ރާއްޖޭގެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބަން ޓެރަރިސްޓުންނަށް ޖާގައެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އެއްވެސް ބޭފުޅެއްގެ ފުރާނައަށް ގެއްލުންވާގޮތަށް ކަމެއް ކުރުމަކީ މި ފަސްގަނޑުގައި އެއްވެސް ރައްޔިތެއް ތަންދޭނެ ކަމެއް ނޫންކަން ކަމަށެވެ. އަދި އެއީ ރާއްޖޭގައި ހިނގައިގެންވާނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ޓެރަރިސްޓް ހަމަލާދިން މީހުންނާ ދިމާލަށް ޔުނިފޯމް އެޅި ބޭފުޅުން އަންނާނެ ކަމަށާއި ރައްޔިތުން ބިރުގަންނުވާފައި ނުބޭތިއްބޭނެ ކަމަށެވެ.

"މިއަދު އެ ފިލާތިބެ ނުރައްކާ ހަމަލާ ދިން މީހުން ވިސްނަވައްޗޭ އަޅުގަނޑު ދަންނަވާނީ އެ މީހުންނާ ދިމާއަށް ޔުނީފޯމް އެޅި ބޭފުޅުން ވަޑައިގަންނަވާނެއޭ. އެ ބޭފުޅުން އެ ތިބި ތަނަކުން، މިރާއްޖޭގެ މީހުން ބިރުގަންނަވައިގެން ނުގެންދެވޭނެކަން ޔަގީން ކުރާށޭ. އަޅުގަނޑަށް މިއަދު ފެއިތު އެބައޮތް އެހެން ބިރުގަންނަވާފައެއް ނުބޭތިއްބޭނެ ކަން. މި ބޭފުޅުން ހަރަކާތްތެރިވާނެ. ކުރަންވަން ޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް އެ ބޭފުޅުން ކުރައްވާނެކަމުގެ ޔަގީންކަން އަޅުގަނޑަށް ހަމަ ޔަގީނުންވެސް މި ބޭފުޅުންގެ ފަރާތުން ލިބިވަޑައިގަންނަވާ،" މާރިޔާ ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ރޭ ގޮއްވާލާފައި ވަނީ ވަރަށް ބާރުގަދަ އެއްޗެއް ކަމަށާއި އެއީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ގޮއްވާލި އައިއީޑީއަށް ވުރެ ވެސް ބާރުގަދަ އެއްޗެއް ކަމަށެވެ.

"މި އައިއީޑީގެ 'ބްލާސްޓް އިފެކްޓް' އާއި މީގެ އަޑާ މިނޫން ކަންކަމަށް ބަލާއިރުވެސް އެތަށް ދަރަޖައެއް މަތި، އަނެއްހެން ވަރަށް ބާރުގަދަ ޑިވައިސްއެއްކަން މިއީ. އަދި މީގެތެރޭގައި ހުރި ގިނަ އަދަދަކަށް ރޭޒާ ފުއްލާފައި. އެއީ ހަމަލާ ވަރުގަދަ ކުރުމަށް،" ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ރައީސް ނަޝީދަކީ އެމްއެންޑީއެފް އިން ސެކިއުރިޓީ އެންމެ ވަރުގަދަކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި ރޭ އެ ހަމަލާދިނީ މާލެއިން ބޭރުގައި އޮތް އިވެންޓަކަށް ވަޑައިގަތުމަށް އެމަނިކުފާނު ގެއިން ނުކުމެވަޑައިގެންނެވިއިރު ކަމަށް ޝަމާލް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް މިއަދު ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލައިގެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮސްޓްރޭލިއާގެ ފެޑްރަލް ޕޮލިސްގެ ޓީމެއް މާދަމާ ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ނަޝީދަށް ހަމަލާދިން ވަގުތު އެ ސަރަހައްދުގައި ހުރި މީހެއް ނަމަ، ނުވަތަ އެ ހާދިސާއާ ގުޅޭ ފޮޓޯ ނުވަތަ ވީޑިއޯއެއް ހުރި ފަރާތަކާއި، އެ ހާދިސާގެ މައުލޫމާތު އެއްވެސް ވަރަކަށް އެނގޭ ފަރާތެއް ވާނަމަ ފުލުހުންގެ ނަންބަރު 9704000 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.