ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް، ސަރަހައްދީ އެހެން ބާރުތައް ބޭނުންކޮށްގެން ހަނގުރާމަ ފުޅާކުރާނެ ކަމުގެ އިންޒާރު އީރާނުން ދެމުންދިޔަ ނަމަވެސް، އެ ގައުމާއެކު ކުރިއަށްދާ މަޝްވަރާތައް ވަރަށް ބާރުމިނެއްގައި ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލުބުނާނުގައި އިޒްރޭލުން ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށް، ބައިރޫތުގެ ދެކުނު ސަރަހައްދުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެމުންދާތީ، މެދުވެރިން މެދުވެރިކޮށް ކުރިއަށްގެންދިޔަ މަޝްވަރާތައް އީރާނުން މިހާރު ވަނީ މެދުކަނޑާލާފަ އެވެ.

ނަމަވެސް، އިޒްރޭލާއި ހިޒްބުالله އާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަކުރުމަށް ބާރުއަޅުއްވާފައިވާ ކަމަށް ޓްރަމްޕް ފަހުން ވިދާޅުވި އެވެ. ލުބުނާނުގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނެފައިވަނީ ދެފަރާތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ހިޒްބުالله އިން އެއްބަސްވެފައިވާ ކަމަށެވެ. "އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް ވަރަށް ބާރުމިނުގައި ކުރިއަށް އެބަދޭ،" ޓްރަމްޕް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެއެވެ.

އެމެރިކާއާއި އީރާނާ ދެމެދު ނުސީދާކޮށް ހަފުތާތަކެއް ވަންދެން ކުރިއަށްދިޔަ މަޝްވަރާތަކާއި، ދެމުންދިޔަ އިންޒާރުތަކާއި ވައިގެ ހަމަލާތަކަށްފަހުވެސް، ހަނގުރާމަ ހުއްޓުވުމަކަށް އައިސްފައެއް ނުވެއެވެ. އަދި ދުނިޔޭގެ ތެލާއި ގޭސް އެކްސްޕޯޓް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅިވެސް އަދި ހުޅުވިފައެއް ނުވެއެވެ.

އެމެރިކާއާއި އީރާނާ ދެމެދު އެންމެ ފަހުން ބަދަލުކުރެވުނު ހަމަލާތަކާ ދިމާކޮށް، އިޒްރޭލުން ވަނީ ލުބުނާނަށް ދެމުންދާ އެއްގަމު ހަމަލާތައް ފުޅާކޮށްފަ އެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބައިރޫތުގެ ދެކުނު ސަރަހައްދުތަކަށް ހަމަލާދީ، ހަނގުރާމަ އިތުރަށް ފުޅާކުރާނެ ކަމަށް ބުނެފަ އެވެ.

އިޒްރޭލް ސިފައިންގެ ތަރުޖަމާނު ވަނީ ބައިރޫތުގެ ދެކުނު ސަރަހައްދު (ދާހިޔާ) ގައި ދިރިއުޅޭ ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގާފަ އެވެ. މި އެންގުމާ ގުޅިގެން ގިނަ ބަޔަކު އެ ސަރަހައްދު ދޫކޮށް ދިއުމުގެ ސަބަބުން ބޮޑެތި ޓްރެފިކް ޖޭމްތައް އުފެދިފައިވާ މަންޒަރު ފެންނަ ފޮޓޯތައް އޭއެފްޕީން ވަނީ އާންމުކޮށްފަ އެވެ.

ހިޒްބުالله އިން އިޒްރޭލަށް ހަމަލާދިނުން ނުހުއްޓުވައިފިނަމަ ބައިރޫތަށް ހަމަލާދޭނެ ކަމަށް ނަތަންޔާހޫ، ޓްރަމްޕްގެ އަރިހުގައި ވިދާޅުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ލުބުނާނުގެ މައްސަލާގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމުގެ ކުރިން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ތަރުޖަމާނު ވިދާޅުވީ، ލުބުނާނުގެ ދެކުނާއި އެހެނިހެން ސަރަހައްދުތަކުގައި އަސްކަރީ ހަރަކާތްތައް އިތުރުވަމުންދާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

ސީދާ ހަނގުރާމައެއް

އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، އެމެރިކާއިން ކަނޑުގެ މަގު ބަންދުކުރުމާއި ލުބުނާނުގައި ހިންގާ އުދުވާނަކީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ހިލާފުވާކަމުގެ ސާފު ހެއްކެއް ކަމަށެވެ. އަދި ލުބުނާނާއި ޣައްޒާގައި އީރާނުން ކަނޑައަޅާފައިވާ ރަތް ރޮނގުތައް ހުރަސްކުރުމަކީ ސީދާ ހަނގުރާމައަކަށް މަގުފަހިވާނެ ކަމެއް ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ އިންޒާރު ދީފަ އެވެ.

މީގެ އިތުރުން، އީރާނާއި އެ ގައުމުގެ ބައިވެރިން ގުޅިގެން ރަތްކަނޑުގެ ދޮރުމަތީގައިވާ ބާބުލް މަންދަބު ކަނޑުއޮޅި ހިމެނޭހެން އެހެން ސަރަހައްދުތަކުގައިވެސް ހަރަކާތްތައް ފަށާނެ ކަމަށް ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވެއެވެ.

ނިއުކްލިއާ މައްސަލައިގެ ހުއްޓުން

އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބާގާއީ ވިދާޅުވީ، ނިއުކްލިއާ މައްސަލައާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް މިހާތަނަށް ކުރެވިފައި ނުވާ ކަމަށާއި، މިވަގުތުގެ އެންމެ ބޮޑު އިސްކަމަކީ ހަނގުރާމަ ހުއްޓުވުން ކަމަށެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވަނީ ކޮންމެ އެއްބަސްވުމެއްގައިވެސް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހިމެނެންޖެހޭނެ ކަމަށާއި، އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

މިދިޔަ ހަފުތާ ބަންދުގައި އެމެރިކާގެ ޑްރޯނެއް ވައްޓާލުމާ ގުޅިގެން، އެމެރިކާ ސިފައިން ވަނީ އީރާނުގެ ރާޑާ އަދި ޑްރޯން ކޮންޓްރޯލް ކުރާ މަރުކަޒުތަކަށް އަމިއްލަ ދިފާއުގައި ކަމަށް ބުނެ ހަމަލާދީފަ އެވެ. މިއީ ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއިން ދިން މިފަދަ ތިންވަނަ ހަމަލާ އެވެ. އީރާނުން ވަނީ މީގެ ބަދަލުގައި އެމެރިކާ ސިފައިން ބޭނުންކުރާ އެއާބޭސްއަކަށް ހަމަލާދީފައިވާ ކަމަށް ބުނެފަ އެވެ. ކުވެއިތުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން އީރާނުގެ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ހުއްޓުވާފައިވާ ކަމަށެވެ.