ރައްކާތެރިނޫން ކުޅޭ އެއްޗިއްސާއި ޗާޖަރު ވިއްކުމާ ގުޅިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޓެމޫ 297 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.
ޗައިނާގެ އޮންލައިން ވިޔަފާރީގެ ބޮޑު ކުންފުންޏެއް ކަމަށްވާ ޓެމޫ މެދުވެރިކޮށް، ކުޑަކުދިންނަށް ނުރައްކާތެރި ކުޅޭ އެއްޗިއްސާއި ޗާޖަރު ވިއްކުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ، ޔޫރަޕިއަން ޔޫނިއަން އިން ވަނީ އެ ކުންފުނި 200 މިލިއަން ޔޫރޯ (297 މިލިއަން ސިންގަޕޫރު ޑޮލަރު) އިން ޖޫރިމަނާކޮށްފަ އެވެ.
ޓެކްނޮލޮޖީ ކުންފުނިތަކުން އީޔޫގެ ގަވާއިދުތަކަށް އަމަލުކުރާ މިންވަރު ބަލަހައްޓާ ޔޫރަޕިއަން ކޮމިޝަނުން ހާމަކުރި ގޮތުގައި، "މިސްޓްރީ ޝޮޕިންގް" އުސޫލުން ޓެމޫ އިން ކުރި ވިޔަފާރިތަކުން އެނގުނު ގޮތުގައި، އެ ޕްލެޓްފޯމުން ވިއްކާ ގިނަ ތަކެއްޗަކީ ކަސްޓަމަރުންނަށް ނުރައްކާވެދާނެ ތަކެއްޗެވެ.
އެގޮތުން، ޓެސްޓުކުރެވުނު ކުޅޭ އެއްޗެހީގެ ބޮޑު އިންސައްތައެއްގައި ނުރައްކާތެރި ކެމިކަލް ހުރިކަމަށާއި، އޭގެ ބައިތައް ފަސޭހައިން ވަކިވާތީ ކުޑަކުދިން ޗޯކްވެ ނޭވާ ހާސްވުމުގެ ފުރުސަތު އޮތްކަން ކޮމިޝަނުން ފާހަގަކުރި އެވެ. މީގެ އިތުރުން، އެ ތަނުން ވިއްކާ ގިނަ އަދަދެއްގެ ޗާޖަރުތައް އަސާސީ ސަލާމަތީ މިންގަނޑުތަކުން ފޭލްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ރެގިއުލޭޓަރުން ބުނާ ގޮތުގައި، ޓެމޫގެ އެލްގޮރިދަމްތައް ބައްޓަންކޮށްފައިވާ ގޮތުން، ގާނޫނާ ހިލާފު ތަކެތި އިޝްތިހާރުވުމަށް މަގުފަހިވެއެވެ.
އީޔޫގެ ޓެކްނޮލޮޖީ ކޮމިޝަނަރު ހެނާ ވިރްކޫނެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޓެމޫ އިން އެ ކުންފުނީގެ ހިދުމަތްތަކުން ކުރިމަތިވެދާނެ ނުރައްކާތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަކޮށްފައިވާ ކަމަށެވެ.
މި ޖޫރިމަނާ ކޮށްފައިވަނީ ޑިޖިޓަލް ސާވިސަސް އެކްޓް (ޑީ.އެސް.އޭ) ގެ ދަށުންނެވެ. މި ގާނޫނު ބުނާ ގޮތުން 45 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ޕްލެޓްފޯމްތަކުން، އެ ތަންތަނުގައި ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެ، އެކަންކަން ހައްލުކުރަން ޖެހެ އެވެ. މި ގަވާއިދާ ހިލާފުވާ ކުންފުނިތައް، އެ ކުންފުންޏެއްގެ އަހަރީ އާމްދަނީގެ 6 އިންސައްތައާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު އޮވެއެވެ.
ޗައިނާގެ ޕީ.ޑީ.ޑީ ހޯލްޑިންގްސްގެ ދަށުން ހިންގާ ޓެމޫ އަކީ، މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅުނު ދެވަނަ ކުންފުންޏެވެ. މީގެ ކުރިން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އީލޮން މަސްކްގެ 'އެކްސް' ވަނީ 120 މިލިއަން ޔޫރޯ އިން ޖޫރިމަނާކޮށްފަ އެވެ.
ޕީ.ޑީ.ޑީ އަކީ ޗައިނާގެ ކުދި ސިޓީތަކާއި ރަށު ސަރަހައްދުތަކަށް ހެޔޮ އަގުގައި މުދާ ވިއްކައިގެން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ މާކެޓް އަގު 2023 ވަނަ އަހަރު ވަނީ އަލީބާބާ ގްރޫޕަށްވުރެ މައްޗަށް އަރާފަ އެވެ.
ޓެމޫ ބްރޭންޑަކީ އެމެރިކާ އާއި ޔޫރަޕްގައި ޝީން އަދި އެމެޒޯން ފަދަ ކުންފުނިތަކާ ވާދަކުރާ ބްރޭންޑެކެވެ. ނަމަވެސް ޗައިނާގެ އިގްތިސާދަށް އައިސްފައިވާ މަޑުޖެހުމުގެ ސަބަބުން އެ ކުންފުނީގެ ކުރިއެރުމަށް ވަނީ ބައެއް ހުރަސްތައް ކުރިމަތިވެފަ އެވެ.
ކޮމިޝަނުން ބުނި ގޮތުގައި، އީޔޫ އިން ފާހަގަކުރި ކަންބޮޑުވުންތައް ހައްލުކުރާނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ޓެމޫ އަށް ދެ މަސް ދުވަހުގެ މުހުލަތެއް ދެވޭނެއެވެ. އަދި އެ ޕްލޭނަށް އަމަލުކުރަން ފެށޭނީ ކޮމިޝަނުން އެކަން ފާސްކުރުމުންނެވެ.
މި މުހުލަތުގެ ތެރޭގައި އެކަން ނުކޮށްފިނަމަ އިތުރު ޖޫރިމަނާތަކެއް ކުރިމަތިވާނެއެވެ. މީގެ އިތުރުން، މި ޖޫރިމަނާ ކޯޓުގައި ގޮންޖެހުމުގެ ފުރުސަތު ޓެމޫ އަށް އޮންނާނެއެވެ.
ޓްރަމްޕާ ވައްތަރު މީގޮނު ހިމާޔަތްކޮށް ޒުލަށް ލައިފި
މާ އަވަހަށް ބަރުދަން ލުއިވުމުގެ ނުރައްކާ ވަރަށް ބޮޑު!