތުން އެންގުންތަކެއް އެންގުމަށް ފަހު، ޖަލްސާ މެދުކަނޑާލައެވެ.
މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ކުރިއަށްދާއިރު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ގެންދަނީ ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލަ ދިރާސާ ކުރަމުންނެވެ.
ރޭ ދިން ހަމަލާއަކީ ރައިސް ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ހަމަލާއެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މިހަމަލާ ދިނުމުގައި ސައްކުކުރެވޭ 4 ފަރާތެއް ފާހަގަ ކުރެވިފައިވާ ކަމަށްވެސް ސީޕީ ހަމީދު ވަނީ ވިދާޅުވެފަ އެވެ.
އިތުރު ފަރުވާއަށް ރައީސް ނަޝީދު ބޭރަށް ފޮރުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަނީ ބުނެފަ އެވެ.