މަސްތުގެ ހާލަތުގައި ކާރު ދުއްވައިގެން ހައްޔަރު ކުރުމާ ގުޅިގެން ފަރުވާ ހޯދުމަށް ރީހެބް ސެންޓަރަކަށް ދިއުމަށްފަހު، ދުނިޔޭގެ މަޝްހޫރު ޕޮޕް ތަރި ބްރިޓްނީ ސްޕިއާސް އޭނާގެ ނަފްސާނީ އަދި ޖަޒުބާތީ މައްސަލަތަކާ ބެހޭގޮތުން ފުރަތަމަ ފަހަރަށް ފާޅުގައި ވާހަކަ ދައްކައިފި އެވެ.
ބްރިޓްނީގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާ ކުރުމަށްފަހު ފަހުން ޑިލީޓް ކޮށްފައިވާ ދިގު ޕޯސްޓެއްގައި ބްރިޓްނީ ވަނީ ފާއިތުވި އަހަރަކީ އޭނާގެ ހަޔާތުގައި "ވަރަށް ޝައުގުވެރި" އަހަރެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އޭނާގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން އާދަޔާ ހިލާފު ކަންތައްތަކެއް ހިއްސާކޮށްފައިވެ އެވެ.
ބްރިޓްނީ ހާމަކުރި ގޮތުގައި އޭނާގެ ނަފްސާނީ ގޮންޖެހުންތައް އެންމެ ބޮޑަށް ކުރިމަތިވަނީ ގޭގެ ބަދިގޭގައި ހުންނަ ވަގުތުތަކުގަ އެވެ.
"އަހަރެން ބަދިގެއަށް ވަނުމުން ވަރަށް ގިނަ ޖަޒުބާތީ މައްސަލަތަކެއް ކުރިމަތިވޭ. އެއީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގެ. ފަހަރުގައި އެއީ އާންމުކޮށް މުޅި އާއިލާ އެއްވެ، އުފާ ފާޅުކޮށް، ދުއާކޮށް އަދި ކައްކާ އުޅޭ ތަނަށް ވާތީ ކަމަށް ވެދާނެ." ބްރިޓްނީ ބުނެފައިވެ އެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި އެތައް އަހަރެއް ވަންދެން ބަދިގެއަށް ވަންނަން ބޭނުން ނުވެ ހުރުމަށްފަހު މިހާރު މެންދަމު ހޭލައިގެން ސީރިއަލް ނުވަތަ ކުދިކުދި ކާނާ ކާން ބަދިގެއަށް ދިއުމަކީ އޭނާގެ ހިތަށް ވަރަށް ބޮޑު ހަމަ ޖެހުމެއް ލިބޭ ކަމެކެވެ.
މީގެ އިތުރުން ހާސްކަމުން ދުރު ވުމަށްޓަކައި ކުރެހުމާއި، ތަފާތު އަތްތެރި މަސައްކަތްތައް ކުރުމުގައި ގިނަ ވަގުތު ހޭދަކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
ބްރިޓްނީގެ މި ވާހަކަތައް މި ފެންމަތިވީ މިއަހަރުގެ މާޗު މަހުގެ ކުރީކޮޅު ކެލިފޯނިއާގެ ވެންޗުރާ ކައުންޓީން މަސްތުގެ ހާލަތުގައި ކާރު ދުއްވުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރި މައްސަލައަށް ފަހުގަ އެވެ.
މި މައްސަލައިގައި ކޯޓުން ވަނީ ބްރިޓްނީ 12 މަސް ދުވަހުގެ ޕްރޮބޭޝަނެއްގައި ބެހެއްޓުމަށާއި، މަސްތުވާ ތަކެއްޗާ ބެހޭ ތައުލީމީ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ހުކުމް ކޮށްފަ އެވެ.
އެ ހާދިސާއަށްފަހު އޭނާ ވަނީ އަމިއްލައަށް އެދިގެން ރީހެބް ސެންޓަރެއްގައި މަސް ދުވަހަށްވުރެ ގިނަ ދުވަހު ފަރުވާ ހޯދާފަ އެވެ. އޭނާއާ ގާތް ފަރާތްތަކުން ޕޭޖް ސިކްސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ރީހެބުން ދޫކޮށްލި ފަހުން ބްރިޓްނީގެ ހާލަތު މިހާރު ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށާއި، އޭނާ ހުރީ އާ ފެށުމަކުން ހަޔާތް ފަށަން ތައްޔާރަށް ކަމަށެވެ. އެއާއެކު މިހާރު ވެސް އޭނާ ދަނީ ނަފްސާނީ އެހީތެރިކަން ހޯދަމުން ކަމަށް ވެސް އެ ފަރާތުން ހާމަކުރި އެވެ.
އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އީރާނަށް ހަމަލާދޭން ތައްޔާރު
ލޯންޗެއް އެކްސިޑެންޓުވެ، 2 މީހަކަށް ފަރުވާ ދެނީ
އާދަކޮށް ރޭގަނޑު ލަހުން ކާނަމަ ހަށިގަނޑަށް ގިނަ ބަދަލުތަކެއް!