ހެނދުނު ހޭލައިގެން ހުސްބަނޑާ ހުރެ ކާ ބައެއް ތަކެތީގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމާއި ހަޖަމު ކުރުމުގެ ނިޒާމުގެ މައި ހަބް ކަމަށްވާ ބަނޑުގެ ދިފާއީ ސެލްތަކަށް ނޭނގި ބޮޑެތި ގެއްލުންތަކެއް ލިބިދާނެ އެވެ. މަޝްހޫރު ނިއުޓްރިޝަނިސްޓަކު ހާމަކޮށްފައިވާ ގޮތުގައި، ހުސްބަނޑާ ހުރެ ކެއުން ރަނގަޅުނޫން 5 ކާނާއެއްވެ އެވެ.

1. ހުތް މޭވާ

އޮރެންޖް، ލުނބޯ، އަދި ގްރޭޕް ފްރުޓް ފަދަ ހުތް މޭވާތަކަކީ ވިޓަމިން ސީ އިން މުއްސަނދި އެއްޗެހި ކަމަށް ވިޔަސް، ހުސްބަނޑާ ހުރެ މިއިން އެއްޗެއް ކެއުމުން ބަނޑުގައި އެސިޑް އުފެދޭ މިންވަރު އިންތިހާއަށް އިތުރުވެ އެވެ. މީގެ ސަބަބުން ގޭސް އުފެދި، ބަނޑުގެ އެތެރޭގެ ފަށަލަ ތަކަށް ގެއްލުންވެ އެވެ.

2. ކޮފީ އަދި ސައި

ގިނަ މީހުން ހެނދުނު ހޭލައިގެން އެންމެ ފުރަތަމަވެސް ބޯލަނީ ހޫނު ކޮފީއެއް ނުވަތަ ސައެކެވެ. ނަމަވެސް ހުސްބަނޑާ ހުރެ ކެފެއިން އެތެރެ ވުމުން ބަނޑުގައި ހައިޑްރޯކްލޮރިކް އެސިޑް އުފެދެން ފަށަ އެވެ. މިއީ ހަޖަމު ކުރުމުގެ ނިޒާމު ހަލާކު ކޮށްލާ މޭ ނުބައިކުރުން ފަދަ އުނދަގޫތައް މެދުވެރި ކުރުވާ ކަމެކެވެ.

3. ކާބޮނޭޓެޑް ނުވަތަ ފޮނި ބުއިންތައް

ހުސްބަނޑާހުރެ ފިނިކުރި ސޮފްޓް ޑްރިންކްސް ނުވަތަ ކާބޮނޭޓެޑް ފެން ބުއިމަކީ ބަނޑުގެ ލޭ ދައުރުވުން ލަސް ކޮށްލާ ކަމެކެވެ. މީގެ ސަބަބުން ކާނާ ހަޖަމު ކުރަން އުނދަގޫވ، ބަނޑު ފުއްޕުމާއި ބަނޑުގައި ރިއްސުން ފަދަ މައްސަލަތައް ދިމާވެ އެވެ.

4. ތަރުކާރީއާއި ސެލެޑް

ރޯ ތަރުކާރީ އާއި ސެލަޑަކީ ސިއްހަތަށް ފައިދާހުރި އެއްޗެހި ކަމަށް ވިޔަސް، ހުސްބަނޑާ ހުރެ ކެއުމުން އޭގައި ހުންނަ ގިނަ އަދަދެއްގެ ފައިބަރު ހަޖަމު ކުރަން ބަނޑަށް ބޮޑު ބާރެއް ކުރެ އެވެ. މިއީ ބަނޑު ފުރުމާއި ގޭސް ހެދުމަށް މަގުފަހިވާ ކަމެކެވެ.

5. ކަރާ

ކަރާއަކީ ފެނުގެ ބައި ގިނަ، ހަށިގަނޑު ފިނިކޮށްދޭ މޭވާ އެކެވެ. ނަމަވެސް ހުސްބަނޑާ ހުރެ ގިނައިން ކަރާ ކެއުމުން އޭގައި ހުންނަ ފްރަކްޓޯސް (ގުދުރަތީ ހަކުރު) ބަނޑުގެ ދިފާއީ ޖަރާސީމު ތަކަށް ނޭދެވޭ އަސަރުކޮށް، ބަނޑު ހަލާކުވުން ފަދަ އުނދަގޫތައް ކުރިމަތި ކުރުވަ އެވެ.

ނިއުޓްރިޝަނިސްޓްގެ ނަސޭހަތް

ހެނދުނު ހޭލައިގެން ހުސްބަނޑާ ހުންނަ ވަގުތު، އެންމެ ފުރަތަމަ ތާފަނާ ފެން ތަށްޓެއް ބުއިމަށްފަހު ބަނޑަށް ލުއި އަދި ފަސޭހައިން ހަޖަމުވާ ފަދަ ކާނާއެއް (މިސާލަކަށް: ކަދުރު ނުވަތަ ހޯލް-ގްރެއިން އޯޓްސް) ކެއުން މާ ސިއްހަތަށް ފައިދާ ކުރާނެ އެވެ.