މިހާރަކަށް އައިސް ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ދިގު ބުރަ މަސައްކަތު ގަޑިތަކާއި، ގޭތެރޭގެ މަސްއޫލިއްޔަތުތަކުގެ ސަބަބުން ގިނަ ބަޔަކަށް ރޭގަނޑުގެ ކެއުން ކެވޭނީ ވަރަށް ލަސްވާ ފަހުންނެވެ.
ބައެއް މީހުން މުޅި ދުވަސް ހުސްބަނޑަށް ހުރުމަށްފަހު ނުވަތަ ސައިފޮދަކުން ފުއްދާލުމަށްފަހު ރޭގަނޑު ގެއަށް އައިސް ބޮޑު ކެއުމެއް ކަ އެވެ.
މަދު މަދުން މިހެންވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އާދަވެގެން ކޮންމެ ރެއަކު ނިދަން ކައިރިވެފައި ހުއްޓާ ގިނައިން ކެއުމަކީ ނިދުމުގެ ފެންވަރަށާއި، ބަނޑުހައިވުން ކޮންޓްރޯލްކުރާ ހޯމޯންތަކަށާއި، ލޭގެ ހަކުރަށް އަދި ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރުވާ ކަމެކެވެ.
ފިޓްނަސް ކޯޗެއް އަދި ނިއުޓްރިޝަނިސްޓެއް ކަމަށްވާ މިތުޝީ އަޖްމޭރާ ހާމަކޮށްފައިވާ ގޮތުގައި، ރޭގަނޑު ލަހުން ކެއުމުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ.
ހަށިގަނޑުގެ ބަޔޮލޮޖިކަލް ގަޑި
އަހަރެމެންގެ ހަށިގަނޑު މަސައްކަތްކުރަނީ ގުދުރަތީ ބަޔޮލޮޖިކަލް ގަޑިއެއް ނުވަތަ "ސިރްކާޑިއަން ރިދަމް" އަށް ބިނާ ކޮށެވެ. މި ގަޑީގެ ސަބަބުން ކާނާ ހަޖަމުކުރުމާއި އިންސިއުލިން ހޯމޯން މަސައްކަތްކުރާ މިންވަރާއި ބަނޑުހައިވުން އަދި ހަކަތަ ބޭނުންކުރާ ގޮތް ދުވަހުގެ އެކި ވަގުތުތަކުގައި ބަދަލުވެ އެވެ.
- ދުވާލުގެ ވަގުތު: ހަށިގަނޑު ހުންނަނީ އިންސިއުލިންއަށް މާ ބޮޑަށް ހޭނިފަ އެވެ. އެހެންކަމުން ދުވާލު ކާ ކާބޯހައިޑްރޭޓްސް ފަސޭހައިން ހަކަތައަށް ބަދަލުކޮށްދެ އެވެ.
- ރޭގަނޑުގެ ވަގުތު: ދުވަސް ނިމެމުންދާ ވަރަކަށް ހަށިގަނޑުގެ އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވެ އެވެ. އެހެންކަމުން ރޭގަނޑު ލަހުން ބޮޑު ކެއުމެއް ކެއުމުން ލޭގެ ހަކުރު ކޮންޓްރޯލް ކުރުމަށް ހަށިގަނޑަށް އުނދަގޫވެ އެވެ. ދުވާލު ކާ ހަމަ އެ ކާނާ ރޭގަނޑު ލަހުން ކެއުމުން ބަރުދަން އިތުރުވުމަށް މަގުފަހިވަނީ އެހެންވެ އެވެ.
"މީގެ މާނައަކީ ރޭގަނޑު 8 ޖަހާ ފަހުން ކާ ކޮންމެ އެއްޗަކީ ބަރުދަން އިތުރު ކުރާނެ އެއްޗެކޭ ނޫނެވެ. މައިގަނޑު މައްސަލައަކީ މުޅި ދުވަހު ނުކައި ހުރެފައި ރޭގަނޑު ނިދަން ކައިރިވެފައި ހުންނައިރު އާދަޔާ ހިލާފަށް ބަނޑުހައިވެގެން މާ ގިނައިން ކެވޭ ކެވުން ކަމަށް މިތުޝީ ފާހަގަކުރި އެވެ.
ސަމާލުކަން ދޭންވީ ކަންތައްތައް
މާހިރުން ލަފާދޭ ގޮތުގައި ހަމައެކަނި ގަޑިއަށް ބެލުމުގެ ބަދަލުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ތިރީގައިވާ ކަންކަމަށް ސަމާލުކަން ދިނުން މުހިއްމެވެ.
- ކާނާގެ ފެންވަރު: ކާ ވަގުތުގެ އިތުރުން ކަނީ ކޮން ކަހަލަ ކާނާއެއްތޯ ބެލުން.
- ނިދުމާއި ދިރިއުޅުމުގެ ހާސްކަން: އެކަށީގެންވާ ނިދި ހޯދުމާއި ސްޓްރެސް ކުޑަ ކުރުން.
- ކެއުމުގެ ދޭތެރެ ދުރު ނުކުރުން: ދުވާލުގެ ވަގުތުތަކުގައި ގަވާއިދުން ކެއުން ބެހެލުމުން، ރޭގަނޑު މާ ބޮޑަށް ބަނޑުހައި ވެގެން ގިނައިން ކެވުން މަދުވާނެ އެވެ.
ރޭގަނޑުގެ ކެއުން ނިދުމުގެ މަދުވެގެން ދެ ގަޑިއިރު ނުވަތަ ތިން ގަޑިއިރު ކުރިން ކެއުމަކީ ހަޖަމު ކުރުމުގެ ނިޒާމަށާއި އަރާމު ނިންޖެއް ލިބުމަށް އެންމެ އެދެވޭ ގޮތެވެ.
ދުއާ ލިޕާއާއި ކެލަމް ސިއްރުން ކައިވެނި ކޮށްފި
ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމުގެ އިޝާރާތެއް
މަޖިލީހުގެ ނައިބު ރައީސަކު އިންތިހާބު ކުރުން މާދަމާއަށް