އަރަފާތް ބިމުގައި މިއަދު ހާޖީންނަށް ދިން ހާއްސަ ހުތުބާގައި މުޖުތަމައުގެ އެއްބައިވަންތަކަމާއި ތަގުވާވެރިކަމަށް ވަސިއްޔަތް ކުރައްވައިފި އެވެ.
ހައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ އަރަފާތު ދުވަހުގެ ހުތުބާ މަސްޖިދު ނަމިރާގައި މިއަދު ދެއްވީ، މަދީނާގެ މަސްޖިދުއް ނަބަވީގެ މަޝްހޫރު އިމާމު ފަޟީލަތުއް ޝައިޚް އަލީ ބިން އަބްދުއް ރަހްމާން އަލްހުޒައިފީ އެވެ.
ހުތުބާ ބިނާކުރައްވާފައި ވަނީ އިސްލާމީ އަހްވަންތަކަމާއި، އިންސާނީ ކަރާމާތާއި، އަދި ހައްޖުގެ މަތިވެރި މަގްސަދުތަކުގެ މައްޗަށެވެ.
ހުތުބާ ފައްޓަވަމުން ޝައިޚް ވަނީ މާތްﷲ އަށް ތަގުވާވެރިވުމަށް އެންމެހާ ހާޖީންނަށް ވަސިއްޔަތް ކުރައްވާފަ އެވެ. އަރަފާތް ބިމަކީ އިންސާނާގެ ނިކަމެތިކަން އިހްސާސްވާ، އަދި ގިޔާމަތް ދުވަހުގެ ބޮޑު މަހްޝަރު މަތިން ހަނދާންކޮށްދޭ ބިމެއްކަން ފާހަގަކުރައްވައި، ދުނިޔޭގެ ވަގުތީ އުފާލަށް ވުރެ އާހިރަތުގެ ބާއްޖަވެރިކަން ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ވަނީ ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
މިއަދަކީ އިލާހީ ރަހްމަތް އޮހޭ ދުވަސްކަން ބަޔާންކުރައްވައި، މާޒީގައި ކުރެވިފައިވާ ފާފަތަކަށް ތައުބާވެ، ހިތްތަކުގައިވާ ހަސަދަވެރިކަމާއި ނޭދެވޭ ސިފަތައް ދޫކޮށްލުމަށް ޝައިޚް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. ހާއްސަކޮށް، މީސްތަކުންގެ މެދުގައި އޮންނަ ޒާތީ ހަސަދައާއި، ދެބަސްވުންތައް ނައްތާލައި، އެކަކު އަނެކަކަށް މައާފްކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބާރުއެޅުއްވި އެވެ.
އަދި މުޖުތަމައުގައި އޮތް އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، އާއިލީ ގުޅުންތައް ބަދަހިކުރުމަށް ހުތުބާގައި ހާއްސަ އިރުޝާދުތަކެއް ވަނީ ދެއްވައިފަ އެވެ. ހަމައެއާއެކު މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، އަނބިދަރިންގެ ހައްގުތަކަށް ރައްކާތެރިވުމަކީ ހައްޖަކުން އެނބުރި ދާއިރު ހާޖީއެއްގެ ކިބައިން ފެންނަންޖެހޭނެ ބަދަލުތައް ކަމުގައި ޝައިޚް ވިދާޅުވި އެވެ.
ހުތުބާގައި ވަނީ އާހިރަތަށްޓަކައި ވެވޭނެ އެންމެ ބޮޑު ތައްޔާރީއަކީ މާތް ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށް، ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުން ކަމަށް ގޮވާލައިފަ އެވެ. އަދި އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކަށް ދުއާކުރުން ހުއްޓާލުމަށް ނަސޭހަތްތެރިވި އެވެ.
"ޙައްޖުގެ އަޅުކަމުގެ ތެރޭގައި އުރެދުންތަކުން ދުރުހެލިވާންޖެހޭ. އަދި ޒުވާބުކުރުމާއި، ސިޔާސީ ޝިއާރުތަކާއި ވަކި ފަރާތްތަކަށް ތާއީދުކޮށް ގޮވާލާ ގޮވާލުންތަކުން ދުރުހެލިވާންޖެހޭ،" ހުތުބާގައި ގޮވައިލި އެވެ.
ހައްޖުގެ އަޅުކަމުގެ ތެރެއިން މުސްލިމުންގެ މެދުގައި އޮންނަ އެކަކު އަނެކަކަށް އެނގި ދެނެގަތުމާއި، އެކުވެރިކަމާއި، އެއްބާރުލުމާއި، އެއްބައިވަންތަކަން ވަރަށް ސާފުކޮށް ފެނިގެންދާކަން ފާހަގަކުރައްވައި ޝައިޚް ވިދާޅުވީ ﷲ ގެ މަގުގައި ސާބިތުވެ ހުރުމުގެ އެއްބަޔަކީ ގިނަގިނައިން ދުއާކުރުން ކަމަށެވެ. ހާއްސަކޮށް ހައްޖުގެ ބަރަކާތްތެރި ބިންތަކަކީ ދުއާ އިޖާބަކުރެއްވުން އެންމެ ގާތް ތަން ކަމަށް އެންމެހާ ހާޖީންނަށް ހުތުބާގައި ނަސޭހަތްތެރިވި އެވެ.
ހިމަބިހި ފެތުރޭއިރު ސަމާލު ވާންވީ ކަންތައްތައް!
ހިމަބިއްސަށް އިތުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެ