އެމެރިކާއަށް 250 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ "ފްރީޑަމް 250" ކޮންސެޓް ސީރީޒްއިން މަޝްހޫރު ބައެއް ފަންނާނުން ވަކިވުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުޅިގަދަވެ އެ ފަންނާނުންނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް"ގައި ކުރެއްވި ދިގު ޕޯސްޓެއްގައި ޓްރަމްޕް ވަނީ އެ ކޮންސެޓްތަކުން ވަކިވި މިއުޒިކީ ގްރޫޕްތަކާއި ލަވަކިޔުންތެރިންނަކީ "އަގުބޮޑު، ނަމަވެސް ތިންވަނަ ދަރަޖައިގެ އާޓިސްޓުން" ގެ ގޮތުގައި ސިފަކޮށްފަ އެވެ.
އެއާއެކު އާޓިސްޓުން ނެތަސް، އެ ކޮންސެޓްތަކުގެ ބަދަލުގައި އޭނާ އަމިއްލައަށް އިސްވެ ހުރެ ބޮޑު ސިޔާސީ އެއްވުމެއް ބާއްވަފާނެ ކަމުގެ އިޝާރާތެއް ވެސް ވަނީ ކޮށްފަ އެވެ.
ޓްރަމްޕް ބުނި ގޮތުގައި މިއުޒިކް ކުޅޭ މީހުން ވަކިވުމަކީ މައްސަލައެއް ނޫނެވެ. ސަބަބަކީ ދުނިޔޭގެ އެންމެ ބޮޑު "އެޓްރެކްޝަން" ނުވަތަ މީހުން ބަލަން ބޭނުންވާ އެންމެ މަގުބޫލު ޝަޚުޞިއްޔަތަކީ އޭނާ ކަމަށްވާތީ އެވެ.
"ޙަޤީޤަތަކީ، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި ހުރި އެންމެ ނަންބަރު ވަން އެޓްރެކްޝަނަކީ އަހަރެން. އެލްވިސް ޕްރެސްލީ އެންމެ މަޝްހޫރު ދުވަސްވަރު އެއްކުރި މީހުންނަށްވުރެ މާ ގިނަ މީހުން އަހަރެންގެ އެއްވުންތަކަށް އާދޭ. އަދި އަހަރެން އެކަން ކުރަނީ ގިޓާއެއްވެސް ނެތި!" ޓްރަމްޕު ބުންޏެވެ.
ޓްރަމްޕް އިތުރަށް ބުނީ އޭނާ ބޭނުންވަނީ މާ ގިނައިން ފައިސާ ދޭންޖެހޭ، އެކަމަކު އުފާވެރި ކަމެއް ނެތް "އާޓިސްޓުން" ނޫން ކަމަށާއި، އޭނާގެ ވަށައިގެން ތިބެން ބޭނުންވަނީ "އުފާވެރި، އަދި މޮޅުވާން އެނގޭ މީހުން" ކަމަށެވެ.
އެހެންކަމުން ކޮންސެޓްތަކުގެ ބަދަލުގައި ވޮޝިންގްޓަންގެ ނޭޝަނަލް މޯލްގައި "އެމެރިކާ އިޒް ބެކް"ގެ ނަމުގައި ބޮޑު ރެލީއެއް ބޭއްވުމުގެ ފުރުސަތުތައް ބެލުމަށް އޭނާގެ މަންދޫބުންނަށް މިހާރު ވަނީ އަމުރު ކޮށްފަ އެވެ.
މި މައްސަލަ ފެންމަތިވީ، ޖޫން 25 އިން ޖުލައި 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ދަ ގްރޭޓް އެމެރިކަން ސްޓޭޓް ފެއާ"ގެ ތެރެއިން ބޭއްވުމަށް އިއުލާންކުރި ލައިންއަޕްގައި ހިމެނޭ ބައެއް ބޮޑެތި ފަންނާނުން ކުއްލި ގޮތަކަށް އެމީހުންގެ ނަން އަނބުރާ ގެންދިއުމުންނެވެ.
މިގޮތުން ރޮކް ލަވަކިޔުންތެރިޔާ ބްރެޓް މައިކަލްސް، ކަންޓްރީ މިއުޒިކް ތަރި މާޓީނާ މެކްބްރައިޑް، މަޝްހޫރު ބޭންޑް "ދަ ކޮމޮޑޯސް" އަދި ޔަންގް އެމްސީ ފަދަ ފަސް އާޓިސްޓުން ވަނީ ޝޯއިން ވަކިވެފަ އެވެ.
އެ ފަންނާނުން ބުނި ގޮތުގައި، އެމީހުންނަށް ފުރަތަމަ މައުލޫމާތު ލިބުނީ މިއީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތް ނުވާ ގައުމީ ހަރަކާތެއް ކަމަށެވެ.
ނަމަވެސް ފަހުން މިއީ ޓްރަމްޕްގެ ސިޔާސީ ބާރާ ގުޅިފައިވާ އަދި ބައިބައިވުން އުފެދޭ ފަދަ ހަރަކާތެއްކަން އެނގުމުން، ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަން ބޭނުންނުވާތީ ނަން އަނބުރާ ގެންދިޔައީ އެވެ. ބްރެޓް މައިކަލްސް ބުނިގޮތުގައި އޭނާގެ ސަޕޯޓަރުންނާއި ބޭންޑަށް އިންޓަނެޓްގައި ތަފާތު ބިރުދެއްކުންތަކާ ވެސް ކުރިމަތިވި އެވެ.
މިހާރު އެ ކޮންސެޓްގެ ޕޯސްޓަރުން ބާކީ ތިބީ މަދު އާޓިސްޓުން ކޮޅެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރެޕް ލަވަކިޔުންތެރިޔާ ފްލޯ ރައިޑާ އަދި ވެނީލާ އައިސް އެވެ.
ކަލްނާޔަކް ރިޓާންސް: 30 އަހަރަށްފަހު ޖެކީއާއި ސަންޖޭ އެކީގައި!