ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދައި، ޖެން-ޒީ ޖީލުގެ އައިޑެންޓިޓީ އާއި ނަފްސާނީ މައްސަލަތައް ވަރަށް ތަފާތު ގޮތަކަށް ދައްކުވައިދިން އެޗް.ބީ.އޯގެ މަޝްހޫރު ޑްރާމާ ސީރީޒް "ޔުފޯރިއާ" ރަސްމީކޮށް ނިންމާލައިފިއެވެ.
ޖުމްލަ ތިން ސީޒަން އަދި 26 އެޕިސޯޑަށްފަހު، މި ސީރީޒްގެ ދަތުރު އިއްޔެއިން ފެށިގެން ނިމުމަކަށް އައިސްފައި ވާކަން ސީރީޒްގެ ކްރިއޭޓަރު ސޭމް ލެވިންސަން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
"ދަ ނިއު ޔޯކް ޓައިމްސް" ގެ ޕޮޕްކާސްޓްގައި ވާހަކަ ދައްކަމުން ސޭމް ބުނީ މަސްތުވާ ތަކެއްޗަށް ދެވި ހިފުމާއި އޭގެ ސަބަބުން ކުރިމަތިވާ ހިތްދަތި ނަތީޖާތަކުގެ މައްޗަށް ބިނާކޮށް ކިޔައިދޭން ބޭނުންވި ވާހަކަ މިހާރު މުޅިން ނިމިފައިވާ ކަމަށެވެ.
އެޗް.ބީ.އޯ އިންވެސް ވަނީ "ވެރައިޓީ" ނޫހަށް މި ނިންމުން ކަށަވަރު ކޮށްދީފަ އެވެ. އެހެން ކަމުން ދާދި ފަހުން ދެއްކި ސީޒަން 3 ގެ ފަހު އެޕިސޯޑް ވެގެންދާނީ މި ސީރީޒްގެ އެންމެ ފަހު އެޕިސޯޑަށެވެ.
2019 ވަނަ އަހަރު ފެށި މި ސީރީޒްގެ ފަހު ސީޒަން ބެލުންތެރިންނާ ހަމައަށް އައީ 4 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އެވެ. މި ސީޒަނުގައި ވާހަކަ ބިނާ ކޮށްފައިވަނީ ކެރެކްޓާތަކުގެ ހައިސްކޫލް ދައުރަށްފަހު، އެމީހުން ބޮޑެތި މީހުންގެ ގޮތުގައި ދިރިއުޅުމާ ކުރިމަތިލާ ހިސާބުންނެވެ.
- ރޫ (ޒެންޑާޔާ): މަސްތުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން ދާއިރު، ކުރީގެ ބޮޑު ދަރަނީގެ ނުރައްކަލާ ކުރިމަތިލާން ޖެހެ އެވެ.
- ކެސީ އާއި ނޭޓް: ޒުވާން ދައުރުގެ ހިތްދަތި ހާދިސާތަކާއެކު އޮޅުން ބޮޅުން ބޮޑު ގުޅުމެއްގެ ތެރޭގައި ތާށިވެ އެވެ.
- ޖޫލްސް: އާޓް ސްކޫލުގެ ވާދަވެރި މާހައުލުގައި އަމިއްލަ ނަފްސު ހޯދަން މަސައްކަތްކުރެ އެވެ.
- މެޑީ: ލޮސް އެންޖެލިސްގެ ޓެލެންޓް އެޖެންސީއެއްގެ ބެކްސްޓޭޖް މަސައްކަތް ތަކުން އާ ފެށުމެއް ފަށައެވެ.
"އަހަރެން ކޮންމެ ސީޒަނެއްވެސް ލިޔަނީ މިއީ އެންމެ ފަހު ސީޒަން ކަމަށް ބަލައިގެން. އަހަރެން ބޭނުންވީ މި ސީރީޒް އެންމެ ވަރުގަދައަށް ނިންމާލަން." ސޭމް ބުންޏެވެ.
މި ސީރީޒްގެ އުފެއްދުމުގެ ދަތުރަކީ ގިނަ ހުރަސްތަކަކާ ކުރިމަތިލާންޖެހުނު ދަތުރެކެވެ. އިންޑަސްޓްރީގެ ސްޓްރައިކްތަކުގެ އިތުރުން، މި ސީރީޒްގެ ކާސްޓުންނަށް ވަނީ ހަގީގީ ދިރިއުޅުމުގައި ބޮޑެތި ހިތްދަތިކަމެއް ލިބިފަ އެވެ.
2023 ޖުލައި މަހު، ބެލުންތެރިންގެ އެންމެ މަގުބޫލު އެއް ކެރެކްޓާ ކަމަށްވާ 'ފެޒް'ގެ ރޯލު ކުޅުނު އެކްޓަރު އެންގަސް ކްލައުޑް ވަނީ ކުއްލި ގޮތަކަށް މަރުވެފަ އެވެ. އަދި އޭގެ ފަހުން 2026 ފެބުރުއަރީ މަހު، 'ކެލް ޖޭކޮބްސް'ގެ ރޯލުން ފެނުނު އެކްޓަރު އެރިކް ޑޭން ވަނީ އޭ.އެލް.އެސް ބަލީގައި މަރުވެފަ އެވެ. ފަހު ސީޒަންގެ ފުރަތަމަ އެޕިސޯޑުގައި މި ދެ ތަރިންގެ ހަނދާނުގައި ހާއްސަ ޓްރިބިއުޓެއް ހިމަނާފައިވެ އެވެ.
ހަތް އަހަރުގެ ދިގު، އަދި އެހާމެ ކާމިޔާބު ދަތުރަކަށްފަހު "ޔުފޯރިއާ" ނިމުނު ނަމަވެސް، މިއީ ހޮލީވުޑްގެ ޓީވީ ތާރީހުގައި މިފަހަކަށް އައިސް އެންމެ ނުފޫޒުގަދަ އެއް ސީރީޒްގެ ގޮތުގައި އަބަދުވެސް ހަނދާން ހުންނާނެ އެވެ.
ގިނަ ދިވެހިންނަށް ބަރުދަން ލުއި ކުރަން އުނދަގޫވަނީ ކީއްވެ؟
އީރާނާއެކު މަޝްވަރާތައް ކުރިއަށް އެބަދޭ: ޓްރަމްޕް
މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމްގެ ނަން