ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން އިތުރު 766 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 571 މީހުން ޕޮޒިޓިވްވިއިރު، 171 މީހަކު ވަނީ އަތޮޅު ތެރެއިން ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން 23 މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 766 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 34،134 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 8،261 ގައި މިހާރު ހުރިއިރު 25،782 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 205 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 82 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.